ވިލިނގިލީ ޖަލު: އަނިޔާގައި ހައްދެއް ނެތް!

ވިލިނގިލީގައި ރިސޯޓް ހިންގި ދުވަސްވަރު -- ފޮޓޯ/ ވޮނަދޮނަ ރާއްޖެ އެފްބީ ޕޭޖް

މާލޭގެ ފަސްވަނަ އަވަށް ވިލިނގިލި ނުވަތަ ވިލިމާލެއަކީ މިއަދު ހަމަ ހިމޭނުން އޮތް ހިތް ފަސޭހަ، ފައްކާ ޖަޒީރާ ރަށެކެވެ. މާލެއިން، ހަތް ވަރަކަށް މިނެޓްގެ ފެރީ ދަތުރެއްގައި ގޮސް ވަދެވެނީ، ވިލިމާލޭގެ ގަސްތަކުގެ ހިޔަލަށެވެ. އެއީ، ވައިރޯޅިތައް ބީހިލައި، އަރާމާއި ފިނިކަން ލިއްބައިދޭ ފެހި މާހައުލެކެވެ.

އެކަމަކު އެނގޭ ހެއްޔެވެ؟ މި ހިތް ފަސޭހަ ކުޑަކުޑަ އަވަށުގައި ފަސްލެވިފައި، އޮތީ ވަރަށް ވެސް ބޮޑު ތާރީހެކެވެ. ފުރަތަމަ މިއީ، މީހުން ދިރިއުޅުނު ރަށެކެވެ. ދެން ރަސްރަސްކަލުން މަޖާ ނަގައި އުފާ ކުރި ރިޓްރީޓެކެވެ. ދެން ސިޔާސީ ކުށްވެރީން އަރުވާލާ ރަށެކެވެ. އެއަށް ފަހު، ޖަލެކެވެ. ދެން މެހެމުންމާނުންނަށް ހިދުމަތް ދޭ ހަތަރު ތަރީގެ ރިސޯޓެކެވެ. އަނެއްކާ ވެސް މީހުން އާބާދުކޮށް މާލޭގެ އަވަށަކަށް ބަދަލުވީ އެވެ. މިއީ ވިލިމާލޭގެ ވަރަށް ވެސް ކުރު ތާރީހެކެވެ. މި ތާރީހުގެ ތެރެއިން، ފަސްލެވި ފޮރުވިފައި އޮތީ، ބިރުވެރި ޖަލެއްގެ ކަޅު ސޮފްހާތަކެކެވެ.

މާލެއިން ބޭރުގެ ފުރަތަމަ ޖަލު

ވިލިނގިލީގައި ރިސޯޓް ހިންގި ދުވަސްވަރުގެ ފޮޓޯއެއް. -- ފޮޓޯ/ ވޮނަދޮނަ ރާއްޖެ އެފްބީ ޕޭޖް

ކުށްވެރިވާ މީހުންނާއި ތަހުގީގަށް ބަންދު ކުރާ މީހުން ބައިތިއްބާނެ ޖަލެއްގެ ގޮތުގައި އެންމެ ފުރަތަމަ ބޭނުން ކުރަމުން އައި، "ހެންވޭރު ޖަލު" ބިމާ ހަމަކޮށް ވިލިމާލޭގައި ޖަލެއް ހަދައި ކުށްވެރިން ބަންދު ކުރަން ފެށީ ރައީސް އިބްރާހިމް ނާސިރުގެ ވަޒީރުލް އައުޒަމް ކަމުގައި 17 އެޕްރީލް 1962ގަ އެވެ.

މީގެ ކުރިން ޝާހީ އާއިލާގެ ބޭފުޅުން މޫދަށް އެރިވަޑައިގަތުމަށް ވަޑައިގެން މަޑުކޮށްލެއްވި ގަނޑުވަރުވެސް ހިމެނޭ ގޮތުން މުޅި ވިލިމާލޭ އޭރުގެ ސަރުކާރުން ބަދަލުކޮށްލީ ޖަލަކަށެވެ. އޭގެ ކުރިން އެ ރަށަކީ "ސިޔާސީ" ކުށްވެރިން ކަމަށްވާ، ޝަމްސުއްދީން ރަދުންނާއި މަޝްހޫރު ދީނީ ޢިލްމުވެރިޔާ އައްޝައިޚު އަބްދުއްރަހުމާން ޙާޖީ އެކަހެރި ކޮށްފައި ބެހެއްޓި ރަށެކެވެ.

މުޅި ވިލިމާލެ ޖަލެއްގެ ގޮތުގައި ބޭނުން ކުރުމަށްޓަކައި ނާސިރަށް ފުރަތަމަ ވެސް ޖެހިވަޑައިގަތީ އެ އަވަށުގައި އޭރު ދިރިއުޅެމުން ދިޔަ 38 މީހަކު ހުޅުލެއަށް ބަދަލުކުރުމުގެ މަޝްރޫއެއް ހިންގަވާށެވެ. އެ ރައްޔިތުން ހުޅުލޭގައި ވަޒަންވެރި ސަރުކާތުން 19،571.06 ރުފިޔާ ހޭދަކޮށް އެ ރަށުގައި ހަތް ގެއެއް އިމާރާތްކޮށް ދިރިއުޅެން ބޭނުންވާ އެހެން ވެސް ހިދުމަތްތައް ހުޅުލޭގައި ގާއިމްކުރި އެވެ.

އެ މަސައްކަތް އެކީ ނިމި، ވިލިމާލޭގެ ހުރިހާ ރައްޔިތުން ހުޅުލެއަށް ބަދަލުކޮށް ނިމުނީ 10 އެޕްރީލް 1961ގަ އެވެ. މި ތާރީހުތަކަށް ބަލައިގެން ހިތުލަފައެއް ކުރާނަމަ، ވިލިމާލެ ފަޅުކޮށް ޖަލެއްގެ ގޮތުގައި އެ ރަށް ފައްކާ ކުރަން ގާތްގަނޑަކަށް އެއް އަހަރުގެ މުއްދަތެއް ނެގި އެވެ. އެންމެ ފަހުން އެ ރަށުގައި ހުރި ތާރީހީ ގަނޑުވަރު ބަދަލުވީ ވިލިނގިލީ ޖަލުގެ މައި މަރުކަޒަށެވެ. އެ ހިސާބުން ވިލިނގިލީ ޖަލުގެ އަނިޔާވެރިކަމުގެ ސޮފްހާތައް ލިޔެވޭން ފެށުނީ އެވެ.

ރައީސް އަމީން އާއި ނާސިރުގެ ވެރިކަމުގެ މައްޗަށް ތަހުގީގީ ނަޒަރަކުން ލިޔުއްވުންތައް ލިޔުއްވި، މަރުހޫމް ޢަބްދުލް ޙަކީމް ހުސައިން މަނިކު ވިލިގިލީ ޖަލު ސިފަކުރެއްވި ގޮތުގައި؛ "މި ޖަލުގައި [ވިލިނގިލީ ޖަލުގައި] ކުރި އަނިޔާ ދުލުން ނުވަތަ ގަލަމުން ބަޔާން ކުރެވޭ ވަރެއް" ނޫނެވެ. އަބްދުލް ހަކީމް ލިޔުއްވާ ގޮތަށް އެ ޖަލުގެ އަނިޔާވެރި ސޮފްހާތައް އުކަމުން ދިޔައިރު، ގައިން ހީބިހި ނަގައި ލޮލުން ކަރުނަ ހިލިގެންދެ އެވެ. އެހާވެސް އަނިޔާގެ ހައްދެއް ނެތެވެ.

"ވާނުވާ" ގޮތެއްގައި އެތައް ބަޔަކު ޖަލަށް

ފެންނާން ހުރި ހެކިތަކާއި ލިޔެފައިވާ ޑައިރީތައް ކިޔާލުމުން ޔަގީން ކުރެވެނީ، ވިލިނގިލީ ޖަލުގައި މީހުން ބަންދު ކުރަމުން ދިޔައީ، ޗާޓުން ބޭރުން އެވެ. ހަމައެކަނި ކުރެވޭ ތުހުމަތެއްގައި ބަނޑޭރިގެއަށް ސުވާލުކޮށްލަން ގެންނަ މީހާ ހައްޔަރުކޮށް އެތައް މަސްތަކެއް ވިލިނގިލީ ޖަލުގައި ގަނަތަޅުވައި އަހުވަ ދައްކަނީ އެވެ. ކޫސަނި ކުދިކުދި މައްސަލަތަކުގައި ވާއެއް ނުވާއެއް ނޭނގިވެސް މީހުން ދިޔައީ އެ ޖަލުގައި ހައްޔަރު ކުރަމުން އެވެ.

އެކަމަކު އޭރު ލިޔެ ފެންނާން ހުރި ގާނޫނީ އުސޫލުތައް އޮންނަނީ، ތުހުމަތެއްގައި 15 ދުވަހަށް ވުރެ ގިނަ ދުވަހު ބަންދުގައި ބެހެއްޓުމަކީ މުޅިން މަނާކަމެއްގެ ގޮތުގަ އެވެ. އެކަމަކު އެ 15 ދުވަސް އަހަރުތަކަކަށް ދިގުދެމިގެން ގޮސް ޖަލުގެ އަނިޔާގެ ޝިކާރައަކަށް އެތައް ބަޔަކުވީ އެވެ. އެކަން ބަލާނެ މީހަކު ޝަކުވާއެއް ކޮށްލާން ކެރޭ މީހަކު ވެސް އޭރު ހުރި ކަމަކަށް ނުވި އެވެ.

ވިލިނގިލީ ޖަލުގެ އަނިޔާގެ ޝިކާރައިގެ ތެރޭގައި އަހަރެއްހާ ދުވަހު ބަދެވިގެން އޮންނެވި، އަލްމަރުހޫމް ސިއްކަގޭ މުހައްމަދު ނަސީމް އޭނާގެ ޖަލު ހަނދާންތައް ލިޔުއްވަމުން ވިދާޅުވެފައި ވަނީ، އެއްވެސް ބާވަތެއްގެ ސިޔާސީ ކަމެއްގައި އަދި ތާކުންތާކު ޖެހޭ ކަމެއްގައި ގެނެވިފައިވާ އެކަކު ވެސް، ގޮޅީގެ ރަހުމަތްތެރިންގެ ގޮތުގައި ނެތް ކަމަށެވެ.

އޭނާ ލިޔުއްވާ ގޮތުގައި ޅަފުރައިގެ ކުއްޖަކު އެ ޖަލުގައި އެތައް މަހެއް ވަންދެން ގެންގުޅުނީ އޭނާ ހިތާވެގެން އުޅުނު އަންހެން ކުއްޖަކަށް ދޭން ގެންދިޔަ ސިޓީއެއްގެ ބޭރުގައި، "ޑޭންޖަރަސް" (ނުރައްކާ) މިހެން ލިޔެފައި އޮއްވައި އޭނާ މަގުމަތިން އޮބައިގަނެގެން ފާސްކުރި ސިފައިންގެ މީހަކަށް އެ ލިޔުންކޮޅު ފެނިގެން އެވެ. ލޯބީގެ ސިޓީއެއްގެ ބޭރުގައި ޑޭންޖަރަސް ޖެހުންވީ ގައުމީ ސަލާމަތަށް ނުރައްކާވި ކަމަކަށްވެ، އޭނާއަށް ޖަލު ގޮޅި ހައްގުވީ އެވެ. މަރުހޫމް ސިއްކަގެ ނަސީމް ލިޔުއްވި ގޮތުގައި 1967 ގައި އޭނާ ވިލިނގިލީ ޖަލަށް ގެންދިޔައިރުވެސް އެ ޒުވާނާ ޖަލުގައި ހުންނަތާ އެތައް މަހެއް ވެއްޖެ އެވެ. އެކަމަކު އެންމެ ކުޑަމިނުން ތަހުގީގަށް ސުވާލެއްވެސް ކޮށް ނުލަ އެވެ.

މިގޮތަށް ކިތަންމެ ބަޔަކު ޝަރީއަތުން ކުށް ސާބިތުވުމެއް ނެތި، ވިލިނގިލީ ޖަލުގައި ގަނަ ތަޅުވައި ހަބޭހަށް އަނިޔާދެމުން ގެންދިޔައިރު ސިޔާސީ ކުށްވެރިންގެ ގޮތުގައި ވެސް އެތައް ބަޔަކު ހައްޔަރުކޮށް އެ ޖަލުގައި ގެންގުޅުނެވެ. އޭގެ ތެރޭގައި ސަރުކާރު ވައްޓާލަން ރޭވުމާއި ސަރުކާރާ ދެކޮޅަށް ހިޔާލުފާޅުކޮށްގެން 20 އަކަށް މީހަކު ވިލިނގިލީ ޖަލުގައި ހައްޔަރުކޮށްގެން ގެންގުޅުނުކަން ލިޔެކިޔުންތަކުން ދައްކަ އެވެ. ޖަލު ބަލަހައްޓާ ފޯރިމީހުން އެންމެ ވަރުގަދަ ލާއިންސާނީ އަނިޔާ ދެނީ މި މީހުންއަށެވެ. މީގެ އިތުރުން، ބޮޑެތި ގާތިލުންނާއި މާ ވަގުން ވެސް ގެންގުޅޭ ޖަލަކަށް ވިލިނގިލީ ޖަލު އޮތީވެފަ އެވެ.

ލާއިންސާނީ އަނިޔާގައި ހައްދެއް ނެތް

އޭރުވެސް އަމަލު ކުރަމުން އައި ގާނޫނު އަސާސީގައި އަކުރުން އަކުރަށް ލިޔެފައި ވަނީ؛ އެއްވެސް މީހަކަށް އަނިޔާއެއް ކަމަށް ބެލެވޭނެ އެއްވެސް ޒާތެއްގެ ހާނިކައެއް ކޮށްގެން ނުވާނެ ކަމަށެވެ. އެހެން ނަމަވެސް ވިލިނގިލީ ޖަލުގެ ގޮޅިތަކަކީ ގާނޫނުގެ ދިގު އަތް ފޯރާ ތަނަކަށް ނުވެ އެވެ. ވިލިނގިލީ ޖަލުގެ ފޯރިންނަށް އެ ވާހަކަތައް ވަނީ ހަމައެކަނި އަސާސީ ގާނޫނެއްގައި ލިޔެފައި އޮތް އިބާރާތްތަކަކަށެވެ.

މަރުހޫމް ސިއްކަގޭ ނަސީމްގެ ޑައިރީގެ ތެރެއަށް އިތުރަށް ފީނަމުން ދާއިރު އޭނާ ފާހަގަ ކުރައްވާ ގޮތުގައި ޖަލުގެ ގޮޅިތަކަކީ ވެސް އޭގެ ޒާތުގައި އަނިޔާއެކެވެ. އޭނާ ލިޔުއްވާ ގޮތުގައި ތިން ޒާތެއްގެ ގޮޅިތައް އެ ޖަލުގައި ހަދާފައި ހުއްޓެވެ. އެއީ ލުއި ގޮޅިތަކަކާއި "ބޯ ހިއްލުން މަނާ" ގޮޅި އަދި ކުޑަ ގޮޅީގެ ގޮތުގައި މަޝްހޫރުވެފައިވާ ގޮޅިތަކެކެވެ.

ލުއި ގޮޅީގެ ހާލުވެސް ވަކި ރަނގަޅެއް ނޫނެވެ. އެ ގޮޅިތަކުގައި ފާހާނާ ކޮށްލެވޭނެ ވަރު ނުހުންނަ އިރު ނިދަން ޖެހެނީ، ވެލިގަނޑު މަތީގައި ފަންގަނޑެއް އަޅައިގެންނެވެ. ފާހާނާއަށް ދާން ޖެހެނީ ފޯރި މީހާއަށް އާދޭސްކޮށް ބުނެ ކިޔައިގެން އަތިރިމައްޗަށެވެ. ނޫނީ އެ ހުންނަ ގޮތަށް ހުރެ ގޮޅިތެރޭ ބިންގަނޑަށް ފާހާނާ ކުރަން ޖެހެނީ އެވެ.

ބޯ ހިއްލުން މަނާ ގޮޅީގެ ގޮތުގައި މަޝްހޫރުވެފައިވާ ގޮޅީގައި ތިބޭ ކުށްވެރިންނަށް ކޮޅަށް ތެދުވުން މަނައެވެ. އަދި ވާހަކަ ދެއްކުން ވެސް އޮންނަނީ މަނާކޮށްފަ އެވެ. އެ ގޮޅިއަށް ލާ މީހަކު އެ އުސޫލުތަކާ ހިލާފުވެއްޖެ ނަމަ ތަކުލީފު ބޮޑެތި އަދަބުދެ އެވެ. އެ ގޮޅީގައި ތިބޭ ގައިދީން ފޯރި މީހުންނާ ވެސް ވާހަކަ ދައްކަން ޖެހެނީ އަތުގެ އިޝާރާތުން އެވެ. އެއްޗެއް ބުނަން އަނގަ ހުޅުވާލިކަން އިނގުނަސް، ދަމާކޫއްތާފައި ޖަލު ގޮޅިން ނެރެ ބިޑިއާލާ ރުކެއްގައި ބަދެ މުޅި ރޭ ބަހައްޓަނީ އެ ހާލެއްގަ އެވެ.

ވިލިނގިލީގައި ރިސޯޓް ހިންގި ދުވަސްވަރު ގެސްޓް ރޫމްއެއްގެ ގޮތުގައި ބޭނުން ކުރި އިމާރާތެއް. -- ފޮޓޯ/ ވޮނަދޮނަ ރާއްޖެ އެފްބީ ޕޭޖް

ދެން އޮތީ ކުޑަ ގޮޅި އެވެ. މިއީ އެންމެ ތަކުލީފު ބޮޑު ގޮޅިތައް ކަމަށް ސިއްކަގޭ ނަސީމު ފާހަގަ ކުރައްވާފައިވެ އެވެ. އޭގެ ގޮޅިއެއްގެ ސައިޒަކީ ފަސް ފޫޓް އަށް ފޫޓެވެ. އުސްމިނުގައި ވެސް އަށް ފޫޓެވެ. އެ ގޮޅިތަކުގެ އެތެރޭގައި ސިމެންތި ވެސް ނުޖަހާ ހުންނަ އިރު ނިދަން ޖެހެނީ ތަޅުން ނާޅާ އޮންނަ ވެލި ބިމުގަ އެވެ. ފާހާނާ ކުރަން ދީފައި ހުންނަނީ ޓައްޕެކެވެ. އަދި ފެންވެރުމާއި ގައިން ތާހިރުވުމަށް ވެސް ބޭނުން ކުރަން ޖެހެނީ ގަލޯހާޖާ ކުރާ މި ޓައްޕެވެ. އަދި މި ގޮޅިތަކުގައި ތިބޭ ގައިދީން ބައިތިއްބަނީ، ކޮންމެ ގޮޅިއެއްގެ ކަނަށް ވާ ގޮތަށް ހުންނަ އޭންގަލް ދަގަޑެއްގައި ޗެންޗޭނުގަޑެއް ޖަހައިފަ އެވެ. އެގޮޅިތަކުގައި ތިބޭ ގައިދީން ފެންވަރަން ނެރެނީ ހަފްތާއަކު އެއްފަހަރު އެވެ. އަވި ދެންޏާ އަވިން ހިޔާވެވޭނެ ގޮތެއް ނުހުރެ އެވެ. ވާރޭ ވެހެންޏާ އެ ގޮޅިތަކުގައި ތިބޭ މީހުން ވާރެޔާ ތެމި ފޯވެ ތިބެނީ ރޫރޫ އަޅަ އަޅަ އެވެ. މިއީ ވާ ވަރުގަދަ އަނިޔާއެކެވެ.

ވިލިނގިލީ ޖަލަށް ދުވާލެއްގެ މައްޗަށް 10 ވަރަކަށް އާ ގައިދީން ގެންނަ އިރު، އާންމުކޮށް ގޮޅިތައް ހަދާފައި ހުންނަނީ 20 އަކަށް މީހުން ލެވޭ ވަރަށެވެ. އެހެން ނަމަވެސް ޖަލު ތަޖުރިބާ ކުރެއްވި ބޭފުޅުންގެ ޑައިރީތަކުގައި ލިޔުއްވާ ގޮތުގައި ގޮޅިއެއްގައި 40 އަކަށް މީހުން އަބަދުވެސް ބައިތިބެ އެވެ. ނަތީޖާއަކަށް ވަނީ ގޮޅިތަކުގެ ނުސާފުކަން އިތުރުވެ، ތަފާތު ބަލިތައް ދޭތެރެ ދޭތެރެއިން ފެތުރުމެވެ. އާންމުކޮށް އެވްރެޖްކޮށް 400 އެއްހާ ގައިދީން ވިލިނގިލީ ޖަލުގައި ތިބޭ ކަމަށްވެ އެވެ.

ޖިސްމާނީ ގޮތުން ދޭ އަނިޔާތަކުގެ ތެރޭގައި ދުވާލު ދާ ހަތަރު ދަމު ބުރަ މަސައްކަތް ކުރުވުމާއި، ޖަލުގެ ފޯރީން ވެގެން ތަޅައި ރޯނާގަންނަވާލުމަށް ފަހު ހޭނެތުމުން ކޮޅަށް ނަގައި ރުކެއްގައި ބަދެ މިރުސް ދުން އެޅުން ފަދަ އަނިޔާތައް ހިމެނެ އެވެ. މީހުންގެ އިސްކޮޅު ވެސް ނުހުންނަ ވަރު ކުދި ކުދި ގޮޅިގޮޅިއަށް މީހުންލައި ލޮލާ ދިމާލަށްވާ ގޮތަށް 200 ވޯޓްގެ ބޮކި ދިއްލައި ރޭގަނޑު ނިދިފިޔައެއް ޖަހައި ނުލެވޭ ވަރުކޮށްލަ އެވެ. ހެނދުނު ވެ މެންދުރުގެ އެންމެ ހޫނު ގަދަ ވަގުތު ގޮޅިން ބޭރަށް ނެރެ، އެންމެ ބަރު ރުއްބުރި ބުރިއާއި ލަކުޑިފަދަ ބަރުތަކެތި ކޮޑުމަތީގައި އުފުލަން ޖައްސަ އެވެ.

"މި ދެ ޖަލުގެ އަނިޔާ [ހެންވޭރު ޖަލާއި ވިލިގިލީ ޖަލުގެ އަނިޔާ] ހިމެނުނީ ދެވަނަ ބޮޑު ހަނގުރާމައިގެ ތެރެއަށް ޖަޕާނުން ވަދެގަނެގެން އަތުލައި ގަނެވޭ އިއްތިހާދީންގެ މީހުންނަށް ޖަޕާނުން ދޭ އަނިޔާއަށް ވުރެ ވަކީން ކުޑަނޫން އަނިޔާއަކަށެވެ،" ތާރީހީ އިލްމްވެރިޔާ މަރުހޫމް ޢަބްދުލް ޙަކީމް ހުސައިން ލިޔުއްވާފައިވެ އެވެ.

ވިލިނގިލީ ޖަލުގައި ގައިދީންއަށް އަނިޔާދިން ސިފައިން:

  • ޖާދޫ އަޙްމަދު މަނިކު
  • ސަރަނގު އަބްދުލްޣަނީ
  • ސަންޕަ އިސްމާޢީލު ފުޅު
  • ކުޅުދުއްފުށީ ސީގަލް އާދަނު
  • ބަށިމާގޭ އިބްރާހިމް ފުޅު
  • ރިނދަލި އަބްދުއްރައްޒާގު
  • ދަރަވަންދޫ އަހުމަދު (ކަޅު އަހަންމަދު)
  • ވަންދޫ އަލިފުޅު
  • ހީނާޑި އަބޫބަކުރު
  • މަނަދޫ އަބޫބަކުރު
  • ނޮޅިވަރަމު ބަތްޔޫސުބު

މަރުހޫމް ސިއްކަ ނަސީމްގެ ޖަލު ހަޔާތުގެ ޑައިރީގައި އޭނާއަށް ދިން އެތައް އަނިޔާއެއްގެ ތެރެއިން ހަނދާން ނުނެތޭނެ އަދަބެއްގެ ވާހަކަ އޭނާ ފާހަގަ ކުރެއްވި އެވެ. ޖަލު ބަލަހައްޓާ ސިފައިންނާ ދެމެދު އެއްރޭ ހިނގި ޖަދަލު ކުރުމުން ލިބުނު އަދަބަކީ ވިލިނގިލީ އިރުމަތީ ތޮށީގައި މިޔަރާއި މަޑި ގެންގުޅެން ހަދާފައިވާ މަސްފެންގަނޑަކަށް އަރުވާފައި އެތައް އިރަކު ބެހެއްޓީ އެވެ. ދިޔަވަރު ހުރި ގޮތުން ހުންނަން ޖެހުނީ، ކަރުތާފެނުގައި ކަމަށް ނަސީމު ލިޔުއްވަ އެވެ.

"ކޮންމެއަކަސް މި ފެންގަނޑަށް ފައިބަން ޖެހުނު ވަގުތު ދިޔަވަރުހުރީ ދަތްދޮޅީގައި ޖެހޭ ނުޖެހޭވަރުގަ އެވެ. މިހެން އަޅުގަނޑު ބެހެއްޓީ ކިހާއިރަކު ކަމެއް ނޭނގެ އެވެ. ކުރިއްސުރެ ފިނި ބޮޑުވެފައި ހުރި އަޅުގަނޑުގެ ހަށިގަނޑު އައްސިވެގެން ގޮސް އެތަން މިތަނުން އަކުނިވަޔަށް ދަމަން ފެށި އެވެ... ޖަލުގެ ސަރުދާރުން ހިތްހަމަ ޖެހޭހާ އިރުވުމުން އާދެ! ފަތިސްދަޅައަށް އަޅާލުމުން އެއްގަމަށް އަރަން އަމުރުކުރި އެވެ. ނަމަވެސް ހަމަބިމުގައި ފައިޖެހުމާ އެކު ވެއްޓުނީ އެވެ. އެހިސާބުން އަޅުގަނޑު އޮފީހަށް ދިޔައީ ފިރުކިފަ އެވެ،" ނަސީމް ލިޔުއްވާފައިވެ އެވެ.

އެ ޖަލުގެ ފޯރި މީހުން ސިފަކުރެވެނީ ހިލަގަނޑަކަށް ވުރެވެސް ހިތްހަރު ރަހުމެއް ނެތް ބައެއްގެ ގޮތުގަ އެވެ. ސަބަބަކަށް ވަނީ، ޖަލަށް ވައްދާއިރު ލައިގެން ހުންނަ ލާ އަންނައުނު ބާވެގެން ގޮސް ވީދުނީމާ ވެސް އޮރިޔާން ނިވާކޮށްލާނޭ ފޭރާމެއް ވެސް ދިއްކޮށްނުލާތީ އެވެ. އަނިޔާގެ ހިތި ދުވަސްތައް ޖަލުގެ ހޭދަކުރި މީހުން ސިފަކުރާ ގޮތުގައި ޖަލުގެ ފޯރިމަރާ ސިފައިން ގައިދީން ގައިގައި ތަޅާ ތެޅުން ސިފަކުރެވެނީ، ސިންގާތަކެއް ބަކަރި އައިނަގަށް އަރައިގަންނަ މިސާލުގަ އެވެ.

އަނިޔާތަކަށް ކެތް ނުވެ މަރު

ވިލިނގިލީގައި ރިސޯޓް ހިންގި ދުވަސްވަރުގެ ފޮޓޯއެއް. -- ފޮޓޯ/ ވޮނަދޮނަ ރާއްޖެ އެފްބީ ޕޭޖް

ވިލިނގިލީ ޖަލުގެ އަނިޔާ އަށް ވަރަކަށް އަހަރަށް ދިގު ދެމިގެން ދިޔައިރު، އާންމުކޮށް މީހުން ދަންނަ މާލޭގެ މަޝްހޫރު އެތައް ބަޔަކަށް އެ ޖަލުގައި އަނިޔާދިނެވެ. އެ އަނިޔާ ލިބުނު ބޭފުޅުންގެ ތެރޭގައި ޗަމްޕާ މުހައްމަދު މޫސާ އުއްޗު އާއި އޭނާގެ ކޮއްކޮ ޗަމްޕާ ހުސެން އަފީފް އާއި ކެނެރީގެ އަބްދުއްސައްތާރު ކޮލި ހަސަން މަނިކާއި މިނާ ކުޑަތުއްތު ފަދަ ބޭފުޅުން ހިމެނެ އެވެ. އޭގެ ތެރެއިން ބައެއް ބޭފުޅުން އަދިވެސް ދުނިޔޭގައި އަހަރުމެންނާ އެކު އެބަ އުޅުއްވަ އެވެ.

އެހެން ނަމަވެސް އެ ޖަލުގެ ލާއިންސާނީ އަނިޔާއަށް ކެތް ނުވެ މަރުވެގެން ދިޔަ ވަރަށް ގިނަ ނަންތައް އެބަ ހުއްޓެވެ. އޭގެ ތެރެއިން އެންމެ މަޝްހޫރު ކޭހަކީ ދައުލަތާ ދެކޮޅު އަމަލެއް ހިންގަން އުޅުމުގެ ތުހުމަތުގައި 20 އަހަރަށް ވިލިނގިލީ ޖަލުގައި ބަންދުކުރި މއ. ހީރާގެ، މުހަމަދު ރަޝީދު (ހީރާ ރަޝީދު) އަށް އެތަނުގައި ދިން އަނިޔާތަކުން ލިބުނު ހާނިކަތަކުގައި އޭނާ އެ ޖަލުގައި މަރުވެގެން ދިޔުމެވެ.

އެ އަނިޔާތައް ލޮލުން ދުށް ބޭފުޅުން ކިޔައިދެއްވާފައިވާ ގޮތުގައި ހީރާ ރަޝީދު ބަންދުކޮށްފައި އޮތީ އޭނާގެ އިސްކޮޅުވެސް ނުކަތާ ވަރުގެ ކުޑަ ގޮޅިއެއްގައި ޗެންޗޭން ޖަހައިފަ އެވެ. ހީރާ ރަޝީދު ބަލި އެނދުގައި އޮންނަން ޖެހޭ ވަރުގެ އަނިޔާއެއް އޭނާއަށް ދިނީ އޭނާ ބަންދުކޮށްފައި އޮތް ގޮޅީގެ ދޮރު ހަލާކުކޮށްލައިގެން ނިކުމެ ޖަލު ގޮޅީގައި ބޭރުގައި ހުއްޓާ ފެނިގެން، ޖަލު ބަލަހައްޓާ ފޯރިވެރިން އޭނާގެ ގައިގައި ތަޅައި ދިން އަނިޔާތަކުގެ ސަބަބުން އެވެ.

އެ މަންޒަރު ލޮލުން ދުށް މަރުހޫމް ސިއްކަގޭ ނަސީމް ލިޔުއްވާފައިވާ ގޮތުގައި؛ ހީރާ ރަޝީދު ޖަލު ގޮޅިން ނިކުމެ ބޭރުގައި ހުރިތަން ފެނިގެން ފުންމައިގެން އަރައި ދެފައިތިލައިން އޭނާގެ މޭމަތީގައި އެންމެ ފުރަތަމަ ޖެހީ ޖަލުގެ ސަރުދާރު ސަރަނގު އަބްދުލްޣަނީ އެވެ. އެއީ ޖަލުގައި އެންމެ އުގޫބާތްބޮޑު އަދަބު ދޭ ބޭފުޅާ ކަމަށްވެ އެވެ. މޭ މަތީގައި އެ އަޅާލި އެތިފަހަރުން ހީރާ ރަޝީދު ބިން މައްޗަށް ވެއްޓުމާ އެކު ދެން ތިބި ފޯރި މީހުންތައް އޭނާ ވަށާލައި، އަރައިގަނެގެން އެ މީހަކަށް ތެޅުނު ގޮތަކުން ހީރާ ރަޝީދުގެ ގައިގާ ތަޅައި އޭނާ ބިމުހުރި ވެއްޔާ ޗިސްކޮށްލީ ކަމަށް ނަސީމް ލިޔުއްވާފައިވެ އެވެ.

އެއަށް ފަހު އެ އަނިޔާ ކުޑަވެގެން އެހެން ގައިދީންނާ އެކަހެރިކޮށް ހީރާ ރަޝީދު ބޭއްވީ ދެ އަތުގައި ބިޑި އަޅުވައި އަނދަގޮނޑި ޖަހައިފަ އެވެ. އެ މަންޒަރު ދުށް މީހުން ލިޔެފައިވާ ގޮތުގައި، ހީރާ ރަޝީދުގެ ފައި އަނދަގޮނޑިއަށް ތިއްބާފައި އޮތީ، އޭނާގެ ފަޔަށް ވުރެވެސް މާ ހިމަ ލޯވަޅެއްގައި ކަމަށް ވުމުން ފައިކަނޑައިގެން ގޮސް ލޭފައިބަމުން ދިޔަ އެވެ. އަދި އޭނާގެ މުޅި މޭމައްޗާއި ގައިގެ އެތަން މިތަން ޒަހަމްވެފައިވާއިރު އެކަށީގެންވާ ބޭސްފަރުވާ ނުލިބުމުގެ ސަބަބުން ޒަހަމްތަކުގައި ދޮސްލަމުން ވެސް ދިޔަ އެވެ. އެންމެ ފަހުން އެ އަނިޔާތަކުގެ ވޭނުގައި ބަލި އެނދުން ނުތެދުވެ އޮވެ ހީރާ ރަޝީދު އެ ޖަލުގައި މަރުވީ އެވެ. އޭނާ ވަޅުލީ ވެސް، ވިލިނގިލީ ދެކުނު ފަރާތު އަތިރިމައްޗާ ކައިރި ހިސާބެއްގަ އެވެ.

ވިލިނގިލީ ރިސޯޓް ހިންގި ދުވަސްވަރު ހަދާފައިވާ ޖެޓީއެއް. -- ފޮޓޯ/ ވޮނަދޮނަ ރާއްޖެ އެފްބީ ޕޭޖް

މިއީ އެ ޖަލުގައި މަރުވި މީހުންގެ ތެރެއިން އެންމެ މަޝްހޫރު ހާދިސާ ނަމަވެސް، ލާއިންސާނީ އަނިޔާތަކުގައި މަރުވި އެތައް ބަޔަކު އެބަ ތިއްބެވެ. އޭގެ ތެރެއިން ގިނަ މީހުން ވަޅުލީ ވެސް، ވިލިމާލެ ދެކުނު ފަރާތު އިރުމައްޗަށްވާ ގޮތަށް، މިހާރު އެ ރަށު ޕްރީން ސްކޫލް ހަދާފައިވާ ބިމާއި އެ ސަރަހައްދުގައ ކަމަށް ބުނެ އެވެ. އެތަނުގައި ޕްރީންސްކޫލް ހެދި ދުވަސްވަރު، 2011 ހިސާބުގައި އެތަނުން މިނި ކަށިތަކެއް ފެނުނެވެ. އެކަމަކު އެއީ އެހާ ސާފުކޮށް ފެންނާން އޮތް ލިސްޓެއް ނޫނެވެ.

ވިލިނގިލީ ޖަލުގައި އަނިޔާ ލިބުނު މީހުންގެ ލިސްޓްގައި ރާއްޖޭގައި ހައްޔަރުކުރި ރާއްޖެއިން ބޭރުގެ މީހުންނާއި 18 އަހަރު ނުފުރޭ ކުޑަކުދިން ވެސްހިމެނެ އެވެ.

ނާސިރަށް އެނގޭ ކަމަކަށް ނުވޭ

ވިލިނގިލީ ޖަލުގެ އަނިޔާގެ ވާހަކަޔާ އެކު އަންނަ މަޝްހޫރު ވާހަކައަކީ، އެ ޖަލުގެ އަނިޔާގެ ވާހަކަ ރައީސް ނާސިރަށް އެނގިވަޑައިގަތީ އާންމު މީހަކު ނާސިރަށް ފޮނުވި ސިޓީއަކުން އެވެ. އެ ސިޓީ ނާސިރު ކިޔުއްވުމަށް ފަހު އެރޭ ދަންވަރު އެއްވެސް މީހަކަށް ދުރާލައި އެންގުމެއް ނެތި ސިއްރިއްޔާތުގައި އެމަނިކުފާނު ޖަލަށް ވަޑައިގެންނެވި އެވެ. އަދި އެތަނުގައި ކަން ހިނގަމުން ދާގޮތް އަމިއްލަ ލޮލުން ދެކެވަޑައިގެންނެވި އެވެ. އެއަށް ފަހު، ވަގުތުން ވަގުތަށް 25 ހަކަށް ސިފައިންގެ މީހަކު ހިދުމަތުން ވަކިކުރެއްވި އެވެ. އަދި އެކަމާ ގުޅިގެން ޝަރީއަތް ހިންގައި މި ސިފައިން އަރުވާލި އެވެ.

އެހެން ނަމަވެސް، ތާރީހު ލިޔާ މީހުން ބުރަވަނީ އެ އަނިޔާތަކުގެ ވާހަކަތައް ނާސިރަށް އެނގިވަޑައި ނުގެން ނުހުންނަވާނޭ ކަމަށެވެ. އެއީ ނާސިރު އެކަމުން ރެކެން ޖެއްސެވި ސްޓަންޓެއް ކަމަށް ސިފަކުރުމުގެ ފުރުސަތު އޮތީ އެވެ. މަރުހޫމް އަބްދުލް ހަކީމް ލިޔުއްވާފައިވާ ގޮތުގައި؛ "ނާސިރަކީ ދުނިޔޭގައި އުފެދުނު އަނިޔާވެރި ލީޑަރުންގެ ތެރޭގައި ހިމެނޭ ލީޑަރެކޭ ނުބުނާނެ ތަނެއް ނެތެވެ. އެހެނީ ސަރުކާރުގެ ހިންގެވުމުގައި މިކަންކަން ހިނގާފައި ވަނީ އެނގިވަޑައިގަތުމަކާ ނުލާ ކަމަށްވިޔަސް، އެކަން ރައްދު ކުރެވޭނީ ނާސިރަށް" ކަމަށެވެ.

ވިލިނގިލީ ޖަލު އުވާލި، އެކަމަކު އަނިޔާ ނުހުއްޓުނު

ވިލިނގިލީ ޖަލުގެ ލާއިންސާނީ އަނިޔާގެ ވާހަކަ އާއި ބިރުވެރި ކަމުގެ ވާހަކަ އާންމުވުމާ އެކު 1970ގެ ކުރީކޮޅު އެ ޖަލު އުވާލީ އެވެ. އަދި ރާއްޖެއަށް ޓޫރިޒަމް ތައާރަފް ކުރަން، ރައީސް ނާސިރު ކުރެއްވި މަސައްކަތުގައި އެ ރަށަކީ ޓޫރިސްޓުންނަށް ހިދުމަތް ދޭ ރިސޯޓެއްގެ ގޮތަށް، 1970 ގައި އެ ރަށް ބަދަލުކުރީ އެވެ. ނާސިރުގެ ވެރިކަން 1978 ގައި ނިމުނު ފަހުން ވެސް 1989 ހިސާބަށް ވިލިނގިލީގައި ރިސޯޓް ހިންގި އެވެ. އެ ރަށުގައި މީހުން ބާބަކިއު ހަދައި މޫދަށް އެރެން ބޭނުންކުރާ އިރުމަތީ ފަރާތު ބީޗަށްވާ ގޮތަށް ވީރާނާވާން ދޫކޮށްލާފައި އެ ހުރި އިމާރާތްތަކަކީ އޭރު ރިސޯޓް ހިންގި އިރުގެ ބައެއް އިމާރާތްތަކެވެ.

ނާސިރުގެ ވެރިކަން ނިމި ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ޒައާމަތު ފެށުމާ އެކު ވިލިނގިލީ ޖަލުގެ އަނިޔާތައް ތަހުގީގު ކުރެވުނެވެ. ބުނަމުން ދިޔައީ، ނާސިރުގެ އަނިޔާއަށް އިންސާފު ހޯދައިދިނުން ކަމަށެވެ. އެހެން ނަމަވެސް، އެ ތަހުގީގުތަކަށް ފަހު ވެސް ރައީސް މައުމޫންގެ ސަރުކާރުގައި ވެސް ކަންކަން އިސްލާހު ނުވެ، ދޫނިދޫ ފަދަ ޖަލުތަކުގައި ލާއިންސާނީ އަނިޔާތައް ތަކުރާރުވަމުން ދިޔަ އެވެ. ޖަލުތަކުގެ ލާއިންސާނީ އަނިޔާގެ ޗެޕްޓަރު ވިލިނގިލީ ޖަލާ ހަމައިން ބަންދެއް ނުވި އެވެ. އެ ސަގާފަތް އެތައް ޖީލަކަށް ދެމިގެން ދިޔައީ އެވެ.

--

ރެފަރެންސް: *އަޅުގަނޑުގެ ހަނދާންތައް - ސިއްކަގޭ މުހައްމަދު ނަސީމް *އިއްޔެ މަޖައްލާ 10 އޮގަސްޓް 1997 *ދިވެހި ޑައިޖެސްޓް، އަދަދު 15 * އާޓްސް މިނިސްޓްރީގެ ރިސާޗް އެނަލިސްޓް އަދި އިސްލާމީ ޔުނިވާސިޓީގެ ލެކްޗަރާ އަލާ ދީދީ

comment ކޮމެންޓް