ޑަބްލިއުއެޗްއޯއިން ޗައިނީސް މެޑިސިން ބަލައިގަތުމުން ރުޅިގަދަވެއްޖެ

ޗައިނީސް ބޭސްވެރިކަމުގެ ބޭނުންކުރާ އެކިއުޕަންކްޗާގެ ހިދުމަތެއް މީހަކު ހޯދަނީ---

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯ އިން ޗައިނީސް ޓްރެޑިޝަނަލް މެޑިސިން އަކީ ބޭސްވެރިކަމުގައި ބޭނުންކުރެވިދާނެ ފަރުވާއެއް ކަމަށް ބަަލައިގަތުމުން ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެއްޖެ އެވެ.

ޒަމާނުއްސުރެ ވެސް ދުނިޔޭގެ އެކި ހިސާބުތަކުގައި ބޭސްވެރިކަމުގައި ފަތްޕިލާވެލިން ތައްޔާރުކޮށްފައި ހުންނަ ބޭސްބޭނުންކުރެވެމުން ދެއެވެ. އެގޮތުން ޗައިނީސް ބޭސްވެރިކަމަކީ 2000 އަހަރަށް ވުރެ ގިނަ ދުވަސްވީ ބޭސްވެރިކަމެކެވެ.

ނަމަވެސް ޒަމާނަށް އައި ބަދަލާ އެކު ވިިހި ވަނަ ގަރުނުން ފެށިގެން އާންމުކޮށް ބޭސްވެރިކަމުގައި ބޭނުންކުރަނީ ތަފާތު ތައްޔާރީ ކެމިކަލްއިން ހަދާފައި ހުންނަ ބޭހެވެ. އަޅުގަނޑުމެން އާންމުކޮށް ބޭނުންކުރާ އެސްޕިރިން ފަދަ ބޭސްތަކަކީ ވެސް ޕެޓްރޯލިއަމް އިން އެކްސްޓްރެކްޓްކޮށް ނަގާ އެކި ކެމިކަލްތަކުން ހަދާފައި ހުންނަ ބޭހެވެ.

ޗައިނީސް މެޑިސިންއާ ދެކޮޅު ބައޯމެޑިކަލް ކޮމިއުނިޓީ އިންް ބުނީ ޗައިނީސް ބައެއް ބޭހުގައި ބޭނުންކުރާ ބައެއް ވިހަ މާއްދާތަކާ މެދު ޑަބްލިއުއެޗްއޯ އިން ވިސްނާފައި ނުވާ ކަމަށެވެ.

ސައިންޓިފިކް އެމެރިކަން މެގަޒިންއިން ޑަބްލިއުއެޗްއޯގެ އެ ނިންމުމެ މެދު ބުނީ ޗައިނީޒް މެޑިސިންއަކީ އެކަށީގެންވާ ފަރުވާއެއް ކަމަށް ސައިންޓިފިކް ގޮތުން ސާބިތުނުވާ ކަމަށާއި އަދި މިއީ ފަހަތަށް އެޅި ފިޔަވަޅެއް ކަމަށެވެ.

އެމެރިކާގެ ސްޓޮނީ ބްރޫކް ޔުނިވާސިޓީގެ ޕްރޮފެސަރެއް ކަމަށްވާ ޑރ. އާރުތާ ގްރޮލްމެން ވިދާޅުވީ ޑަބްލިއުއެޗްއޯގެ އެ ނިންމުމަކީ ސާބިތުނުވާ ފަރުވާތަކަށް ހިތްވަރުދިނުން ކަމަށާއި އަދި އޭގެ ސަބަބުން ސިއްހީ ހިދުމަތްތައް ދިނުމުގައި އިތުރަށް ހަރަދު ބޮޑުވެ ދުނިޔޭގެ އެތައް ބައެއްގެ ސިއްހަތު ނުރައްކަލަށް ހުށަހެޅިގެން ދާނެ ކަމަށެވެ.

ޗައިނީސް ބޭސްވެރިކަމަކީ މިހާރު ދުނިޔޭގައި ދެމުންގެންދާ އެންމެ އޮގަނައިޒްކޮށް ދެމުންގެންދާ ގަދީމީ ފަރުވާއެކެވެ. ގަދީމީ ޒަމާނުގައި ފާރިސީންނާއި ގްރީކްގެ ބޭސްވެރިކަމާ ވަރަށް އެއްގޮތްކަންތައްތަކެއް ޗައިނީސް ބޭސްވެރިކަމުގައި ވެސް ހުރެ އެވެ.

މީގެ ކުރިން 1929 ވަނަ އަހަރު ޗައިނާގެ ހެލްތު މިނިސްޓްރީން ޗައިނީސް ބޭސްވެރިކަމަކީ ސާބިތުނުހިފޭ ފޯކްލޯރޯ ކަމަށް ބުނެ އެ ބޭސްވެރިކަން އެއްކޮށް އުވާލުމަށް ހުށަހެޅި އެވެ. ނަމަވެސް ޗައިނާގެ ބޭސްވެރިކަން ކުރާ ފަރާތްތަކުން ކުރި ވަރުގަދަ މުޒާހަރާތަކާ ގުޅިގެން އެ ނިންމުން އަނބުރާ ގެންދިޔަ އެވެ. އޭގެ ފަހުން އެ ގައުމުން ވަނީ ޗައިނީސް ބޭސްވެރިކަމާއި މޮޑާން އެލޯޕާތިކް ބޭސްވެރިކަމަކީ ދެ ވައްތަރެއްގެ ބޭސްވެރިކަމުގެ ގޮތުގައި ބަލައިގަނެފަ އެވެ.

ޗައިނީސް ބޭސްވެރިކަމުގެ ހިދުމަތްދޭ ކްލިނިކްތަކަކީ މިހާރު ވެސް ޔޫރަޕް އަދި އެމެރިކާގައި ވަރަށް މަޝްހޫރު ކްލިނިކްތަކެކެވެ.

comment ކޮމެންޓް