ބީއެމްއެލް އިސްލާމިކް އިން ވިޔަފާރިތަކަށް ބޭންކިންގެ ހުރިހާ ޚިދުމަތްތައް ލިބޭނެގޮތް ހަމަޖައްސައިފި

ބީއެމްއެލް އިސްލާމިކް އިން ދެ ޕްރޮޑަކްޓެއް ނެރުމަށް ބޭއްވި ބައްދަލުވުމުގެ ތެރެއިން--- ފޮޓޯ/ ބީއެމްއެލް

ބީއެމްއެލް އިސްލާމިކް އިން ވިޔަފާރިތަކަށް ދޭ އެހީތެރިކަން އިތުރުކުރުމުގެ ގޮތުން ފައިނޭންސިންގެ ޕްރޮޑަކްޓްތަކެއް ތައާރަފް ކޮށްފި އެވެ.

މިއަދު ބީއެމްއެލްގައި ތައާރަފު ކުރި ޕްރޮޑަކްޓްތަކަކީ ރީޓެއިލާސް ފައިނޭންސިން އަދި ބިޒްނަސް ޑިވެލޮޕްމަންޓް ފައިނޭންސިން އެވެ. އޭގެ އިތުރަށް ލެޓާ އޮފް ކްރެޑިޓް އަދި ބޭންކް ގެރެންޓީގެ އިތުރުން ވިޔަފާރި ހިންގުމަށް ބޭނުންވާ ފައިސާ ހޯދޭނެ ގޮތަށް ޖެނެރަލް ފައިނޭންސިން އަށް ވެސް ވަނީ ބަދަލުތަކެއް ގެނެއްސަ އެވެ.

އެ ހިދުމަތްތަކާ އެކު ބީއެލްއެލްގެ ކޮންވެންޝަނަލްއިން ދޭ ކޮންމެ ހިދުމަތެއް މިހާރު ބީއެމްއެލް އިސްލާމިކް މެދުވެރިކޮށް ލިބޭނެ ކަމަށް ބީއެމްއެލް އިން ބުންޏެވެ.

ޕްރޮޑަކްޓްތައް ލޯންޗުކޮށްދެއްވުމަށް ފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ އެންޑް ޑިރެކްޓަ އޮފް އޮޕަރޭޝަން މުހައްމަދު ޝަރީފު ވިދާޅުވީ ބީއެމްއެލް އިސްލާމިކްގެ ހިދުމަތް ވަރަށް ރަނގަޅު މިސްރާބެއްގައި ކުރިއަރަމުން އަންނަ ކަމަށެވެ.

"މިއަދު މި ތައާރަފުކުރެވެނު ޚިދުމަތްތަކަކީ ބޭންކުން ވިޔަފާރިތަކަށް ދޭ އެހީތެރިކަން އިތުރުކޮށް ރާއްޖޭގައި ކުދި އަދި މެދު ފަންތީގެ ވިޔަފާރި ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތަށް ލިބޭ އިތުރު ފުރިހަމަކަމެއް،"

ޝަރީފު ވިދާޅުވީ ބީއެމްއެލް އިން ވިޔަފާރިތަކަށް އަމާޒުކޮށް ދެމުންދާ ހުރިހާ ހިދުމަތެއް ބީއެމްއެލް އިސްލާމިކް ދަށުން ދެވިގެންގެންދިއުމަކީ އުފަލެއް ކަމަށެވެ.

ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ އެންޑް ޑިރެކްޓަ އޮފް އޮޕަރޭޝަން މުހައްމަދު ޝަރީފު--- ފޮޓޯ/ ބީއެމްއެލް

ބީއެމްއެލް އިސްލާމިކް ރީޓެއިލާސް ފައިނޭންސިން އަކީ ވިޔަފާރި ހިންގާ ފަރާތްތަކުގެ ތެރެއިން ބީއެމްއެލް ޕީއޯއެސް މެދުވެރިކޮށްކުރާ ވިޔަފާރީގެ ތެރެއިން މަހެއްގެ މައްޗަށް އެވެރެޖްކޮށް 50,000 ރުފިޔާ ލިބޭ ފަރާތްތަކަށް ހާއްސަކޮށްފައިވާ ޕްރޮޑަކްޓެކެވެ. އަނބުރާ ފައިސާ ދެއްކުމަށް ހަތަރު އަހަރުގެ މުއްދަތެއް ލިބޭނެ އެވެ. އަދި ވަކާލާގެ މައްޗަށް ބިނާކުރެވޭ 12 މަސް ދުވަހަށް ބަހާލެވޭ އޯވާޑްރާފްޓްގެ ޚިދުމަތް ވެސް ލިބޭނެ އެވެ. ފަސްލައްކަ ރުފިޔާ އާ ހަމަޔަށް ދޫކުރާ ފައިނޭންސިން އަށް އެއްވެސް ރަހުނެއް ބޭނުމެއް ނުވާނެ އެވެ.

ބީއެމްއެލް އިސްލާމިކް ބިޒްނަސް ޑިވެލޮޕްމަންޓް ފައިނޭންސިން އަކީ ރަހުނު ބެހެއްޓުމުގައި ލުއި ފަސޭހަ ގޮތްތައް ހިމެނި ވިޔަފާރި ފުޅާކުރުމަށާއި ހިންގުމަށް ބޭނުންވާ ފައިސާ ހޯދުމަށާއި ޕްރޮޕަޓީ ޑިވެލޮޕް ކުރުމަށާއި އާ މުދާ ނުވަތަ މެޝިނަރީ ގަތުމަށް ބޭނުންވާ ފައިސާ ހޯދުމަށް ވެސް އެދި ހުށަހެޅޭނެ ފައިނޭންސިން އެކެވެ. އެމްއެމްއޭގެ ކްރެޑިޓް ގެރެންޓީ ސްކީމް ދަށުން ވެސް މި ފައިނޭންސަށް އެދި ހުށަހެޅޭނެ އެވެ. އެގޮތުން އަލަށް ވިޔަފާރިފެށުމަށާއި ވިިޔަފާރި ފުޅާކުރުމަށާއި ހިންގުމަށް ބޭނުންވާ ފައިނޭންސް ހޯދުމުގެ ފުރުސަތު ކަސްޓަމަރުންނަށް ލިބިގެންދާނެއެވެ.

ބީއެމްއެލް އިސްލާމިކް ހިދުމަތްތައް ފަރުމާ ކުރެވިފައި ވަނީ އިސްލާމިކް ބޭންކިން އާ ގުޅޭ ބައިނަލްއަޤްވާމީ އެންމެ ރަނގަޅު އުސޫލުތަކަށް ބިނާކޮށް ޝަރުއީ ހަމަތަކަށް ފުރިހަމައަށް ފެތޭ ގޮތުގެ މަތިންނެވެ.

comment ކޮމެންޓް