2014 ވަނަ އަހަރު މަޖިލިސް މެމްބަރުންނަށް އިންޒާރުދިން މީހުން ހޯދައިފި

މީގެ ފަސް އަހަރުކުރިން، 2014 ވަނަ އަހަރު 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންނަށް މަރުގެ އިންޒާރު ދިން މީހުން ހޯދިފައިވާ ކަމަށް، ގޮތް ނޭނގޭ މަރުތަކާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށް އުފެއްދި ރިޔާސީ ކޮމިޝަނުން ބުނެފި އެވެ.

އެ ކޮމިޝަނުން މިއަދު ކުރި ޓްވީޓެއްގައި ބުނީ، 2014 ވަނަ އަހަރު ޖުލައި އަދި އޮގަސްޓް މަސްތެރޭ މަޖިލިސް މެމްބަރުންތަކަކަށް މަރުގެ އިންޒާރު ދީފައިވާ ފަރާތްތައް އެ ކޮމިޝަނަށް އެނގިފައިވާ ކަމަށެވެ. ނަމަވެސް އެއީ ކޮން ބައެއް ކަން އެ ކޮމިޝަނުން ހާމައެއް ނުކުރެއެވެ.

އެސްއެމްއެސް މެދުވެރިކޮށް އެމްޑީޕީގެ ހަތަރު މެމްބަރަކަށް އެ ދުވަސްވަރު ވަނީ އިންޒާރު ދީފައެވެ. އެއީ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ އާއި އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމާ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް އަދި އޭރުގެ މައްޗަށްގޮޅީ އުތުރު ދާއިރާގެ މެންބަރު، މިހާރުގެ ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީއަށެވެ.

ކާކުކަން ނޭނގޭ ނަމްބަރަކުން އެ ހަތަރު މެމްބަރުންނަށް މެސެޖްކޮށްފައިވަނީ "ފާޑުފާޑަށް އުޅޭ ކަމުގައިވާ ނަމަ މަރާލާނަން" ކަމަށް ބުނެ އެވެ.

އޭރު އިދިކޮޅު ފަރާތްތަކުގައި ތިއްބެވި އިރު، ސަރުކާރާ ދެކޮޅު މެމްބަރުންނަށް އިންޒާރުދީ ބިރުދައްކަމުން ދެމުންދާ ކަމަށް ބުނެ އެފަރާތްތަކުން އޭރު ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅު ކުރިއެވެ. ނަމަވެސް އެ ދުވަސްވަރު މެމްބަރުންނާ އިންޒާރުދިން މައްސަލަ ބެލިފައެއް ނުވެއެވެ.

comment ކޮމެންޓް