އުރުނު ބޯޓުގައި ހުރި ތެޔޮ އެހެން ބާޖަކަށް ނަގަނީ

ކާށިދޫ ފަރަށް އުރުނު ބޯޓު: ފައިލް ފޮޓޯ: އެފްއެސްއެމް

މާލެއިން ފުރައިގެން ކ. ކާށިދޫ އަށް ދަތުރުކުރަނިކޮށް ކާށިދޫ ނެރަށް އުރުނު ފިޔުލް ސަޕްލައި މޯލްޑިވްސްގެ ތެޔޮބޯޓުގައި ހުރި ހުރިހާ ތެލެއް އެހެން ބާޖަގަށް ނެގުމުގެ މަސައްކަތް ފަށައިފި އެވެ.

އެފްއެސްއެމް އިން ބުނީ "މާތޮޅި" ނަމަކަށް ކިޔާ އެ ތެޔޮ ބޯޓު ކާށިދޫ ނެރަށް އުރުނީ އިއްޔެ ހަވީރު 6:20 ހާއިރު ކަމަށެވެ. ގާތްގަނޑަކަށް 100 ފޫޓުގެ އެ ބޯޓު ފުން ކުރުމުގެ މަސައްކަތް އެފްއެސްއެމްގެ ޓަގަކާއި އެމްޕީއެލްގެ ޓަގެއް ބޭނުން ކޮށްގެން ކުރަމުންދާ ކަމަށްވެސް އެ ކުންފުނިން ބުންޏެވެ. މި މަސައްކަތުގައި އެމްއެންޑީއެފް ކޯސްޓުގާޑުންވެސް ދަނީ ހަރަކާތްތެރިވަމުންނެވެ.

ހާދިސާ ހިނގި އިރު ބޯޓުގައި 27000 ލީޓަރުގެ ޕެޓްރޯލު އަދި 180،000 ލލީޓަރުގެ ޑީސަލް ބަރުކޮށްފައި ހުރި ކަމަށާއި އޭރު އެ ބޯޓުގައި ހަ ދިވެހިން ތިބި ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

އެމްއެންޑީއެފުން ބުނީ ނެރަށް އުރުނު ބޯޓުން ތެޔޮ ލީކުވުމުގެ ނުރައްކަލެއް ނެތް ކަމަށެވެ. އަދި ބޯޓަށްވެސް އެއްވެސް ގެއްލުމެއް ވެފައި ނުވާކަމަށް އެމްއެންޑީއެފުން ބުންޏެވެ.

comment ކޮމެންޓް