މިލާންގެ ކޯޗު ކަމުން ގަޓޫސޯ އިސްތިއުފާ ދީފި

އޭސީ މިލާންގެ ކޯޗު ގެނާރޯ ގަޓޫސޯ ---ފޮޓޯ/ސަޗާ ޕިސަނީ

ސީޒަނުގައި ކުރިމަތިވި ނާކާމީޔާބީއަށް ފަހު އޭސީ މިލާންގެ ކޯޗު ކަމުން ގެނާރޯ ގަޓޫސޯ އިސްތިއުފާ ދީފި އެވެ.

މިއަދު ނޫސްވެރިންނަށް ދިން އިންޓަވިއުއެއްގައި ވާހަކަ ދައްކަމުން ގަޓޫސޯ އެކަން ރަސްމީކޮށް އިއުލާން ކޮށްފައިވާ އިރު އޭނާ މިލާންއާ އެކު އަދި އިތުރު ދެ އަހަރުގެ އެއްބަސްވުމެއް އެބަ އޮތެވެ. ނިމިގެން މި ދިޔަ ސީޒަނުގައި މިލާން އިން އޭގެ ކުރީ އަހަރުގެ ކުޅުމަށް ބަލައި ކުރިއެރުންތަކެއް ހޯދި ނަމަވެސް މި ސީޒަން ވެސް އެ ޓީމުން ނިންމާލީ ތާވަލުގެ ފަސްވަނާގައި އޮވެ އެވެ.

ލީގުގެ ފަހު މެޗުގައި 2-3ގެ ނަތީޖާއަކުން ސްޕަލް ބަލި ކުރި ނަމަވެސް މިލާންއަށް ޗެމްޕިއަންސް ލީގުގެ ޖާގަ ގެއްލުނީ އެންމެ ޕޮއިންޓެއްގެ ތަފާތަކުންނެވެ. ހަތަރު ވަނަ އަދި ތިން ވަނަ ލިބުނު ދެ ޓީމަށް ވެސް 69 ޕޮއިންޓް ލިބުނު އިރު މިލާންއަށް ލިބުނީ 68 ޕޮއިންޓެވެ.

"އަހަރެން މި ނިންމި ނިންމުމަކީ ވަރަށް އުނދަގޫ ނިންމުމެއް. ނަމަވެސް މިއީ ކޮންމެހެން ވެސް ނިންމަން ޖެހޭ ނިންމުމެއް،" ގަޓޫސޯ މިއަދު ދިން އިންޓަވިއުއެއްގައި ބުންޏެވެ.

ގަޓޫސޯގެ އިސްތިއުފާއާ ދޭތެރޭ މިހާތަނަށް މިލާން އިން ރަސްމީކޮށް ވަކި އެއްޗެއް ބުނެފައި ނުވާ އިރު މިއަދުގެ ވަގުތެއްގައި އެ ކުލަބުން އެކަން ރަސްމީކޮށް އިއުލާން ކުރާނެ އެވެ.

"މި ނިންމުމަކީ ވަރަށް ވިސްނުމަށް ފަހު ނިންމި ނިންމުމެއް. އަހަރެންގެ ކޮންޓްރެކްޓްގައި ބާކީ ދެ އަހަރު އެބަ އޮތް،"

ގަޓޫސޯ އަކީ ކުޅުންތެރިއެއްގެ ގޮތުގައި ވެސް މިލާންއަށް ގިނަ އަހަރުތަކެއް ވަންދެން ކުޅެފައިވާ ހުނަރުވެރި ކުޅުންތެރި އެކެވެ. އޭނާ ވަނީ އެކުލަބުގެ ކެޕްޓަން ކަން ވެސް ކޮށްފަ އެވެ. އޭނާ ވަނީ އެ ކުލަބާ އެކު ދެ ފަހަރު އިޓާލިއަން ލީގު ކާމިޔާބު ކުރުމުގެ އިތުރުން ޗެމްޕިއަން ލީގު ވެސް ހޯދައިފަ އެވެ.

ރިޕޯޓުތައް ބުނާ ގޮތުން ގަޓޫސޯ ނެތްތަން ފޫބެއްދުމަށް މިލާންގެ ކޯޗު ކަމާއި ދެން ހަވާލުވާނީ ލަޒިއޯގެ ކޯޗު ސިމިއޯނޭ އިންޒާގީ ނުވަތަ ސަމްޕްޑޯރިއާގެ ކޯޗު މާކޯ ޖިއަމްޕައޮލޯ އެވެ.

comment ކޮމެންޓް