މިލާނާއި ރޯމާ ފަހަތަށް ޖައްސާލުމަށްފަހު އެޓްލަންޓާ ފުރަތަމަ ފަހަރަށް ޗެމްޕިއަންސް ލީގަށް

އެޓްލަންޓާއިން ރޭގެ މެޗު ކާމިޔާބުކޮށް ޗެމްޕިއަންސް ލީގަށް ކިލޮފައި ވުމުން އުފާ ފާޅު ކުރަނީ --- ފޮޓޯ/ޓޮމް ވެބާރ

އިޓާލިއަން ލީގުގެ އެންމެ ފަހު މެޗުގައި ސަސޮލޫ ބަލިކޮށް ތާރީޚުގައި ވެސް ފުރަތަމަ ފަހަރަށް އެޓްލަންޓާ އިން ޗެމްޕިއަންސް ލީގުގެ ޖާގައެއް ކަށަވަރު ކޮށްފި އެވެ.

ރޭ އެޓްލަންޓާގެ ދަނޑުގައި ކުޅުނު އެ މެޗު އެ ޓީމުން ކާމިޔާބު ކުރީ 1-3 ގެ ނަތީޖާއަކުންނެވެ. މި މޮޅާ އެކު އެ ޓީމުން ލީގު ނިންމާލީ ތާވަލުގެ ތިން ވަނައިގައި 69 ޕޮއިންޓާ އެކު އެވެ. ޗެމްޕިއަންސް ލީގުގެ ފަހު ޖާގަ ކަށަވަރު ކުރި އިންޓާ މިލާންއަށް ވެސް 69 ޕޮއިންޓް ލިބުނު ނަމަވެސް ދަރަޖައިގެ ގޮތުން އެ ޓީމު ހަތަރުވަނައިގައި އޮތީ ފައިދާ ގޯލުގެ ތަފާތުންނެވެ.

މިދިޔަ ސީޒަނުގައި ބާސެލޯނާ ބަލިކޮށް ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލަށް ދަތުރުކޮށް ލީގަށް ވެސް ވާދަކުރި ރޯމާ ލީގު ނިންމާލީ ހަވަނައިގަ އެވެ. އެ ދަރަޖައިން އެ ޓީމަށް ލިބޭނެހާ ވެސް އުފަލަކީ އަންނަ ސީޒަނުގެ ޔޫރޮޕާ ލީގުގެ ޕްލޭ އޮފްގައި ކުޅެން ފުރުސަތު ލިބުމެވެ.

މީގެ އަހަރުތަކެއް ކުރިން ދުނިޔޭގެ އެންމެ ގަދަ އެއްބާރުގެ ގޮތުގައި ފާހަގަވެފައި އޮތް މިލާން އިން މި ސީޒަން ނިންމާލީ ފަސް ވަނައިގައ އެވެ. އެއީ ހަތަރުވަނައިގައި އޮތް އިންޓައަށް ވުރެން އެންމެ ޕޮއިންޓެއް ފަހަތުގައި އޮވެގެންނެވެ. މިލާންއަށް އަންނަ އަހަރުގެ ޔޫރޮޕާ ލީގުން ޖާގައެއް ވަނީ ޔަގީންވެފަ އެވެ.

މީގެ ކުރިން ދުވަހަކުވެސް ޗެމްޕިއަންސް ލީގު ކުޅެފައިނުވާ އެޓްލަންޓާއިން އަންނަ ސީޒަނުގައި އެ މުބާރާތް ކުޅެން ފުރުސަތު ލިބުމުން އެ ޓީމުގެ ކުޅުންތެރިނާއި މެނޭޖްމެންޓުގެ އިތުރުން ސަޕޯޓަރުން ވެސް ދަނީ އުފާ ފާޅު ކުރަމުންނެވެ.

އެގޮތުން ރޭގެ މެޗަށްފަހު އެޓަލާންޓާގެ ރައީސް އެންޓޯނިއޯ ޕާކާސީ ވިދާޅުވީ މިއީ، އެ ކްލަބަށް އާދަޔާހިލާފު ކާމިޔާބީއެއް ކަމަށާއި، އެންމެ ބޮޑު ޝުކުރެއް ހައްގުވަނީ ކޯޗު ޖިއާން ޕިއޭރޯ ގަސްޕެރީނީ އަށް ކަމަށެވެ. ކްލަބުން ހޯދި ތާރީހީ މި ކާމިޔާބީއަށް ފަހު އެޓީމުގެ ކޯޗަކަށް އަންނަ ސީޒަނުގައި ވެސް ގަސްޕެރީނީ ހުންނާނެކަން ކްލަބުގެ ރައީސް ވަނީ ޔަގީންކޮށްދީފައެވެ.

އިޓަލީ ލީގުގެ ޗެމްޕިއަން ޔުވެންޓަސް ރޭ ވަނީ ފަހު މެޗުގައި ސަމްޕްޑޯރިއާ އަތުން 2-0 އިން ބަލިވެފައެވެ. ރޭގެ މެޗަކީ މަސިމިލިއާނޯ އެލެގްރީ ޔުވެންޓަސް އަށް އިރުޝާދުދިން ފަހު މެޗެވެ. އެލެގްރީ މެޗަށްފަހު ވާހަކަ ދައްކަމުން ބުނީ އަންނަ ސީޒަނުގައި ދާނެ ކުލަބެއް އަދި ނުނިންމާ ކަމަށެވެ.

comment ކޮމެންޓް