އުރީދޫ ބަދިގެ: ބީފް މަޑްރާސް

ރަމަޟާން މަސް ނިމެން ގާތްގަނޑަކަށް ހަފްތާއެއްހާ ދުވަސް ބާކީއޮތްއިރު އުރީދޫ ބަދިގެއިންވެސް މިވަނީ ކޮންމެ ދުވަހަކުވެސް ހާއްސަ އަދި ތަފާތު ރެސިޕީއެއް ގެނެސްދީފައެވެ. މިހާތަނަށް ހަތަރު ޝެފެއްގެ ފަރާތުން ރެސިޕީތަކެއް ގެނެސްދެވުނުއިރު، މިއަދުގެ ރެސިޕީ ތައްޔާރުކޮށްދެނީ ފޮނިތޮށިއެމްވީގެ ފަހަތުގައިވާ ހުނަރުވެރި ކެއްކުންތެރިޔާ ރުޚްސާ ނުވަތަ އެންމެންވެސް ދަންނަ ނަމުންނަމަ ތޫތަ އެވެ.

މިއަދުގެ ރެސިޕީއަކީ ބީފް މަޑްރާސް އެވެ. ބީފް ކާހިތްވާ ފަރާތްތަކަށް ގައިމުވެސް ވަރަށް ކަމުދާނެ އެވެ.

ބޭނުންވާ ތަކެތި

  • 1-2 ހިކި މިރުސް
  • 2 ސައިސަމްސާ ގްރައުންޑް ކޮރިއާންޑާ
  • 2 ސައިސަމްސާ ރީދޫ
  • 1 ސައިސަމްސާ މަސްޓާޑް ސީޑްސް
  • 1/2 ސައިސަމްސާ ގްރައުންޑް ޖިންޖާ (އިނގުރު)
  • 1 ސައިސަމްސާ އަސޭމިރުސް
  • 140 ގްރާމް ކާށިކިރު ކްރީމް (ގާނާފައި 300 އެމްއެލް ބޮއިލިން ވޯޓާއަށް އަޅާފައި)
  • 55 ގްރާމް ތެޔޮ ނުވަތަ ގީ
  • 2 ފިޔާ (ކޮށާފައި)
  • 3 ބޮޑު ލޮނުމެދު
  • 700 ގްރާމް ބީފް
  • 250 އެމްއެލް ބީފް ސްޓޮކް
  • ލުނބޯ ހުތް
  • ލޮނު

ތައްޔާރުކުރާނެ ގޮތް

އެންމެ ފުރަތަމަ މިރުސް ކޮށާލުމަށްފަހު ކޮރިއާންޑާ، ރީދޫ، މަސްޓާޑް ސީޑްސް އިނގުރު، އަސޭމިރުސް އެއްކޮށްލުމަށްފަހު ކާށިކިރު ކްރީމްއާއި އެއްކޮށް ޕޭސްޓަކަށްވަންދެން ގިރާލާށެވެ.

ގީ ނުވަތަ ތެޔޮ ތެއްޔަށް އަޅާ ފިޔާ އަދި ލޮނުމެދު ރަތްކޮށްލާށެވެ. ގާތްގަނޑަކަށް 5 މިނޓްވަންދެން ކައްކާލުމަށްފަހު ކުރިން ތައްޔާރުކުރި ހަވާދުގަނޑު ގެ އެއްބައި އަޅާ 2 ވަރަކަށް މިނިޓް އިތުރަށް ކައްކާލާށެވެ. އެއަށްފަހު ބީފްއާއި ބީފް ސްޓޮކް އެޅުމަށްފަހު ގިނި މަޑުކޮށްލާށެވެ. ގާތްގަނޑަކަށް 1 ގަޑިިއިރުވަންދެން ތެލީގެ މަތިޖެހުމަށްފަހު ކައްކާލަންޖެހޭނެ އެވެ. އިރުއިރުކޮޅުން ތެލީގައި ބީފް ތަތްލަވާތޯ ބަލައި އެހެންވާނަމަ ކުޑަ ފެންފޮދެއް ނުވަތަ ސްޓޮކް ކޮޅެއް އަޅާލާށެވެ.

ގަޑިއެއްހާއިރު ކައްކާލުމަށްފަހު މަަތިނަގާ ކުރިން ބޭޏުންކުރި ހަވާދުކޮޅުގެ ބާކީ އަޅާލާށެވެ. އަދި ލުނބޯހުތް އަދި ލޮނު ވެސް އަޅާ ރަހަ ހެޔޮވަރުކޮށްލާށެވެ. އެއަށްފަހު ރިހަގަނޑުގައި ބޮކި އަރަން ފެށުމުން އުނދުން ނިއްވާލާށެވެ. ރޮށި ނުވަތަ ބަތާއި އެކީގައިވެސް މި ޑިޝް ވަރަށް މީރުވާނެ އެވެ.

comment ކޮމެންޓް