ސަލްމާއާއި ގުރްއާނުގައިވާ ކަނބަލުންގެ ވާހަކަތައް 25: މަލިކާ ބަލްޤީސް 2

"އަހަރެން އެ ކޮތަރުގެ މަސް ކާނީ ވެސް ކިހިނެއް؟" މުފްތާޙު ވަރަށް އަސަރާ އެކު ވިދާޅުވިއެވެ.

އެ ގޮތަށް ކޮތަރެއް ތަދުރީބު ކުރެވެނީ އެތައް ދުވަހެއްގެ މަސައްކަތުންނެވެ. ދެން ކަންތައް ކުރާނެ ގޮތުގެ ތަދުބީރަކާ މެދު ވިސްނަވަމުން މުފްތާޙު ކާގެއިން ނުކުމެވަޑައިގަތެވެ.

*****

"އޭތީގެ ހާލު މިހާރު ކިހިނެއް؟" ޞަފިއްޔުއްދީން އެއްސެވިއެވެ.

"މިހާރު އޮތީ ނިދައިފައި." ސަލްމާ ޖަވާބު ދިނެވެ.

"ވަރަށް ބަލާތި ދަރިފުޅާ! ހަކީމު ސާހަބު ބުނުއްވައިފައި އޮތް ގޮތާ ޚިލާފަށް އެއްވެސް އެއްޗެއް ކެޔަ ދީގެން ނުވާނެ." ޞަފިއްޔުއްދީން ވިދާޅުވިއެވެ.

"ކަންބޮޑުވެވަޑައި ނުގަންނަވާ ބައްޕާ! މާފު ކުރައްވާ! ބައްޕަ އަވަހާރަ ލައްޕަވާ ގަޑި ޖެހިއްޖެ." ސަލްމާ ބުންޏެވެ.

"އަހަރެންގެ ލޮލުން ނިދި ފިލައިގެން ހިނގައްޖެ. މި ހުރިހައި ކަމެއް މި ދިމާވީ އެ ކޭމާޓު ގުރަޔާ ހެދި." ޞަފިއްޔުއްދީން ވިދާޅުވިއެވެ.

"ހުރިހާ ދޫންޏެއް ވެސް އުޅެނީ އެހެން. ކެއުން ނޫން ފިކުރެއް އޭއްޗެތީގެ ބޮލުގައެއް ނުހުރޭ." ސަލްމާ ބުންޏެވެ.

"ތިޔައީ ރަނގަޅު ވާހަކައެއް ނޫން. ދަރިފުޅާ! ތިޔައީ ކާކު ބުނި ވާހަކައެއް؟ މިސާލަކަށް ބަލަމާ ސުލައިމާނުގެފާނުން ގެންގުޅުއްވި ހުދުހުދު. އޭތި އުޅުނީ އެކަލޭގެފާނަށް ކަންކަމުގެ ޚަބަރު ގެނެސް ދިނުމުގައި. ސަބާގެ ބިމުގައި ވެސް އޭތި ކުރި ކަމަކީ އެއީ." ޞަފިއްޔުއްދީން ވިދާޅުވިއެވެ.

"ބައްޕާ ކޮން ވާހަކައެއް ތޯ ތިޔަ ވިދާޅުވަނީ؟" ސަލްމާ އެހިއެވެ.

"މި ދައްކަނީ ހުދުހުދާއި މަލިކާ ބަލްޤީސްގެ ވާހަކަ. އެ ވާހަކަ ދަރިފުޅަކަށް ނޭނގޭ ތަ؟" ޞަފިއްޔުއްދީން ވިދާޅުވިއެވެ.

"ނޫން. އެ ވާހަކަ އަޅުގަނޑަށް ކިޔައި ދެއްވާ!" ސަލްމާ ބުންޏެވެ.

"އެކަމަކު އެއީ ވަރަށް ދިގު ވާހަކައެއް. މިޔަށް ވުރެ ގިނަ ވަގުތު ބޭނުން ވާނެ." ޞަފިއްޔުއްދީން ވިދާޅުވިއެވެ.

- ނުނިމޭ -

comment ކޮމެންޓް