ސަލްމާއާއި ގުރްއާނުގައިވާ ކަނބަލުންގެ ވާހަކަތައް 24: މަލިކާ ބަލްޤީސް 1

"ބަނޑުހައި. ބަނޑުހައި." ޞަފިއްޔުއްދީނުގެ ވާހަކަ ދައްކާ ގުރާ ގޮވަމުން ދިޔައެވެ.

"އެ ގުރައަށް ވަނީ މައިދާގެ މައްސަލައެއް ޖެހިފައި. ވީމާ ދެ ދުވަސް ވާން ދެން ހަރު އެއްޗެއް ކާން ދެއްވައިގެން ނުވާނެ. ފުނޑައިފައި މިހިރަ ފަތްޕިލާވެލި އަޅައިގެން ފެން ދިނީމާ ރަނގަޅު ވާނެ." އެ ގުރާ ބައްލަވާން ދުރުވި ހަކީމު ބުނުއްވިއެވެ.

"އެއްވެސް ވަރަކަށް ނުކެވޭނެ ތޯ؟ ކުޑަ އެތިކޮޅެއް ނަމަވެސް؟" ސަލްމާ ސުވާލު ކުރިއެވެ.

"މި ދެ ދުވަހުގެ މުއްދަތުގައި، އެއްވެސް ހަރު އެއްޗެއް ކައިފި ނަމަ، އެ ސޮރުގެ ފުރާނައަށް ނުރައްކާ ވާނެ. އެ ސޮރުގެ ކުރިމަތީގައި ފެންނަ ގޮތަށް އެއްވެސް ކާ އެއްޗެއް ނުބަހައްޓާތި." ހަކީމު ބުނުއްވިއެވެ.

"ހަކީމު ބުނުއްވި ވާހަކަ އަޑު އިވިއްޖެ ތަ ދަރިފުޅާ!" ސަލްމާގެ ސަމާލުކަމަށް އެ ކަން ގެންނެވުމުގެ ގޮތުން ޞަފިއްޔުއްދީން ވިދާޅުވިއެވެ.

"އާދެ! ބައްޕާ!" ސަލްމާ ޖަވާބު ދިނެވެ.

"ދޫނިތައް ބަލިވުމުން ވަރަށް ރަނގަޅަށް ބަލަހައްޓާން ޖެހޭނެ. މި ދޫންޏަކީ ވަރަށް ބީރަށްޓެހި ދޫންޏެއް." ހަކީމު ބުނުއްވިއެވެ.

*****

"މީ ހާދަ މީރު ކޮތަރެކޭ. ކޮންތާކުން މި ގަތީ؟ މި ތާ ކައިރީގައި ހުންނަ ކާތަކެތި ވިއްކާ ތަނުން ތަ ގަތީ؟" މުފްތާޙު އެއްސެވިއެވެ.

"ބޭރުން ކާ ތަކެތި ގަނެގެން އައިސް ތޯ އަޅުގަނޑު ތިބާއަށް ކާން ދެނީ؟" މުފްތާޙުގެ އަނބި އިމްބިހާރު ބުންޏެވެ.

"އަހަރެންގެ މުޅި ހަޔާތުގައި ވެސް މިހާ މީރުކޮށް ހަދާފައި އޮތް ކޮތަރު މަސްކޮޅެއް ނުކަން." މުފްތާޙު ވިދާޅުވިއެވެ.

"ދެން ވެސް ތިބާގެ އަނބިމީހާގެ ހުނަރުވެރިކަން ފާހަގަ ކުރައްވަ ބައްލަވާ!" އިމްބިހާރު ބުންޏެވެ.

"އަހަންނަށް ޔަގީން ތިޔައީ މިގޭގައި ހެދި އެއްޗެއް ނޫން ކަން. ކޮންތާކުން ތަ އޭތި ގަތީ؟ ބުނެ ބަލަ!" މުފްތާޙު ސުވާލު ކުރެއްވިއެވެ.

"އަހަރެން އެ ނުގަންނަން. ގޭގެ ފުރާޅުމަތީގައި އިން ދިރޭ ކޮތަރެއް އަހަރެން ހިފީ. ހިފައިގެން ކަތިލައިގެން ތާޒާކޮށް އޮއްވާ ހަވާދުލައިގެން ތައްޔާރު ކުރީ." އިމްބިހާރު ބުންޏެވެ.

"ކީކޭ؟ މިގޭގެ ފުރާޅުމަތީގައި އަހަރެން ތަދުރީބު ކުރަމުން ދާ ކޮތަރު ތަ ތިޔަ ކަތިލީ؟" މުފްތާޙު ހައިރާން ކަމާ އެކު ސުވާލު ކުރެއްވިއެވެ.

"އާދެ. އެ ތަނުގައި އިންނަ ކޮތަރު. ކޮން ތަދުރީބެއް؟ އަނެއްކާ ގޯހެއް ހެދުނީ ތޯ؟" އިމްބިހާރު އެހިއެވެ.

"އަހަރެންގެ އެތައް ދުވަހުގެ މަސައްކަތް ފަނުފުލުން ތިޔަ ދުއްވާލީ، އޭ އިމްބިހާރު. މިއީ މުހިއްމު ސިޓީތަކެއް ހިފައިގެން ދިއުމަށް ޓަކައި ތަދުރީބު ކުރެވޭ ކޮތަރެއް." މުފްތާޙު ތަންކޮޅެއް އަޑު ހަރުކޮށް ވިދާޅުވިއެވެ.

"އަޅުގަނޑަކަށް އޭގެ ޚަބަރެއް ނުދެމެއް ނޫން ތޯ؟" އިމްބިހާރު ޝަކުވާގެ ރާގެއްގައި ބުންޏެވެ.

"ވަޒީފާއާ ގުޅޭ ސިއްރު ކަންކަމުގެ ވާހަކަ އަނބިމީހާއަށް ކިޔައި ދޭނީ ކިހިނެއް؟ އިސް ވަޒީރު އަހަންނަށް ފޮނުއްވާ ކުދިކުދި ލިޔުންތައް ގެނެސް ދެނީ އެ ކޮތަރު." މުފްތާޙު އެއްސެވިއެވެ.

"ދެން ފަރީއްކޮޅު ހުއްޓަވައިލެއްވީ ތޯ؟" އިމްބިހާރު އެހިއެވެ.

"މި ކާރިސާއަށް ފަހު ކޮން ކާއެއްޗެއްގެ ވާހަކަ ތަ ތިޔަ ދައްކަނީ. އެ ކޮތަރުގެ ހުރިހައި މަހެއް ތަ މިއީ؟" މުފްތާޙު ސުވާލު ކުރައްވަމުން ވިދާޅުވިއެވެ.

"ނޫން. ތިޔައީ އެއް ފަޅި. އަނެއް ފަޅި އޮންނާނެ ބާއްވާފައި. މާދަމާ ތިބާއަށް ދޭން ކަވާބު ކުރާން ވެގެން." އިމްބިހާރު ބުންޏެވެ.

"އަހަރެން އެ ކޮތަރުގެ މަސް ކާނީ ވެސް ކިހިނެއް؟" މުފްތާޙު ވަރަށް އަސަރާ އެކު ވިދާޅުވިއެވެ.

އެ ގޮތަށް ކޮތަރެއް ތަދުރީބު ކުރެވެނީ އެތައް ދުވަހެއްގެ މަސައްކަތުންނެވެ. ދެން ކަންތައް ކުރާނެ ގޮތުގެ ތަދުބީރަކާ މެދު ވިސްނަވަމުން މުފްތާޙު ކާގެއިން ނުކުމެވަޑައިގަތެވެ.

- ނުނިމޭ -

comment ކޮމެންޓް