ވިލިނގިލީގެ މައި ޖަނެރޭޓަރު ހަލާކުވެ، ކަނު އަނދިރީގައި

ގއ. ވިލިނގިލި: އެރަށުގައި ކަރަންޓްގެ މައްސަލަ ވަނީ ކުރިމަތިވެފައި -- ފޮޓޯ/ ޖަމްޝީދު އަލީ

ގއ. ވިލިނގިލީ އިންޖީނުގޭ މައި ޖަނެރޭޓަރު ހަލާކުވެ، ކަރަންޓް ދިނުމަށް ދަތިތަކެއް ވެއްޖެ އެވެ.

ވިލިނގިލީ އިންޖީނުގޭ ޖަނެރޭޓަރުތަކަށް މީގެ ކުރިންވެސް ދޭތެރެ ދޭތެރެއިން ކަރަންޓް ކެޑުމުގެ މައްސަލަ ކުރިމަތިވެއެވެ.

ވިލިނގިލން ވާހަކަ ދެއްކި މީހަކު "ސަން" އަށް ކިޔައި ދިން ގޮތުގައި މިއަދު ހަވީރު 5:00 އިން ފެށިގެން އެކި ހިސާބުތަކުން ކޮންމެ 30 މިނިޓަކުން ދަނީ ކަރަންޓް ކެނޑެމުންނެވެ.

ވިލިނގިލީ އިންޖީނުގެއާ ހަވާލާދީ ވިލިނގިލީ ކައުސިލްގެ ރައީސް، މުސްތަފާ މުހައްމަދު މިރޭ "ސަން" ވިދާޅުވީ، ކަރަންޓް ކެނޑުމުގެ މައްސަލަ ކުރިމަތިވަނީ އިންޖީނުގޭގެ 800 ކިލޯ ވޯޓުގެ ޖަނެރޭޓަރު ހަލާކުވުމުން ކަމަށާއި މިހާރު ކަރަންޓް ދެމުން އަންނަނީ 800 އާއި 500 ކިލޯ ވޯޓުގެ ޖަނެރޭޓަރުން ކަމަށެވެ.

"މެއިން އެއް ޖަނެރޭޓަރު ހަލާކުވުމުން މިހާރު ކަރަންޓް ދެމުން އަންނަނީ ދެ ޖަނެރޭޓަރުން. އެއިން މުޅި ރަށަށް ކަރަންޓު ނުދެވޭ. އެކި ހިސާބުތަކުން ދަނީ ކަރަންޓް ކެނޑެމުން،"

މުސްތަފާ ވިދާޅުވީ ކަރަންޓުގެ މައްސަލަ ހައްލުކުރަން ދެ ދުވަސް ނަގާނެ ކަމަށް އިންޖީނުގެއިން މައުލޫމަތުދޭ ކަމަށެވެ.

ވިލިނގިލީގައި ކަަރަންޓް ކެނޑި ރަށް އަދިރީގައި -- ސަން ފޮޓޯ/ ކިޔުންތެރިއެއް

ވިލިނގިލީގެ ކަރަންޓްގެ މައްސަލަ ކުރިމަތުވަމުން އަންނަތާ މިހާރު ހަތަރު ވަރަކަށް އަހަރުވެފައިވާ ކަމަށާއި އަދިވެސް އެދެވޭ ހައްލެެއް އައިސްފައި ނުވާ ކަމަށް މުސްތަފާ ވިދާޅުވި އެވެ.

ވިލިނގިއްޔަށް ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދެމުން ދަނީ ފެނަކަ ކޯޕަރޭޝަނުންނެވެ. މުސްތަފާ ވިދާޅުވީ، ވިލިނގިލީގެ ކަރަންޓް މައްސަލަ ސަރުކާރާއި ފެނައިކެގެ އިސްވެރިންގެ ސަމާލު ކަމަށް މީގެ ކުރިންވެސް ތަކުރާރުކޮށް ގެނެސްފައިވާނެ ކަމަށާއި މިހާތަނަށް އެދެވޭ ހައްލެއް އައިސްފައި ނުވާ ކަމަށެވެ.

"ފެނައިކައިން ސީރިއަސް ކޮށް މިކަމާމެދު ދެކެން ޖެހޭ. ފެނައިކައިގެ ދޯހަޅި ކަމުން މިހިސާބަށް މިކަން މިދަނީ. މިއީ ކައުންސިލުން ވަރަށް ހިތާމަޔާއެކު ފާހާގަ ކުރާ ކަމެއް. ކަރަންޓު މައްސަލަތައް ހައްލުކުރުމާ ގުޅޭގޮތުން ފެނަކައިން އެދެވޭ ޖަވާބެއް ދީފައި ނުވޭ،" މުސްތަފާ ވިދާޅުވިއެވެ.

މިކަމާ ގުޅިގެން ފެނައިގެ ބަހެއް ހޯދުމަށް އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ސައީދު މުހައްމަދަށް ގުޅުމުން ފޯނަށް ޖަވާބު ނުދެއްވާތީ އެކުންފުނީގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފައެވެ.

ވިލިނގިލީގައި މައި ޖެނެރޭޓަރު ހަލާކުވެ ކަަރަންޓު ދިނުމުގައި ދަތިތަކެއް ދިމާވެފައިވާއިރު، ރަމަޟާން މަސް ފެށިގެން ވަރަށް ގިނަ ރަށްތަކުން ކަރަންޓް ކެނޑުމުގެ މައްސަލަ ވަނީ ކުރިމަތިވެފައެވެ.

comment ކޮމެންޓް