ރޮހިންގާ މުސްލިމުން މަރާލި ސިފައިންގެ ހުކުމް ތަންފީޒުކޮށް ނުނިމެނީސް ދޫކޮށްލައިފި

2017 ވަނަ އަހަރުގެ ޑިސެމްބަރު މަހު މިޔަންމާގެ އިން ޑިން އަވަށުގައި މަރާލި 10 ރޮހިންގާ މުސްލިމުން -- ފޮޓޯ: ރޮއިޓާސް

ނޭޕީޑޯ (މެއި 28): މިޔަންމާގައި 10 ރޮހިންގާ މުސްލިމް ފިރިހެނުން މަރާލި ހަތް ސިފައިން މީހުންގެ މައްޗަށް ކުރި ހުކުމް ތަންފީޒުކޮށް ނުނިމެނީސް އެމީހުން ދޫކޮށްލާފައިވާ ކަމަށް ރޮއިޓާސްއިން ރިޕޯޓުކޮށްފި އެވެ.

ދެހާސް ސަތާރަ ވަނަ އަހަރު މިޔަންމާގެ އަސްކަރިއްޔާ އިން ރާހީން ސްޓޭޓުގައި ކުރިއަށްގެންދިޔަ އަނިޔާވެރި އޮޕަރޭޝަނާ ގުޅިގެން އެގައުމުން ހުކުމް ކުރި ހަމައެކަނި ސިފައިންނަކީ އެއީ އެވެ. އަދި މިދިޔަ އަހަރުގެ އޭޕްރިލް މަހު އެ ހަތް ސިފައިންގެ މައްޗަށް ކޯޓުން ކުރި ހުކުމަކީ 10 އަހަރަށް ޖަލަށްލާށެވެ.

ނަމަވެސް އިއްޔެ މިޔަންމާގެ ޕްރިޒަން ޑިޕާޓްމެންޓުގެ ތަރުޖަމާނަކު ވިދާޅުވި ގޮތުގައި އެއް ހަތް މީހުން މިހާރު ތިބީ ހައްޔަރުގައެއް ނޫނެވެ. އަދި އޭގެ ތެރެއިން އެކަކާ ހަވާލާދީ ރޮއިޓާސްގައިވާ ގޮތުން އެމީހުން ދޫކޮށްލީ މިދިޔަ ނޮވެމްބަރު މަހު، އެ މައްސަލައާ ބެހޭ ގޮތުން ވާހަކަ ނުދެއްކުމަށް އަންގައިފަ އެވެ.

ރޮހިންގާ މުސްލިމުންގެ ބޮޑު އާބާދީއެއް އޮންނަ ރާހީން ސްޓޭޓުގެ އިން ޑިން އަވަށުގައި 10 ފިރިހެނުން މަރާލި މައްސަލަ ރިޕޯޓު ކުރީ ރޮއިޓާސްގެ ދެ ނޫސްވެރިން ކަމަށްވާ ވާ ލޫން އާއި ޗޯ ސޯ އޫ އެވެ. އެރިޕޯޓާ ގުޅިގެން 2017ގައި ދެ ނޫސްވެރިން ހައްޔަރު ކޮށް ހަތް އަހަރަށް ޖަލަށް ލާން ހުކުމް ކުރި ނަމަވެސް، މި މަހުގެ ހަތް ވަނަ ދުވަހު އެދެ މީހުން ވަނީ ދޫކޮށްލާފަ އެވެ. އެއީ ދެ ނޫސްވެރިންނަށް ވެސް ރައީސް މާފު ދެއްވުމުންނެވެ.

އިން ޑިން އަވަށުގައި ހިނގި ހާދިސާއާ ބެހޭ ގޮތުން ރޮއިޓާސްއިން ނެރުނު ރިޕޯޓުގައި އެގައުމުގެ ސަލާމަތީ ފައުޖުތަކުގެ މެމްބަރުންނާއި އެއަވަށުގެ ބުޑިސްޓުން ވަނީ މުސްލިމުން މަރައި، އެމީހުންގެ ގެތަކުގައި ރޯކުރި ކަމަށް އެއްބަސްވެފަ އެވެ.

އެރިޕޯޓުގައިވާ ގޮތުން އެ 10 މީހުންނަކީ މިޔަންމާ ސިފައިންގެ ހަމަލާތަކުން ސަލާމަތްވުމަށް އިން ޑިން އަވަށުގެ ގޮނޑުދޮށަށް އެއްވެފައި ތިބި މީހުންގެ ތެރެއިން ސިފައިންގެ މީހުން ހޮވި 10 ފިރިހެނުންނެވެ. އަދި ސިފައިން އޭގެ ތެރެއިން އަށް މީހެއްގެ ގަޔަށް ބަޑި ޖަހާ މަރާލި އިރު، ބާކީ ދެ މީހުންގެ ކަރު ބުރި ކުރުމަށް ފަހު މަރާލީ އަވަށުގެ ދެ ބުޑިސްޓުންނެވެ. އެރިޕޯޓާއެކު ރޮއިޓާސްއިން ވަނީ މަރާލި ރޮހިންގާ މުސްލިމުންގެ ފޮޓޯވެސް އާއްމުކޮށްފަ އެވެ.

އޭގެ ސަބަބުން ރާހީން ސްޓޭޓުގައި މީހުން މެރުމުގައި ސިފައިން ބައިވެރިވި ކަމަށް މިޔަންމާއިން އެއްބަސްވި އެވެ. ނަމަވެސް އެގައުމުގެ އަސްކަރިއްޔާ އިން ވަނީ އެހަމަލާ ދިފާއުކޮށްފަ އެވެ. އަދި ސިފައިން އެ 10 މީހުން މަރާލީ އެއީ "ބަންގުލަދޭޝްއަށް ނިސްބަތްވާ ޓެރަރިސްޓުން" ކަމަށްވާތީ އާއި އެމީހުން ދިން ހަމަލާއަކަށް ބަދަލު ހިފުމުގެ ގޮތުން ކަމަށް ބުނެފަ އެވެ.

ރޮހިންގާ ދަރިކޮޅުގެ މީހުން މިޔަންމާގައި ދިރިއުޅޭތާ ގަރުނުތަކެއްވެފައިވީ ނަމަވެސް އެ ގައުމުން ދެކޭ ގޮތުގައި އެއީ އެގައުމަށް އެތެރެވެފައިވާ ބަންގުލަދޭޝްގެ ބަޔެކެވެ. އަދި ރޮހިންގާއިންނަށް ރަށްވެހިކަން ދިނުން ފަދަ ހައްގުތަކުން އެމީހުން ވަނީ މަހުރޫމްކޮށްފަ އެވެ.

މިޔަންމާގެ އަސްކަރިއްޔާ އިން ރާހީން ސްޓޭޓުގައި ކުރިއަށްގެންދިޔަ އޮޕަރޭޝަނުގެ ސަބަބުން 730،000 އަށް ވުރެ ގިނަ ރޮހިންގާއިންނަށް އަމިއްލަ ވަޒަން ދޫކޮށް ދާން ޖެހުނު ކަމަށް އދ.އިން ބުނެ އެވެ.

comment ކޮމެންޓް