މަންމައަކާއި ކުޑަ ދެކުދިން މަގުމަތިވެފައި ތިބޭތާ 11 ގަޑިއިރު ފަހުން އެހީވެއްޖެ

މަންމައާއި ދެބެއިން ގެއިން ނެރެލުމުން މަގުމަތިވެފައި: މިހާރު އެމީހުން ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި -- ސަން ފޮޓޯ

މިއަދު މެންދުރު ގޭން ބޭރުކޮށްލުމުގެ ސަބަބުން މަގުމަތިވެފައިވާ މަންމައަކާއި އޭނާގެ ދެދަރިންނަށް ފުލުހުން އެހީތެރިކަން ފޯރުކޮށްދީފި އެވެ.

އެ އާއިލާ މަގުމަތިވެފައި ތިބޭތާ އެތައް އިރެއް ފަހުން ދެބެއިންނާއި 26 އަހަރުގެ މަންމައަށް ފުލުހުން އެހީތެރިވެދިނީ މިރޭ ދަންވަރު 1:02 ހާއިރު އެވެ. ދެބެއިންގެ ތެރެއިން އެކެއްގެ އުމުރަކީ އެއްއަހަރާއި ފަސް މަހެއްވެ. އަނެއް ކުއްޖާގެ އުމުރަކީ ފަސް އަހަރެވެ.

އެކުދިންގެ ބައްޕަ "ސަން" އާ ވާހަކަ ދައްކަމުން ބުނީ އެ އާއިލާ މަގުމަތިވީ، އެ މީހުން ދިރިއުޅެމުން ދިޔަ އެ ކުދިންގެ މާމަގެ ގެއިން އެ މީހުން ނުކުތުމަށް އަންގައި ބޭރު ކުރުމުން ކަމަށެވެ. އެކަން ދިމާވީ ގޭތެރޭގައި ހިނގި ނުތަނަވަސްކަމެއްގެ ސަބަބުން ކަމަށް އެ ކުދިންގެ ބައްޕަ ބުންޏެވެ.

"ގެއަށް ކޭބަލް ޓީވީ ވާގަނޑު ވައްދަން ވެގެން މައިދައިތަ ކައިރީ ހުއްދައަށް އެހުމުން ރުޅި އައިސްގެން ގެއިން ނެރެލީ، އެފަހުން މި ތިބޭނީ ދާނެ ތަނެއް ނެތިފައި މަގުމަތީގައި،" 29 އަހަރުގެ އެ ފިރިހެން މީހާ ކިޔައި ދިނެވެ.

މަންމައާއި ދެބެއިން ފުލުހުންގެ ވެހިކަލްއަށް އަރުވައިގެން ގެންދަނީ -- ސަން ފޮޓޯ

އޭނާ ބުނީ، އާއިލާ ތެރޭ ތަފާތު މައްސަލަ ޖެހޭތާ ހަތަރު ވަރަކަށް އަހަރުވެފައިވާ ކަަމަށާއި ވަރަށް ގިނައިން މައިދައިތަ އެމީހުން ގެއިން ނެރެލާ ކަމަށެވެ. އަދި މިކަން ޖެންޑާ މިނިސްޓްރީގެ ސަމާލު ކަމަށްވެސް ގެނައިކަން އެ ފިރިހެން މީހާ ބުންޏެވެ.

"މިއަދު ވެސް ޖެންޑާއަށް ގުޅިން. ފުލުހުންގެ ފެމެލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން (އެފްސީޕީ)އިން އަންނާނެ ކަމަށް ޖެންޑާއިން އެންގި،" އޭނާ ބުންޏެވެ.

އޭނާ ބުނީ، މި މައްސަލަ ދިމާވެގެން ރަށަށް ދިރިއުޅުން ބަދަލު ކުރި ކަމަށާއި ނަމަވެސް މައިދައިތަ ބަލިވެ އުޅޭތީ، މައިދައިތަގެ އެދުމުގެ މަތިން އަނެއްކާވެސް ދިރިއުޅުން މާލެ ބަދަލު ކުރީ ކަމަށެވެ. އޭނާ ބުނީ، އެގޭގައި އަންހެނުންގެ ބޭބެއާއި ބޭބެގެ އަނބިދަރީންވެސް ދިރިއުޅެމުން އަންނަ ކަމަށެވެ. އެ އާއިލާގެ އެހެން ކުދިންނާއި އެ މީހުންނާ މެދު ވަރަށް ބޮޑަށް ތަފާތުކުރާ ކަމަށްވެސް އޭނާ ފާހަގަ ކުރިއެވެ.

"ކޮންމެ ފަހަރަކުވެސް މައިދައިތަ ގުޅާފައި ރޮމުން ބަލިވެ އުޅޭތީއޭ ބުނީމަ މާލެ އަންނަނީ. މައިދަައިތަގެ ރުހުމެއް ނޯވޭ ގޭގެ އެއްޗެހި ބޭނުންކުރަންވެސް،" އޭނާ ބުންޏެވެ. "ޖެންޑާގެ އެއްވެސް އެއްބާރުލުމެއް ނުލިބޭ. ގިނަ ފަހަރު ފޯނެއްވެސް ނުނަގާ،"

މަންމައާއި ދެބެއިން ގެއިން ނެރެލުމުން އެމީހުނެގް ތަކެތި ގެއިން ބޭރުގައި ބެހެއްޓިފައި -- ސަން ފޮޓޯ

އޭނާ ބުނީ، މިރޭ ފުލުހުންގެ އެފްސީޕީއިން އައިސް އާއިލާ ރައްކާތެރި ތަނަކަށް ގެންދިޔައީ، އެ ސަރަހައްދުން ދިޔަ ފުލުހަކަށް އެ މީހުން މަގުމަތީ ފެނިގެން ސުވާލުކުރުމަށް ފަހު ކަމަށެވެ.

މިކަމާ ގުޅިގެން ޖެންޑާ މިނިސްޓްރީއާއި ފުލުހުންގެ ބަހެއް ވަނީ ލިބޭގޮތް ނުވިއެވެ.

comment ކޮމެންޓް