ސަރުކާރެއް އެކުލަވާލުމުގައި ނަތަންޔަހޫ ނާކާމިޔާބުވުމުން އިސްރާއީލުގައި އަލުން އިންތިޚާބު ބާއްވަނީ

އިސްރާއީލުގެ ހަރުކަށި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ

ޓެލްއަވީވް (މޭ 28) : އިސްރާއީލުގައި އައު ސަރުކާރެއް އެކުލަވާލުމުގައި އެ ގައުމުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ނާކާމިޔާބުވެ ވަޑައިގަތުމާ އެކު އިސްރާއީލުގައި އަލުން އާންމު އިންތިޚާބެއް ބޭއްވުމަށް ޕާލަމެންޓްގެ ގިނަ މެންބަރުންތަކެއް ހުށަހަޅައިފި އެވެ.

އިސްރާއީލުގެ ޕާލަމެންޓްގައި ހިމެނޭ 120 މެންބަރުންގެ ތެރެއިން 66 މެންބަރުން ވަނީ އައު ސަރުކާރެއް އެކުލަވާލުމުގައި ނަތަންޔާހޫ ނާކާމިޔާބުވެ ވަޑައިގެންފައިވާތީ ޕާލަމެންޓް އުވާލައި އަލުން އާންމު އިންތިޚާބެއް ބޭއްވުމަށް ހުށަހަޅާފައިވާ ބިލަށް ތާއީދު ކުރައްވާކަން ހާމަކުރައްވާފަ އެވެ. މިބިލްގެ ބަހުޘް ކުރިޔަށްދިޔައިރު އެކަމާ ދެކޮޅު ހަދާފައި ވަނީ ޕާލަމެންޓްގައި ހިމެނޭ 120 މެންބަރުންގެ ތެރެއިން 44 މެންބަރުންނެވެ. އެހެންކަމުން މި ބިލްގެ ބަހުޘް ނިމި ޕާލަމެންޓްގެ ތަޅުމުގައި ވޯޓަށް އަހާ އިރު މަދުވެގެން 66 މެންބަރުން (ޕާލަމެންޓްގެ ދެބައިކުޅަ އެއްބައި)ގެ ތާއީދު ލިބޭނެކަން ކަށަވަރުވެފައިވާތީ މިބިލް ފާސްވެ އަލުން އިންތިޚާބަކަށް ދާންޖެހޭނެކަން މިހާރުވަނީ ގާތްނގަނޑަކަށް ޔަގީންވެފަ އެވެ.

އިސްރާއީލުގައި އާންމު އިންތިޚާބު ބޭއްވީ މިދިޔަ އެޕްރީލް މަހުގެ 9 ގައެވެ. މިއިންތިޚާބުގައި ނަތަންޔާހޫގެ ލިކުޑް ޕާޓީއަށް 35 ގޮނޑި ކާމިޔާބު ކުރެވުނު އިރު އިދިކޮޅު ލީޑަރު ބެނީ ގެންޓްޒް ގެ "ބްލޫ އެންޑް ވައިޓް" ޕާޓީއަށް ވެސް ކާމިޔާބުކުރެވިފައި ވަނީ 35 ގޮނޑިއެވެ. ނަމަވެސް ޕާލަމެންޓްގެ ބައެއް ގޮނޑިތައް ކާމިޔާބުކުރި ޔަހޫދީ ހަރުކަށި ފިކުރުގެ ޕާޓީއެއްކަމަށްވާ "ޔިސްރެއިލް ބެއިޓެއިން" ޕާޓީން ނަތަންޔާހޫގެ ޕާޓީއާ ގުޅި ކޯލިޝަން ހެދުމުން އިސްރާއީލުގައި އަލަށް ސަރުކާރެއް އެކުލަވާލުމުގެ މަސައްކަތް އެގައުމުގެ ރައީސް ރިއޮވިން ރިވްލިން ހަވާލުކުރެއްވީ ނަތަންޔާހޫ އާއެވެ.

ފަހުން ނަތަންޔާހޫގެ ލިކުޑް ޕާޓީ އާއި "ޔިސްރެއިލް ބެއިޓެއިން" ޕާޓީ މައްސަލަޖެހި ސަރުކާރެއް އެކުލަވާލުމުގައި މި ދެ ޕާޓީ ވަނީ މުޅިން ނާކާމިޔާބުވެފަ އެވެ. މިކަން ނާކާމިޔާބުވުމުން ނަތަންޔާހޫ މަސައްކަތް ކުރެއްވީ އިސްރާއީލުގެ ކަނާތުފިޔައިގެ ހަރުކަށި ކުދި ޕާޓީތަކާގުޅިގެން ކޯލިޝަން ސަރުކާރެއް އެކުލަވާލުމަށެވެ. ނަމަވެސް ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއް ނަތަންޔާހޫގެ މައްޗަށް ކުރިމަތިވި އެމައްސަލަތައް މިހާރު ވެސް ތަހްގީގް ކުރެވެމުންދާތީ މިކުދި ޕާޓީތައް ވެސް ވަނީ ނަތަންޔާހޫއާ އެކު ކޯލިޝަން ހެދުމަށް ދެކޮޅު ހަދާފައެވެ. މިއާއެކު ސަރުކާރެއް އެކުލަވާލުމުގައި ނަތަންޔާހޫ މިވަނީ ނާކާމިޔާބުވެ ވަޑައިގެންފަ އެވެ. އައު ސަރުކާރެއް އެކުލަވާލުމަށް އިސްރާއީލުގެ ރައީސް ރިއޮވިން ރިވްލިން ނަތަންޔާހޫ އަށް ދެއްވި މުއްދަތު މިރޭގެ ނިޔަލަށް ހަމާވާއިރު ޕާލަމެންޓް އުވާލައި އަލުން އިންތިޚާބެއް ބޭއްވުމާބެހޭ ބިލް މާދަމާ އިސްރާއީލުގެ ޕާލަމެންޓުން ފާސްކުރާނެ ކަމަށް ޚަބަރުތައް ބުނެ އެވެ. (ނޫސްއެޖެންސީތައް)

comment ކޮމެންޓް