ވެރިކަން ކުރާ ޕާޓީގެ ނިންމުން

އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ ބައްދަލުވުން ފެށުމަށް ތައްޔާރުވެފައި -- ސަން ފައިލް ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

ރައްޔިތުންގެ މަޖިލީހުގައި ރައީސަކަށް ހުންނަވާނެ ބޭފުޅަކު ވެރިކަން ކުރާ މައި ޕާޓީން ހޮވައިފި އެވެ. ރައްޔިތުންގެ މަޖިލީސްގައި އެމްޑީޕީ އަށް ބޮޑު އަޣްލަބިއްޔަތެއް އޮތުމާ އެކު އެ ޕާޓީން މަޖިލީހުގެ ރައީސް ކަމަށް ހޮވި ކެންޑިޑޭޓަކީ، މަޖިލީސް އިން ރައީސް ކަމަށް ހޮވި ކެންޑިޑޭޓް ވެސްމެ އެވެ. މަޖިލީހުގެ އާދަކާދަތައް ދުނިޔޭގައި އޮންނަ ގޮތުން، މަޖިލީހުގެ ރައީސް ކަމަށް ވަރަށް މަދު ފަހަރަކު ނޫނީ ހޮވަނީ ރައްޔިތުންގެ މަޖިލީހުގައި އެންމެ ގިނަ ގޮނޑި ކާމިޔާބު ކުރާ ޕާޓީގެ މެމްބަރެކެވެ. އެ ނޫން ގޮތަށް ހޮވޭ ފަހަރު ފަހަރު ވެސް އެހެން ގޮތަކަށް ހޮވެނީ އެ ގޮތަށް ހޮވުމަށް މަޖިލީހުގައި އެންމެ ގޮނޑި ގިނަ ޕާޓީ އިން ބޭނުން ވެގެންނެވެ. މަޖިލީހުގެ ރައީސް ކަމުގެ މަޤާމަކީ ޢާއްމު ގޮތެއްގައި، ޕާޓީގެ ތެރޭގައި، ކެމްޕޭނު ކޮށްގެން ހޯދާ ވައްތަރުގެ މަޤާމެއް ނޫނެވެ. ސަބަބަކީ އެ މަޤާމުގައި ހުންނަ މީހަކީ ސަރުކާރުން، ނުވަތަ ރައީސުލްޖުމްހޫރިއްޔާ، ނުވަތަ ބޮޑު ވަޒީރު ބޭނުންފުޅުވާ ބޭފުޅަކަށް ވާން ޖެހޭތީ ވެ އެވެ. އެ މަޤާމަކީ ވަޒީރު ފެންވަރުގެ ނުވަތަ އެއަށް ވުރެ މަތީ މަޤާމެކެވެ. ނައިބު ރައީސްގެ މަޤާމަށް ފަހު ޤައުމުގައި އޮތް އެންމެ އިސް މަޤާމެވެ. އެ މަޤާމުގައި ހުންނަ މީހަކަށް ސަރުކާރުގެ ނުވަތަ ރައީސުލްޖުމްހޫރިއްޔާގެ ފުރިހަމަ އިތުބާރު އޮންނަން ޖެހޭނެ ތީ ވެއެވެ. އަދި މަޖިލީހުގެ ޤަވައިދާއި މަޖިލީސް ހިންގާނެ ގޮތާއި މަޖިލީހުގައި މަސައްކަތް ކުރުމުގެ ތަޖުރިބާ އެ މީހެއްގެ ކިބައިގައި ހުންނަން ޖެހޭނެ ތީވެ އެވެ.

ބައެއް ކަހަލަ ކަންތައް، ތިމާގެ ނުފޫޒާއި ބާރު ދެއްކުމުގެ ގޮތުން ވެސް ޢާއްމު ކުރުމުން ފަހަތުން ގޮވާ ގޮތް ދިމާވެދާނެ އެވެ. ޕާޓީގައި ބާރު ގަދަ ލީޑަރަކު ވަކި ބޭފުޅަކު މަޖިލީހުގެ ރައީސް ކަމަށް ހޮވާނެ ކަމަށް ވިދާޅުވުމުން ކަންތައްވީ ގޮތް އަޅުގަނޑުމެންނަށް ފެނިގެން ހިނގައްޖެ އެވެ. ނިމުނު ގޮތް ވެސް އަޅުގަނޑުމެންނަށް ފެނިއްޖެ އެވެ. އެ ނިންމުމާ ހަމައަށް ދިއުމުގެ ސަބަބު ވެސް އަޅުގަނޑުމެން ނަށް އެނގިއްޖެ އެވެ. މަޞްލަހަތެވެ. ބައި ބައި ވުމާއި ދުރަށް ދިއުމަށެވެ. ދޭތެރެ ޖެއްސުމުން ދުރަށް ދިއުމަށެވެ. މި ކަމުގެ ތެރޭގައި އަޅުގަނޑުމެންނަށް އެގެން ނުވާ ކަންތައްތަކެއް ވެސް އެނގިއްޖެ އެވެ. އެކަމަކު އެގުނީތީވެ ވަރަށް އުފައުވެ އެވެ.

ރައްޔިތުންގެ މަޖިލީސްގެ ރައީސަކަށް ވުމުން އެންމެ އުނދަގޫ އުފުއްލަވަން ޖެހޭނީ ރައީސް ނަޝީދު އަށެވެ. ރައީސް ނަޝީދަކީ ޕާޓީގެ މަސައްކަތުގައި، ކުރީ ސަފުގައި، ބައެއް ފަހަރަށް މަގުމަތީގައި ވެސް ވަރަށް ޙަރަކާތްތެރިކޮށް އުޅުއްވާ ބޭފުޅެކެވެ. އަދި އެ މަނިކުފާނު ބޭނުންފުޅުވީ ވެސް ޕާޓީގެ ޕާރލަމެންޓަރީ ލީޑަރަކަށް ވާށެވެ. އެހެންނަމަވެސް އެ މަނިކުފާނަށް ކުރިން އެޅުއްވުނު ފިޔަވަޅެއްގެ ސަބަބުން، ފަހުން ރައްޔިތުންގެ މަޖިލީސްގެ ރައީސަކަށް ވެވަޑައިގެންނެވުމަށް ހާލަތު މަޖުބޫރު ކުރީ އެވެ. މިއީ އަޅުގަނޑުމެން ދެކޭ ގޮތެވެ. މަޖިލީސްގެ ރައީސަކަށް ހުންނަވާ އިރު، މަޖިލީހުގެ އެތެރޭގައި ނުވަތަ، ބޭރުގައި ނަމަވެސް ހިނގާ ޕާޓީގެ ޕާރލަމެންޓަރީ ޖަލްސާ އަކަށް ރައީސަށް ބައިވެރިވެ ވަޑައި ނުގެންނެވޭނެ އެވެ. ރަނގަޅެވެ. އެކަން މަނާ ކުރާ ޤާނޫނެއް ނެތެވެ. ޤަވައިދެއް ނެތެވެ. އެކަމަކު އެއީ މަޖިލީހުގެ އާދަ ކާދަ އެވެ. މަޖިލީހުގެ ރައީސް ވަކިފަރާތަކަށް ޖެހިވަޑައި ނުގަންނަވާ ކަން ދެއްކުމަށް ހަމަޖެހިފައި އޮންނަ ލިޔެފައި ނުއޮންނަ ޤަވައިދެކެވެ. އެހެނެއް ނޫނެވެ. ރައީސް ބޭނުންފުޅު ބަަޔަކު ރައީސްގެ ޗެންބަރަށް ގެންނަވައިގެން މަޝްވަރާ ކުރެއްވިދާނެ އެވެ.

ފާއިތުވި ދައުރުތަކަށް ބަލާ އިރު ރައްޔިތުންގެ މަޖިލީސްގެ ޖަލްސާތައް ކުރިއަށް ގެންދިއުމަށް، މި ފަހަރު ކުރީ ދައުރުތަކަށް ވުރެ ވަރަށް ބޮޑުތަން ފަސޭހަ ވާނެ އެވެ. މަޖިލީހުގައި ވެރިކަން ކުރާ ޕާޓީގެ ބޮޑު އަޣްލަބިއްޔަތެއް އޮތުމުން ނެވެ. އަދި މަޖިލީހުގައި ހިމެނޭ ބައެއް ކުދި ޕާޓީތަކުން ވެސް ސަރުކާރަށް ތާއީދު ކުރާތީވެ އެވެ. އެހެން ނަމަވެސް މަޖިލީސް ޤަވައިދާ ޚިލާފަށް ހިންގާ ނަމަ އަދަދު މަދު ކަމުގައި ވިޔަސް، ގޮއްވާ ލެވޭނެ "ބާރު ގަދަ ފަޓާސް" އަދި ވެސް މަޖިލީހުގެ ތެރޭގައި އެބަހުއްޓެވެ.

ރައީސް ނަޝީދު މަޖިލީސް ހިންގަވާ ގޮތަށް ރައްޔިތުން ތިބޭނީ ފާރަލަ އެވެ. ސަބަބަކީ އެ މަނިކުފާނަކީ ރައީސް ކަމުގެ މުސްތަޤްބަލުގެ އުއްމީދުވާރަކަށް ވާތީވެ އެވެ. މީހުން ތިބޭނީ އެ މަނިކުފާނު މަޖިލީހުގެ ގަވައިދާއި އެއްގޮތަށް ޖަލްސާތައް ހިންގެވުމާއި، ޑެމޮކްރަޓިކް ހަމަތަކުގެ މަތިން ކަންތައް ކުރައްވާތޯ ބަލަ ބަލަ އެވެ. ޤަވައިދުތަކާ އެއްގޮތަށް، މަޖިލީސްގެ ޖަލްސާތައް ހިންގުން ކަންޓުރޯލް ކުރެއްވޭތޯ ބަލަ ބަލަ އެވެ. ޕީޕީއެމްގެ ވެރިކަމުގައި މަޖިލީސްގެ ޖަލްސާތައް ހިންގި ފެންވަރުގައި ރައީސް ނަޝީދަށް ޖަލްސާތައް ނުހިންގެވޭނެ ކަން އަޅުގަނޑުމެންނަށް ޔަޤީނެވެ. އެއީ ޤާނޫނާއި، ޤާނޫނު އަސާސީ އާއި މަޖިލީހުގެ ޤަވައިދާއި ޑެމޮކްރަސީއާ ޚިލާފަށް މަސައްކަތް ކުރެއްވުމަށް ވުރެ ބޮޑަށް ޑެމޮކްރަސީގެ މަގުން ހިގުމަށް އެ މަނިކުފާނު މަސައްކަތް ކުރައްވަން ބޭނުންފުޅު ވާނެތީ ވެ އެވެ. އެ މަނިކުފާނު ހިންގަވަނީ ޑެމޮކްރަސީގެ މަގުގައި ކަން ދައްކަވަން ބޭނުންފުޅު ވާނެތީ ވެ އެވެ.

ރައީސް ނަޝީދުގެ މަސައްކަތްޕުޅަށް ބޭރު ޤައުމުތަކުން ވެސް ފާރަލާނެ އެވެ. ބޭރުގެ ސަރުކާރުތަކަށް އެ މަނިކުފާނަކީ ޑެމޮކްރަސީގެ މާތް އުޞޫލުތަކަށް ތަބަޢަ ވާ ބޭފުޅެއްކަން ޔަޤީން ކޮށް ދެއްވާފައިވެ އެވެ. ބައެއް ފަހަރު، ބައެއް ދިވެހިން ބިރުގަންނަ ދަރަޖަ އަށެވެ. މިހެން ވުމާ އެކު އެކަން ދަމަހައްޓަން ބޭނުންފުޅު ވާނެ އެވެ.

މަޖިލީހުގެ ނައިބް ރައީސް އަކަށް ރައީސް ނަޝީދުގެ ދެބޭންގެ ދެ ދަރި ކަނބަލަކު ހޮވުނީ އަޅުގަނޑު ޤަބޫލު ކުރާ ގޮތު ގައި، ދައްކަން ނުޖެހޭ ވާހަކައެއް ދައްކަން ނުޖެހޭ މަރުހަލާ އެއްގައި ދެއްކިގެން، އެކަމުގެ ސަބަބުން ނުކުތް ވާދަވެރި ކަމާއި ހަމަނުޖެހުމުގެ ތެރެއިން ހާލަތު މަޖުބޫރު ކޮށްގެން ނެރުނު ހައްލަކުން ނެވެ. ޤަޞްދުގައި "މަގޭ މީހަކު" ގެންނަން ކުރެވުނު މަސައްކަތެއް ނޫނެވެ. އެ ކަމަނާގެ ޤާބިލު ކަމާ މެދު ސުވާލެއް ވެސް ނުއުފެދެ އެވެ. އެ ކަމަނާ ހޮވުނު ގޮތް ވެސް ރަނގަޅެވެ. އަންހެން ބޭފުޅަކަށް ވީމަ އެވެ. ރާއްޖޭގެ އާބާދީ އަށް ބަލާ އިރު މަޖިލީހުގައި އަންހެން މެމްބަރުންގެ އަދަދު ވަރަށް މަދެވެ. ޖިންސުގެ ހަމަ ހަމަ ކަން މަޖިލީހުގެ ރިޔާސަތުން ވެސް ދެއްކޭތޯ މަސައްކަތް ކުރުމަކީ ރަނގަޅު ކަމެކެވެ. ބައެއް ޤައުމުތަކުގައި މަޖިލީސްގެ ނައިބު ރައީސުންނަށް ވުމަށް އެހެން ޕާޓީ އެއްގެ މެމްބަރުން ނަށް ވެސް ފުރުޞަތު ދީފައިވެ އެވެ. އެހެން ގޮތަކަށް ދަންނަވަނީ ނަމަ އަޣްލަބިއްޔަތު ކުޑަ މީހުންގެ ބައިވެރިކުރުމުގެ ފުރުޞަތު ދިނުމަށެވެ. ނުވަތަ އެ މީހުންގެ ޙައްޤުތަކަށް އިޙްތިރާމް ކުރާ ކަން ދެއްކުމަށެވެ. ރައްޔިތުންގެ މަޖިލީހުގެ ނައިބް ރައީސަކަށް މަޖިލީހުގެ ރައީސްގެ ތިމާގެ ބޭފުޅަކު ހޮވުމުގެ ކަންތަކުގެ ޙަޤީޤަތް މިހެން އޮތް ކަމުގައި ވިޔަސް، މި ވާހަކަ އަކީ މަޖިލީހުގައި ކަންތައް ކުރާ ގޮތާ މެދު ހިތްހަމަ ނުޖެހިގެން ވާހަކަ ދައްކާ މީހުން އަބަދު ވެސް ނަގާނެ ވާހަކަ އެކެވެ. ކަން ކޮންމެ ގޮތަކަށް އޮތްކަމުގައި ވިޔަސް ވާހަކަތައް ބިނާ ވާނީ ފެންނަން އޮތް ޙަޤީޤަތަށެވެ.

އާ ރައްޔިތުންގެ މަޖިލީސް މި ފެށެނީ ޑެމޮކްރެޓިކް ހަމަތަކާއި އުޞޫލުތައް ޤަބޫލު ކުރާ ކަމަށް އަބަދު ވެސް ދަޢުވާ ކުރާ ޕާޓީ އެއްގެ ވަރަށް ބޮޑު އަޣްލަބިއްޔަތެއް އޮވެގެން ނެވެ. އެ ޕާޓީގެ ގިނަ މެމްބަރުން ދެކޭ ގޮތުގައި ރައްޔިތުންގެ މަޖިލީހުގައި، އެ ޕާޓީގެ މެމްބަރުންގެ އަދަދު އެހާ ގިނަ ވީ އެ ޕާޓީ އަށް އޮތް ތާއީދު ބޮޑުކަމުން ނެވެ. ކުރިން ވެރިކަން ކުރި ޕީޕީއެމްގެ ވެރިކަމާ ހިތްހަމަ ނުޖެހިގެން އިދިކޮޅު ޕާޓީ އަށް ބައިވަރު މީހުން ވޯޓު ލި ކަމުގައިވެ އެވެ. އެކަން މިހާރު ވެސް ޕީޕީއެމްގައި ރަޖިސްޓުރީ ވެފައި ތިބި މެމްބަރުންގެ އަދަދުން ދައްކަ އެވެ. ޕާޓީ ރަޖިސްޓުރީގައި ތިބި ހުރިހާ މެމްބަރުން ޕާޓީގެ ކެންޑިޑޭޓަށް ވޯޓުލި ނަމަ މިހާރު މިދައްކާ ނަތީޖާ އަށް ވުރެ ރަނގަޅު ނަތީޖާއެއް ދެއްކީ ހެވެ. މިއީ ރިޔާސީ ނިޒާމަށް ހިނގާ ޤައުމުތަކުގައި ވަރަށް ގިނަ ފަހަރަށް ފެންނަ މަންޒަރެކެވެ. ޚާއްޞަކޮށް އެމެރިކާ ގައެވެ.

އާ މަޖިލީހާ އަޅުގަނޑުމެންގެ ވަރަށް ގިނަ އުއްމީދުތައް ވަނީ ގުޅިފަ އެވެ. އެންމެ ފުރަތަމަ ކަމަކީ ޝަރުޢީ ނިޒާމް އަލިފުން ފެށިގެން ޔާ އަށް އިޞްލާޙް ކުރުމެވެ. މީހާގެ ޢިލްމާއި ތަޖްރިބާ އާއި ޤާބިލުކަމަށް ބަލައިގެން ވަޒީފާ ދެވޭނެ ފަދަ ނިޒާމެއް ގައިމު ކުރުމެވެ. ހާމަކަން ބޮޑުކޮށް ހުރިހާ ކަމެއް ކުރާ ގޮތަށް ޤާނޫނުތައް ހެދުމެވެ. ބީލަމުން ދޫ ކުރާ ތަންތަން ވެސް އެ ބީލަން ދިޔަ ގޮތް ސާފުކޮށް ޢާއްމުންނަށް އެގޭނެ ގޮތަށް ޢިޢްލާނު ކުރެވޭނެ އުޞޫލެއް ކަނޑައެޅުމެވެ. ރައްޔިތުންނަށް އެކި ގޮތް ގޮތަށް ގެދޮރު ދޫ ކުރެވޭ އިރު، ދޫކުރެވޭ އުޞޫލާއި ދޫކުރެވުނު ގޮތް ރައްޔިތުންނަށް ޢާއްމު ކުރުމެވެ. ނަމާއި އެޑްރެހާއި ލިބުނު ޕޮއިންޓާ އެކުގަ އެވެ. މިހަކަލަ ގޮތަކަށް މަސައްކަތް ކުރެވުމުން ކަރަޕްޝަނުގެ ދޮރު ހަނިވެގެން ދާނެ އެވެ. އެހެންނަމަވެސް މުޅިން ނުހުއްޓުވޭނެ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް