ސެނެޓަރުގެ ބޮލަށް ބިސް ޖެހި ކުއްޖާއަށް ދިން 70،000 ޑޮލަރު ހަދިޔާކޮށްފި

އޮސްޓްރޭލިއާގެ ސެނެޓަރު ފްރޭޒާ އެނިންގެ ބޮލަށް 17 އަހަރުގެ ވިލް ކޮނޮލީ ބިސް ޖަހަނީ --

ކެންބެރާ (މެއި 29): : މިދިޔަ މާޗް މަހު އޮސްޓްރޭލިއާގެ ސެނެޓަރު ފްރޭޒާ އެނިންގެ ބޮލަށް ބިސް ޖެހި ވިލް ކޮނޮލީއަށް ސޯޝަލް މީޑިއާ ކެމްޕެއިނަކުން ހަދިޔާ ކުރި 70،000 ޑޮލަރު، ނިއު ޒިލެންޑުގެ މިސްކިތްތަކަށް ދިން ހަމަލާގައި އަނިޔާވި ފަރާތްތަކަށް ހަދިޔާކޮށްފި އެވެ.

އުމުރުން 17 އަހަރުގެ ކޮނޮލީ، ސެނެޓަރު އެނިންގެ ބޮލަށް ބިސް ޖެހީ މާޗް 15ގައި ކްރައިސްޓުޗާޗުގެ ދެ މިސްކިތަކަށް ދިން ހަމަލާއާ ބެހޭ ގޮތުން ދެއްކެވި ވާހަކައާ ގުޅިގެންނެވެ. އެގޮތުން އޭނާ ވަނީ މިސްކިތްތަކަށް އެ ހަމަލާ އަމާޒުވި ސަބަބަކީ ނިއު ޒިލެންޑުގެ އިމިގްރޭޝަން ޕްރޮގްރާމުގެ ދަށުން މުސްލިމުންނަށް އެގައުމަށް ހިޖުރަ ކުރުމަށް ފުރުސަތުދޭތީ ކަމަށް ވިދާޅުވެ ބަޔާނެއް ނެރުއްވާފަ އެވެ.

އޭގެ ފަހުން އެނިން ނޫސްވެރިންނާ އެކު ބޭއްވެވި ބައްދަލުވުމެއްގައި ކޮނޮލީ ވަނީ އޭނާގެ ބޮލަށް ބިހެއް ޖަހާފަ އެވެ. އަދި އެހާދިސާގެ ވީޑިއޯ އިން އެނިން، ކޮނޮލީގެ މޫނު މަތީ ޖަހާ މަންޒަރު ވެސް ފެނެ އެވެ. އެވީޑިއޯއަށް ސޯޝަލް މީޑިއާގައި ގިނަ ބަޔެއްގެ ސަމާލުކަން ލިބި އެމައްސަލައިގައި ކޮނޮލީގެ މައްޗަށް ދައުވާ ކޮށްފާނެތީ، އޭނާއަށް ބޭނުންވެދާނެ ފައިސާ ހަދިޔާ ކުރަން ބައެއް ފަރާތްތަކުން ނިންމި އެވެ.

ނަމަވެސް އެމައްސަލާގައި ކޮނޮލީގެ މައްޗަށް ދައުވާކޮށްފައި ނުވެ އެވެ. އެހެންކަމުން އޭނާ ނިންމީ އެ ފައިސާ "ކްރައިސްޓްޗާޗް ފައުންޑޭޝަން އެންޑް ވިކްޓިމްސް ސަޕޯޓް"އަށް ހަދިޔާ ކުރާށެވެ. އަދި އެފައިސާގެ ސަބަބުން ހަމަލާގައި ގެއްލުން ލިބުނު ފަރާތްތަކަށް ކޮންމެވެސް ލުޔެއް ލިބޭނެ ކަމަށް އުއްމީދު ކުރާ ކަމަށް ބުނެފަ އެވެ.

ކްރައިސްޓްޗާޗުގެ ދެމިސްކިތަކަށް ވަދެ، އޮސްޓްރޭލިއާގެ މީހަކު ބަޑިން ދިން ހަމަލާތަކުގައި 50 މީހުން މަރުވެ 48 މީހުންނަށް އަނިޔާވި އެވެ.

comment ކޮމެންޓް