ޖަލު އޮޑިޓް: ގައިދީންނަށް އަނިޔާ ކުރޭ، ގޮޅިތަކުގެ ހާލަތު ދަށް

ގައިދީން ތަކެއް ޖަލުގައި ދަނޑު ހެއްދުމުގެ މަސައްކަތުގައި --- ސަން ފޮޓޯ/ އަހުމަދު ޝަރުވާން

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމާ ހަވާލުވުމަށް ފަހު އެމަނިކުފާނުގެ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ހިމެނިގެން އެކުލަވާލި ޖަލުތަކުގެ ހާލަތު ބަލާ ކޮމިޝަނުން ތައްޔާރުކުރި ބޯ އޮޑިޓް ރިޕޯޓް މަހެއްހާ ދުވަސް ފަހުން ހޯމް މިނިސްޓްރީ އިން މި ވަނީ އާންމުކޮށްފަ އެވެ. ޖަލުތަކުގައި ހުރި މައްސަލަތައް ރަނގަޅު ކުރަން 180އަށް ވުރެ ގިނަ ލަފާ އެ ރިޕޯޓުގައި ދީފައިވާއިރު، އެ އެ ލަފާތަކުން ޖަލުތަކުގެ ހާލަތު ވަރަށް ވެސް ރަނގަޅަށް ހާމަވެ އެވެ. ޖަލުތަކުގައި އަދިވެސް އަނިޔާ އޮތް ކަމާއި ޖަލު ގޮޅިތަކުގެ ހާލަތު ވަރަށް ރަނގަޅަށް ރިޕޯޓްގައި ވަނީ ތިލަކޮށްފަ އެވެ.

ޖަލުތައް ބައިނަލްއަގުވާމީ މިންގަނޑުން ބޭރުގައި

ޖަލު އޮޑިޓް ރިޕޯޓުން ހާމަވެގެން ދިޔަ އެންމެ މުހިންމު އެއް ކަމަކީ ޖަލުތަކުގައި ގައިދީންނަށް ލިބެން ޖެހޭ ބައެއް ހައްގުތައް ފުރިހަމަ ނުވާ ކަމާއި، ބައިނަލްއަގުވާމީ މިންގަނޑުތަކަށް ދިވެހި ބައެއް ޖަލުތައް ނުފެތޭކަމެވެ.

ރިޕޯޓުން ހާމަވާ ގޮތުގައި ގިނަ ޖަލުތަކުގައި ނިދަންވުމުން، ޖަލުގެ އަލިކަން ފަނޑުކުރުމަށް ނުވަތަ ގަދަ ކުރުމުގެ އިހްތިޔާރެއް ގައިދީންނަށް ލިބިގެން ނުވެ އެވެ. އެހެންކަމުން، ގައިދީން ނިދާ ގަޑި ޖެހުމުން އަލިކަން ފަނޑުކުރެވޭފަދަ ގޮތަކަށް ޖަލުގެ ހުރިހާ ގޮޅިއެއްގެ އެތެރެއަށް ރަނގަޅަށް އަލިވަންނާނެ ގޮތަށް ބޮކި ހަރުކުރުމާއި ގޮޅިތަކުގައި ހުރި ފާހާނާތަކަށް ބޮކީގެ އަލިވާނެ ނިޒާމެއް އަށް މަސް ދުވަހުގެ ތެރޭގައި ހަމަޖެއްސުމަށް ރިޕޯޓުގައި ލަފާދީފައިވެ އެވެ.

ޖަލު ކޮމިޝަނުން އެކުލަވާލި ޖަލު އޮޑިޓް ހޯމް މިނިސްޓަރަށް އަރުވަނީ: ޖަލުތަކުގައި ހުރި މައްސަލަތައް އެ ރިޕޯޓުން ހާމަވޭ -- ސަން ފޮޓޯ/ އަހްމަދު އަވްޝަން އިލްޔާސް

ފޮތް ކިޔުމަށް ގައިދީންނަށް ބޭނުންވާ މިންވަރަށް ގުދުރަތީ އަލި ބައެއް ގޮޅިތަކަށް ނުވަންނަކަން ފާހަގަކޮށްފައިވެ އެވެ. އަލި ވަންނަ ގޮތަށް ޖަލު ގޮޅިތައް ބަދަލު ކުރުމަށް ވެސް ރިޕޯޓުގައި ލަފާދީފައިވެ އެވެ. އެއީ، އަނދިރީގައި ފޮތް ކިޔުމަކީ ލޮލަށް ގެއްލުންވާ ކަމެއް ކަމަށް ވާތީ ކަމަށް ވެސް އޮޑިޓްގައިވެ އެވެ.

ބޮޑުންނަށް މޮޅުގޮތް

އެ ރިޕޯޓުގައި ފާހަގަވި އެހެން ކަންތައްތަކުގެ ތެރޭގައި ޖަލުތަކަށް ގެންނަ ދައުލަތުގެ އިސް މަގާމުތައް އަދާކޮށްފައި ތިބި މީހުންނާއި އާދައިގެ މީހުންނަށް އަސާސީ ހިދުމަތްތައް ދިނުމުގައި ތަފާތު ކުރުން ގެންގުޅުން ހިމެނެ އެވެ. އެއ ޖަލުތަކުގައި ހުންނަން ޖެހޭ މިންގަނޑު ކަނޑައަޅާ މަންޑޭލާ ރޫލްސްއާ ހިލާާފު ކަމެއްކަން ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ. އެހެންކަމުން، ރިޕޯޓު އާންމު ކުރާތާ 15 ދުވަހު ތެރޭގައި އެ ތަފާތުކުރުންތައް ނައްތާލަން ލަފާދީފައިވެ އެވެ.

ސާފުތާހިރުކަން ކުޑަވެ ތަންމަކުނު

ރިޕޯޓުގައިވާ ގޮތުން މާލޭ އެނެކްސް ޖަލުގައި ތަންމަކުނު ގިނަ ވުމުގެ އުނދަގޫ ވަރަށް ބޮޑެވެ. އަދި ތަންމަކުނުގެ ސަބަބުން ގައިދީންނަށް ހަމުގެ މައްސަލަތައް ކުރިމަތިވެއެވެ. އެހެންކަމުން، އެތަނުގައި މިހާރު ނިދަން ގެންގުޅޭ ތަކެތި ނައްތާލައި، ޕެސްޓް ކޮންޓްރޯލު ކުރާ ބަޔަކާ ގުޅިގެން ދެ މަސް ދަވަހުގެ ތެރޭގައި އެ މައްސަލަ ހައްލު ކުރުމަށް ރިޕޯޓުގައި އަންގާފައިވެއެވެ. އޭގެ އިތުރުން، ގައިދީން ގެންގުޅޭ ބާލީސް ފަދަ ތަކެތީގެ ސާފުތާހިރުކަން ބެލެހެއްޓޭނެ ނިޒާމެއް ވެސް އެކުލަވާލުމަށް ލަފާދީފައިވެއެވެ.

ސެނިޓަރީ ނެޕްކިންސްއާއި ޕެޑު ފަދަ ތަކެއްޗަކީ އަންހެނުންނަށް ޒަރޫރީ އެއްޗަކަށް ވާއިރު އެ ތަކެތި ޖަލުތަކުގައި އާންމުކޮށް ލިބެން ނުހުންނަކަން ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. ރިޕޯޓުގައި ލާފާދީފައި ވަނީ މިއަދުުން ފެށިގެން ޖަލުތަކުގައި ބަންދުކޮށްފައި ތިބި އަންހެނުންނަށް އެ ތަކެތި ލިބޭނެ އިންތިޒާމު ކުރުމަށެވެ.

މޯލްޑިވްސް ޕޮލިސް ސާވިސްގައި ހުންނަ އޮންލައިން ޕޯރޓަލްއިން ކޮންމެ ބަންދުމީހެއްގެ މައުލޫމާތު އޮފިސަރަކަށްވެސް ބެލެން ހުރިކަން ކޮމިޝަނަށް ފާހަގަކުރެ އެވެ. އެހެންކަމުން، އެޗްއައިވީ ފަދަ ބަލިތައް ހުންނަ މީހުން ވަކި ކުރަން އޮފިސަރުންނަށް އެނގި، އެމީހުންނާ މެދު އިހާނެތިކޮށް ކަންތައް ކުރާކަމަށް އެ ކޮމިޝަނުގެ ރިޕޯޓުގައިވެ އެވެ. އެފަދަ އަމަލުތަކުން ރައްކާތެރިކުރުމަށްޓަކައި ގައިދީންނާއި ބަންދުމީހުންގެ މެޑިކަލް ފައިލަށް އެކްސެސް އޮންނަންވާނީ ހަމައެކަނި ޑޮކްޓަރާއި، ނަރުހާއި، އަދި މެޑިކަލް އިންޗާޖަށް އެކަނި ކަމަށް އެއް މަސް ދުވަހުގެ ތެރޭގައި ހަމަޖެއްސުމަށް ލަފާ ދީފައިވެއެވެ.

މާފުށިޖަލުގައި ޑީޕީއާރުއެސްގެ އޮފިސަޅުންތަކެއް ހަރަކާތްތެރިވަނީ: މާފުށީގައި މަރުގެ ހުކުމް ތަންފީޒު ކުރާ ތަނެއް ހެދުމަށް އަންނަ އަހަރުގެ ބަޖެޓުގައި ވަނީ ހިމާނާފައި --ސަންފައިލް ފޮޓޯ

ޖަލުތަކުގެ ގޮޅިތަކާއި ފާޚާނާތަކުގެ ސާފުތާހިރުކަން ކުޑަ ކަމާއި، އެކަން މެދުވެރިވާ މައިގަނޑު ސަބަބަކީ އެކަށީގެންވާ ގޮތަކަށް ފާހާނާ ސާފުކުރުމަށް ބޭނުންވާ ކެމިކަލް ފޯރުކޮށްނުދިނުން ކަމަށް ރިޕޯޓުގައި ބުނެފައިވެ އެވެ. އެހެން ކަމުން، ފާހާނާ ސާފު ކުރަން އަދި އަންނައުނު ދޮންނަން ބޭނުންވާ ފަދަ ކެމިކަލްތައް އެއް މަސް ދުވަހުގެ ތެރޭގައި ފޯރުކޮށްދޭން ފަށަން ލާފާ ދީފައިވެެ އެވެ.

ޖަލުތަކުގައި އަދިވެސް އަނިޔާ ކުރޭ

ޖަލުތަކުގައި ދޭ އަދަބެއްގެ ގޮތުން މީހުން އެކަހެރިކޮށް ބަންދުކޮށްފައި ބޭތިއްބުމަކީ މިހާރުވެސް ކުރަމުންދާ ކަމެއްކަން ރިޕޯޓުގައި ފާހަގަކޮށްފައިވެ އެެވެ. އެއީ މަންޑޭލާ ރޫލްސް އާއި ކޮންވެންޝަން އެގެއިންސްޓް ޓޯޗާއާ ހިލާފު ކަމެއްކަމަށް ބުނެ ފަސް ދުވަހުގެ ތެރޭގައި އެކަން ހުއްޓާލުމަށް ރިޕޯޓުގައި ލަފާދިފައިވެއެވެ.

ކޮމިޝަނުން ޖަލުތަކަށް ކުރި ޒިޔާރަތްތަކުގައި އެ ކޮމިޝަނުން ވަނީ ގައިދީންގެ ވާހަކަތައް ވެސް އަޑު އަހައިފަ އެވެ. އަދި އެ ގައިދީންނަށް ޖަލުތަކުގައި ކުރި ކަމަށް ބުނާ އަނިޔާގެ ވާހަތައް އެ ރިޕޯޓުގައި ވަނީ އެ ގައިދީންނާ ހަވާލާދީ ހާމަކޮށްފަ އެވެ.

އެގޮތުން ދޫނިދޫ ކަސްޓޯޑިއަލްގައި ހުރި ވައްކަމުގެ މައްސަލައެއްގައި ހައްޔަރު ކުރި މީހެއްގެ ވާހަކައެއް ހާމަކޮށްފައިވެ އެވެ. އޭނާ ފުރަތަމަ ކުށުގެ ތުހުމަތުގައި ހައްޔަރުކޮށް ބަންދަށް ގެންދެވުނީ ގަލޮޅު ޕޮލިސް ސްޓޭޝަނަށްކަމާއި ގަލޮޅު ޕޮލިސް ސްޓޭޝަނަށް ގެންގޮސް ފުރަތަމަވެސް "ތޅއ މަރާލާނެކަމަށް" ބުނެފައިވާކަމަށް އެ މީހާ ކޮމިޝަނަށް ކިޔައިދީފައިވެ އެވެ.

އޭނާ ކިޔައިދިން ގޮތުގައި، ވެއްދިގޮތަށް ބޮކްސާނޫން އެހެން ހުރިހާ އަންނައުނެއް ބާލައި، މުޅި ހަށިގަނޑުގެ އެކި ތަންތަނުގައި ތަޅާ އަނިޔާކޮށްފައިވާކަމަށެވެ. އަދި އެވަރަށް ތެޅުމުން އޭރު އެމީހުންކުރި ތުހުމަތަށް އެއްބަސްވީކަމާއި، އެއަށްފަހު ފުރަތަމަ 91 ގަޑިއިރުނުވަނީސް އަތޮޅުވެހިން ދޫކޮށްލުމަށް ފަހު އަނެއްކާވެސް ހައްޔަރުކޮށްގެން ގެންދިޔަ ކަމަށް އެ މީހާ ކިޔައިދިނެވެ. އަދި ކުށަށް އެއްބަސްވީ ތެޅުމުން ކަމަށް އެ މީހާ ބުނެފައިވެއެވެ.

އެހެން މީހަކު ކޮމިޝަނަށް ބުނެފައި ވަނީ، އޭނާ ހައްޔަރުކުރި ވަގުތު ފުލުހުން ވަރަށް ބޮޑަށް އަނިޔާކޮށް، ކަރުގައި ހިފާ، މަރާލާނަމޭ ބުނިކަމަށާއި، އަދި އޭރުއްސުރެ ކަރުން ލޭ އަންނަ ކަމަށާއި މިކަމުގެ ސަބަބުން ވަރަށް ވޭނުގައި އުޅެން ޖެހޭ ކަމަށެވެ. އަނިޔާކުރުމުގެ ސަބަބުން އުނަގަނޑަށް ތަދުވާކަމަށާއި އެހެންނަމަވެސް ދޫނިދޫގައި ތިބި ޑިއުޓީ އޮފިސަރުން ވަރަށް ހެޔޮކޮށް ކަންތައްކުރިކަމަށް އޭނާ ކޮމިޝަނަށް ކިޔައިދީފައިވެއެވެ.

އަދި ސ. ހިތަދޫ ޕޮލިސް ސްޓޭޝަނުގައި ބަންދުކޮށްފައި ހުރި މީހަކު ކިޔައިދީފައި ވަނީ އޭނާ އެސްއޯ ފުލުހަކާ ދިމާލަށް އަނގަބަހުން އެއްޗެއް ބުނުމުން، ޑިއުޓީ އޮފިސަރު ލައްވައި ގޮޅި ހުޅުވައި ގޮޅި ތެރެއަށް ވަދެ، ބޫޓުން ތަޅައި، ކުޅު ޖަހައި އަނިޔާ ކުރި ކަމަށެވެ.

އޭގެ އިތުރުން، މީގެ ކުރިން ޖަލުގައި ހިނގާފައިވާ މަރުގެ މައްސަލައެއް ހިނގާފައި ވަނީ، ގައިދީއަކު އެހެން ގައިދީއަކާ ދިމާލަށް މަރާލާނެ ކަމުގެ އިންޒާރު ދީފައި ވަނިކޮށް، އެ ދެމީހުން އެއް ގޮޅިއަށް ލުމުން ކަމަށްވެސް ގައިދީންނާ ހަވާލާދީ ކޮމިޝަނަށް ކިޔައިދީފައިވެ އެވެ.

ސިއްހީ ކަންކަން ރަނގަޅުކުރަން ގިނަ ލަފާތަކެއް

ޖަލުތަކުގައި މީހުންނަށް ބަލި ޖެހޭ ވާހަކަތާއި، ޖަލުގައި ބަލިވެގެން މީހުން މަރުވާ ވާހަކަތަކީ އާންމު ވާހަތަކެވެ. އެފަދަ ކަންކަން މަދު ކުރެވޭނެ ގިނަ ހައްލުތަކެއް ޖަލު އޮޑިޓް ރިޕޯޓުގައި ހުށަހަޅާފައިވެއެވެ.

ޖަލުތަކުގެ އާބާދީ ބޮޑުވާ މިންވަރަށް އެ ތަންތަނުގައި މަސައްކަތް ކުރާ ސިއްހީ ދާއިރާގެ އޮފިޝަލުންގެ އަދަދު އިތުރެއް ނުވެއެވެ. އެކަމަށް ހަލެއް ގެނައުމަށް ރިޕޯޓުގައި ލަފާ ދީފައި ވަނީ އާބާދީއާ އެއްވަރަށް ޖަލުތަކަށް ސިއްހީ ދާއިރާގެ މުވައްޒަފުން ނެގުމަށެވެ.

އަދި ރިޕޯޓް ހިއްސާކުރާތާ ހަ މަސް ދުވަހުގެ ތެރޭގައި ޖަލުތަކާއި ކަސްޓޯޑިއަލްތަކުގައި ތިބޭ ހުރިހާ އޮފިސަރުންނަކީ ނޭޝަނަލް ހެލްތް އެކަޑަމީ އާ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އާގުޅިގެން ބޭސިކް ލައިފް ސަޕޯރޓް ތަމްރީން ފުރިހަމަކޮށްފައިވާ މުވައްޒަފުންނަށް ހަދަން ލަފާ ދީފައިވެއެވެ. އަދި ޑޮކްޓަރުންނާއި ނަރުހުންނަށް އެޑްވާންސް ލައިފް ސަޕޯޓު ޓްރެއިނިން ދިނުމަށް ވަނީ ލަފާދިފައެވެ.

ޖަލުތަކުގެ ވަކި ގޮޅިތަކަށް ކޮންމެ ދުވަހަކުވެސް ނަރުހުން ގޮސް ޤައިދީންގެ ހާލުބަލައި، އެމީހުންނަށް ދިމާވެފައިވާ ސިއްހީ މައްސަލަތައް އޮޅުންފިލުވައި، ޓްރައޭޖް ކުރެވޭނޭ ނިޒާމެއް ޖަލުތަކުގެ މެޑިކަލް ނިޒާމްގެ ތެރޭގައި އެކަށައަޅަން ވެސް ރިޕޯޓުގައި ލަފާދީފައިވެއެވެ. އެކަން ކުރަން ލަފާ ދީފައި ވަނީ ދެ މަސް ދުވަސް ތެރޭގައެވެ.

މާލޭ ޖަލު---ސަން ފޮޓޯ: މުހައްމަދު އަފްރާހް

އަދި ކޮންމެ ޖަލެއްގައި، ބޭނުންވާ ސާމާނު ހުންނަ، އޯޕީޑީ ރޫމެއް ހަ މަސް ދުވަހުގެ ތެރޭގައި ގާއިމް ކުރުމަށް ލަފާދީފައިވެއެވެ. އަދި އެތަނުގައި ދުވާލަކު 25 މީހުން ބެލޭނެ އިންތިޒާމު ގާއިމް ކުރަން ލާފާ ދީފައިވެއެވެ. އޭގެ އިތުރުން، ޖަލުތަކުގައި އިމަޖެންސީ ރޫމްތައް ގާއިމް ކުރުމަށާއި، ޖަލުތަކުގައި ހުންނަ ކްލިނިކްތަކުން ގައިދީންނަށް އާސަންދަ ލިބޭނެ ގޮތް ހަމަޖެއްސުމަށްވެސް ލަފާ ދީފައިވެއެވެ.

ދާއިމީ ބަލިތައް ހުންނަ ބަލިމީހުންނަށް ފަރުވާ ދިނުމާ ގުޅޭ ލަފާވެސް ރިޕޯޓުގައި ވަކިން ހިމަނަނާފައިވެއެވެ. އެއީ ދާއިމީ ބައެއްޔެއް ހުންނަ ގައިދީއެއްކަން ވަކިން އެނގޭ ގޮތަށް ޖަލުގެ ސޮފްޓްވެއަރ މެދުވެރިކޮށް ބަލަހައްޓައި، ގައިދީންނަށް ބޭސްފަރުވާ ކުރުމަށްޓަކައި، ހޮސްޕިޓަލެއްގައި ކޮންސަލްޓަންޓަކު ބަލިމީހުން އެޑްމިޓްކުރާ އުސޫލުން ގަދީން ބަލައި، ކޮންމެ ދުވަހަކުވެސް މެޑިކަލް އޮފިސަރ އެ ގަދީއަކު ހުންނަ ގޮޅިއަށް ގޮސް ނުވަތަ އެ ގައިދީއަކު އޯޕީޑީއަށް ގެނެސްގެން ނަމަވެސް ހާލުބަލައި، ޕްރޮގްރެސް ނޯޓެއް ލިޔެ އެ ނޯޓް ގައިދީގެ ފައިލްގައި ހިމަނައިގެން މަސައްކަތްކުރެވޭ ފަދަނިޒާމެއް ގާއިމް ކުރުމަށް ދީފައިވާ ލަފާއެކެވެ. އަދި ވަކި ގޮތަކަށް ކެއުން ބައްޓަން ކުރަން ޖެހޭ މީހުންނަށް ބޭނުންވާ ކާނާ ލިބޭނެ ގޮތް ހެދުމަށް ވެސް ލާފާ ދީފަވެއެވެ.

ގައިދީންނަށް ޖަލުން ބޭސް ލިބޭނެ ގޮތެއްވެސް ރިޕޯޓުގައި ހުށަހަޅައިފައިވެއެވެ. އެއީ، ޖަލުގައި ތިބޭ މީހުންގެ ނިސްބަތުން ކޮންމެ ޖަލެއްގައިވެސް ފާރމަސީއެއް ގާއިމްކޮށް، އެ ފާމަސީތައް ހިންގުމަށް ފުލްޓައިމް ފާރމަސިސްޓަކާއެކު އެސްޓީއޯއާ ހަވާލުކޮށް ފަސް މަސް ދުވަހުގެ ތެރޭގައި އެކަން ނިންމުމަށެވެ.

ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންތައްތައް ހާސިލު ކުރުމަށް އަދި، ޖަލުތަކުގެ ފެންވަރު ވަކި ވަރެއްގައި ހިފެހެއްޓުމަށް ވެސް ރިޕޯޓުން ހައްލެއް ހުށަހަޅާފައިވެއެވެ. އެއީ ކޮންމެ ޖަލެއްގައި ކޮލިޓީ ބަލަހައްޓާ ޑިޕާޓްމެންޓެއް ގާއިމް ކުރުމެވެ. ހަ މަސް ދުވަހުގެ ތެރޭގައި އެފަދަ ޑިޕާޓްމެންޓެއް ކޮންމެ ޖަލެއްގައި ގާއިމް ކުރުމަށް ލަފާދީފައިވެއެވެ.

comment ކޮމެންޓް