ސޯނާގެ ވަރުގަދަ ބަހުގެ ހަމަލާތަކެއް ސަލްމާނަށް!

ސަލްމާން ޚާންގެ ކުރިއަށް އޮތް ފިލްމު 'ބާރަތު' އަށް ފުރަތަމަ ހަމަޖެއްސީ ބަތަލާ ޕްރިޔަންކާ ޗޯޕްރާ އެވެ. ނަމަވެސް ހޮލީވުޑް ލަވަކިޔުންތެރިޔާ ނިކް ޖޯނަސް އާއި ކައިވެނި ކުރުމަށް ޕްރިޔަންކާ ވަނީ ފަހު މިނެޓުގައި ފިލްމު ދޫކޮށްލައިފަ އެވެ. ޕްރިޔަންކާގެ ކުއްލި ނިންމުން ވެގެންދިޔައީ ސަލްމާނަށް ވެސް ލިބިގެން ދިޔަ ޝޮކަކަށެވެ. ބޮލީވުޑްގައި ސަލްމާންގެ ނުފޫޒު ގަދަވެފައި، އޭނާއަށް ނޫނެކޭ ބުނުމަކީ ގިނަ ބަޔަކަށް ކުރަން ކެރޭ ކަމެއް ނޫނެވެ.

ފަހަރުގައި ޕްރިޔަންކާގެ އެ ނިންމުމުގެ ސަބަބުން ސަލްމާނަށް ލިބުނު ޝޮކް އަދިވެސް މުޅިން ފިލައިގެން ނުދެއެވެ. ބާރަތުގެ ކޮންމެ ޕްރޮމޯޝަނަކަށް ގޮސް ޕްރިޔަންކާއަށް ވައްބަހުން ޖަހަައި މަލާމާތުގެ ރާގަށް ވާހަކަ ދައްކައެވެ.

އެންމެ ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވެސް ސަލްމާން ވަނީ ޕްރިޔަންކާގެ ނިންމުމަށް ފާޑުކިޔައިފަ އެވެ. އެގޮތުން އެމެރިކާ މީހަކާ ކައިވެނި ކުރުމަށް ޕްރިޔަންކާ ދޫކޮށްލީ އޭނާގެ "ހަޔާތުގެ އެންމެ ބޮޑު ފިލްމު" ކަމަށާއި، އެއީ ލަދުގަންނަން ޖެހޭ ކަމެއް ކަމަށް ސަލްމާން ބުންޏެވެ.

"މިއީ މީހުން އެމީހުންގެ ފިރިން ދޫކޮށްލައިފައި ވެސް އެއްބަސް ވާނެ ވަރުގެ ފިލްމެއް،" ސަލްމާން ބުނެފައިވެ އެވެ.

ޕްރިޔަންކާ ފިލްމު ދޫކޮށްލުމުން ދެން އެ ފިލްމު ލިބުނީ ބަތަލާ ކެޓްރީނާ ކައިފް އަށެވެ. ސަލްމާން ބުނީ އެންމެ ފުރަތަމަ ވެސް ފިލްމަށް އޭނާ ބޭނުންވީ ކެޓްރީނާ ކަމަށާއި، ނަމަވެސް ފިލްމަށް ޕްރިޔަންކާ ކާސްޓު ކުރީ ކުރިން ޕްރިޔަންކާ އެ ރޯލު ބޭނުންވެފައި ހުރުމުން ކަމަށެވެ. އެއީ ޕްރިޔަންކާ އަށް ލިބުނު ބޮޑު ގެއްލުމެއް ކަމަށެވެ.

ސަލްމާން ކޮންމެ ވާހަކައެއް ދެއްކިޔަސް އެކަމާ ދެކޮޅަށް ބަހެއް ބުނާ ބޮލީވުޑް ފަންނާނަކު މަދުވާނެ އެވެ. ނަމަވެސް ލަވަކިޔުންތެރިޔާ ސޯނާ މޮހާޕަޓްރާ މިވަނީ ޕްރިޔަންކާގެ ދިފާއުގައި ސަލްމާނާ ދެކޮޅަށް ތެދުވެފަ އެވެ.

ސަލްމާންގެ ވާހަކަތަކާ ގުޅިގެން ވަރަށް ބޮޑަށް ހިތްހަމަނުޖެހިފައި ހުރި ސޯނާ ކުރި ޓުވީޓުތަކެއްގައި ބުނެފައި ވަނީ ސަލްމާންގެ ފިލްމެއްގައި މަސައްކަތް ކުރުމަށް ވުރެ، ޕްރިޔަންކާ އޭނާގެ ދިރިއުޅުމުގައި މާ ބޮޑެތި ކަންކަން ކުރަން ހުރި ކަމަށެވެ.

އަދި ޕްރިޔަންކާ ވަގުތު ހޭދަކުރަނީ "ހަގީގީ ފިރިހެނުންނާ" އެކުގައި ކަމަށާއި، ޕްރިޔަންކާ ކުރަމުން އަންނަ މަސައްކަތަކީ އޭނާގެ މަސައްކަތުން އަންހެނުން ވާރުވެރި ކުރުވުން ކަމަށެވެ.

ސޯނާ ބުނީ ސަލްމާނަކީ "ޓޮކްސިކް މަސްކިއުލަނިޓީ"ގެ ރަމްޒު ކަމަށާއި، އަންހެނުންނަށް އެއްވެސް ކަހަލަ ގަދަރެއް ނުކުރާ އެކަހަލަ ފިރިހެނުންގެ ވާހަކަ ނުދައްކައި އިންޑިއާގައި އެއްވެސް ކަމެއް ރަނގަޅު ނުކުރެވޭނެ ކަމަށެވެ.

ހަމައެއާ އެކު ސޯނާ ވަނީ ޕްރިޔަންކާ އާއި ނިކްގެ އުމުރުގެ ތަފާތަށް ޖޯކު ޖަހާ ސަލްމާންގެ ސަޕޯޓަރުންނަށް ވެސް ވަރަށް ބޮޑަށް ފާޑުކިޔައިފަ އެވެ. އެގޮތުން ނިކް އާއި ޕްރިޔަންކާގެ އުމުރުގައި 10 އަހަރުގެ ތަފާތެއް ހުރި އިރު ސަލްމާން އާއި ޕްރިޔަންކާގެ އުމުރުގެ ތަފާތު 20 އަހަރު ކަން ސޯނާ ވަނީ ފާހަގަ ކޮށްފަ އެވެ.

ސޯނާ އެކަން ފާހަގަކޮށްފައި ވަނީ ސަލްމާންގެ އުމުރުން 53 އަހަރުވެފައި ވާއިރު ވެސް އޭނާއަށް ވުރެ 20 އަހަރު ހަގު އެކްޓަރުންނާއެކު މަސައްކަތް ކުރާތީއެވެ. މިއީ ސޯނާ ސަލްމާން އާދެކޮޅަށް ވާހަކަ ދެއްކި ފުރަތަމަ ފަހަރު ނޫންކަން ވެސް ފާހަގަކޮށްލެވެ އެވެ.

comment ކޮމެންޓް