އެމްފައިސާ މެދުވެރިކޮށް މިހާރު ވިލާ ގޭހަށް ފައިސާ ދެއްކޭނެ

އުރީދޫ އެމްފައިސާ ބޭނުންކޮށްގެން ވިލާ ގޭހަށް ފައިސާ ދެއްކޭނެ ނިޒާމް ތައާރަފު ކުރުން -- ފޮޓޯ: އުރީދޫ

އުރީދޫ އެމްފައިސާ ބޭނުންކޮށްގެން ވިލާ ގޭހަށް ފައިސާ ދެއްކޭނެ ނިޒާމެއް ތައާރަފުކޮށްފި އެވެ.

މިއަދު ތައާރަފުކުރި މި ހިދުމަތާއެކު، މިހާރު ކޮންމެ ތަނަކު ހުރެގެންވެސް ވިލާ ގޭހަށް އޯޑަރުކޮށް ފައިސާ ދެއްކޭނެ އެވެ.

މި ހިދުމަތް ތައާރަފު ކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވިލާ ޝިޕިން އެންޑް ޓްރޭޑިންގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރަޝީދާއި އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ، ނަޖީބް ހާން ބައިވެރިވެ ވަޑައިގެންނެވި އެވެ.

މިއަދު ތައާރަފުކުރި ހިދުމަތާ ގުޅޭގޮތުން ނަޖީބް ހާން ވިދާޅުވީ އުރީދޫގެ އަމާޒަކީ، ޑިޖިޓަލް ޓެކްނޮލޮޖީގެ އެހީގައި، ކަސްޓަމަރުންގެ ދިރިއުޅުމަށް އިތުރު ފުރިހަމަކަމެއް ގެނެސްދީ، އާންމު ދިރިއުޅުމުގައި ކުރާ މަސައްކަތްތަކަށް ލުއިކަމެއް ފޯރުކޮށްދިނުން ކަމަށެވެ.

"މިގޮތުން އެމް-ފައިސާ އަކީ އެއް ޕްލެޓްފޯމެއްގައި އެންމެ ގިނަ ބިލްތަކެއް ދައްކާލެވޭ ޚިދުމަތް. މި ޕްލެޓްފޯމުގު ޕާޓްނަރުންގެ ވިއުގައަށް ވިލާ ގޭސް އަށް މަރުހަބާ ކިޔައި، މިކަމުގެ ސަބަބުން ވިލާ ގޭސް ބޭނުންކުރައްވާ ކަސްޓަމަރުންނަށް އިތުރު ފަސޭހަކަމެއް ލިބިގެންދާނެކަމަށް އުއްމީދުކުރަން،" ނަޖީބް ހާން ވިދާޅުވި އެވެެ.

އުރީދޫ އެމް-ފައިސާ އަކީ ކޮންމެތަނަކުން، އަދި ކޮންމެ ވަގުތެއްގައިވެސް، ޑިޖިޓަލް ވޮލެޓެއް މެދުވެރިކޮށް ފައިސާ ޖަމާކޮށް، ފައިސާ ނަގައި، އެއް އެކައުންޓުން އަނެއް އެކައުންޓަށް ފައިސާ ފޮނުވައި، ތަފާތު ހިދުމަތްތަކަށް ފައިސާ ދެއްކުމަށް މަގުފަހިކޮށްދޭ ޑިޖިޓަލް ޕޭމަންޓް ސޮލިއުޝަނެކެވެ.

ކަރަންޓު، ފެން ފަދަ ޔޫޓިލިޓީ ބިލްތަކަށް އެއްތަނަކުން ފައިސާ ދެއްކެވުމަށް ބޭނުންކުރެވޭ ޑިޖިޓަލް ޕްލެޓްފޯމް އެކެވެ. މީގެ ތެރޭގައި އުރީދޫ، ސްޓެލްކޯ، އެމްޑަބްލިއުއެސްސީ، މީޑިއާނެޓް ފަދަ ގިނަ ކުންފުނިތަކުގެ ބިލުތަކަށް ފައިސާ ދެއްކޭނެ އެވެ. މީގެ އިތުރުން ރަމަޟާން މަހުގެ ތެރޭގައި، އުރީދޫ އެމް-ފައިސާ މެދުވެރިކޮށް ފިތުރު ޒަކާތްވެސް ދެއްކޭނެ އެވެ.

comment ކޮމެންޓް