ސަލްމާއާއި ގުރްއާނުގައިވާ ކަނބަލުންގެ ވާހަކަތައް 23: އައްޔޫބުގެފާނުގެ އަނބިކަމަނާ 3

"ދަރިފުޅާ ސަލްމާ! ކިހިނެއް ވެފައި ތި އިނީ؟" ޞަފިއްޔުއްދީން އެއްސެވިއެވެ.

"ބައްޕާ! މި ޝަޙްތޫތަކީ ބޮޑު ބޮލު ރިހުމެއް." ސަލްމާ ބުންޏެވެ.

"އެކަމަކު އޭނައަކީ ދަރިފުޅުގެ ބޮޑުބޭބެގެ ދަރިފުޅުކަން ހަނދާން ކުރަން ވާނެ. އަދި އެއީ މިހާރު އަހަރެމެންގެ މެހުމާނެއް. މެހުމާނުންނަށް ކަމޭ ހިތުމަކީ ވާޖިބެއް." ޞަފިއްޔުއްދީން ވިދާޅުވިއެވެ.

"އަޅުގަނޑަށް ތިޔަ ކަން އެނގޭ ބައްޕާ. އެކަމަކު ކަންތައް މާ މައްޗަށް ހިނގައްޖެ. އޭނާ އަހަރެންގެ ހާއްސަ ސެންޓުފުޅި ވެސް ނަގައިގެން ގޮސް އޭނާގެ ހިމާރު ހަސްހަސް ގައިގައި އުނގުޅަނީ." ސަލްމާ ބުންޏެވެ.

"އޭނާގެ ދިފާއުގައި ބުނާނެ އެއްޗެއް ނޭނގޭ. އޭނާއަކީ ސޭކެކޭ ބުނުން ކަން ނޭނގޭ އެންމެ ރަނގަޅު ވާނީ. ވީމާ ހިނގާ ކުޑަކޮށް ކެތްތެރި ވަމާ." ޞަފިއްޔުއްދީން ވިދާޅުވިއެވެ.

"ހަމަ ޔަގީނުން ވެސް ތިޔަ ދެބަފައިން ވާހަކަ ތިޔަ ދައްކަނީ އަހަންނާ މެދު." ޝަޙްތޫތު ބުންޏެވެ.

"ހާދަ ސީދާއޭ." ޞަފިއްޔުއްދީން ވިދާޅުވިއެވެ.

"އަހަރެންގެ މަންމަ ވެސް ބުނޭ، އަހަރެމެން އެއްބަނޑު އެއްބަފާ ހުރިހާ ބެއިންގެ ތެރެއިން އެންމެ ވިސްނުން ތޫނީ އަހަރެން ކަމަށް." ފަހުރުވެރިކަމާ އެކު ޝަޙްތޫތު ބުނެލިއެވެ.

"ބޮޑުބޭބެގެ އަންހެނުންނަކީ މިސްކީނެއް." ސަލްމާ ބުންޏެވެ.

"ކެތްތެރިވޭ. ދޫ ކޮންޓްރޯލު ކުރޭ. ދަރިފުޅާ ސަލްމާ!" ޞަފިއްޔުއްދީން ވިދާޅުވިއެވެ.

"އަޅުގަނޑު މަސައްކަތް އެބަ ކުރަމޭ ބައްޕާ." ސަލްމާ ބުންޏެވެ.

"ބޮޑުބޭބެ އަވަހާރެލެއްޕެވުމުގެ ކުރީން ކޮންމެ ރެޔަކު ވެސް ސަލްމާއަށް ވާހަކައެއް ކިޔައިދެއްވާ ކަމަށް ވަދީދާ ދައްތަ ބުނި. އެ ގޮތަށް ވާހަކަ ކިޔައިދެއްވަންޏާ އޭނާގެ ވިސްނުން ހުންނާނީ ކުޑަކުއްޖެއްގެ ވިސްނުމުގައި. ދުވަހަކު ވެސް އޭނާ ތަސައްރަފު ފުދޭ އަދި ހަރުދަނާ މީހަކަށް ނުވާނެ." ޝަޙްތޫތު ބުންޏެވެ.

"ބައްޕައަށް އިވޭ ތޯ؟ދެން އެއްޗެކޭ ނުބުނެ ހުންނާން ވީ ތޯ؟" ސަލްމާ ބުންޏެވެ.

"އެއްވެސް އެއްޗެކޭ ނުބުނެ ހުންނާތި ދަރިފުޅާ! އަހަރެން އަހަރެންގެ ދަރިފުޅަށް ވާހަކަ ކިޔައިދެނީ އެއިން އިބްރަތް ހާސިލު ކުރުވުމަށް ޓަކައި. މި ގޮތުން ދެން އަހަރެން އޭނާއަށް ކިޔައިދޭނީ ތިމާއަށް ކުރިމަތި ވާ ބޮޑެތި ކަންކަމަށް ކެތްތެރިވުމުގެ މުހިއްމު ކަމާ ގުޅޭ ވާހަކައެއް." ޞަފިއްޔުއްދީން ވިދާޅުވިއެވެ.

"ތިޔައީ މިހާރު ވަރަށް ބޭނުން ވެފައިވާ ކަމެއް. ބައްޕާ!" ސަލްމާ ބުންޏެވެ.

- ނުނިމޭ -

comment ކޮމެންޓް