"އަދި ވެސް ދާނެ ވަކި ކުލަބެއް ނުނިންމަން"

އަޔެކްސްގެ ކެޕްޓަން މެތިއަސް ޑެ ލީޙް --- ފޮޓޯ/މެޓް ޑޯމަން

ސްޕެއިންގެ ބާސެލޯނާއާއި އިނގިރޭސި ވިލާތުގެ މެންޗެސްޓާ ޔުނައިޓެޑުން ސޮއެ ހޯދަން މަސައްކަތް ކުރި ނަމަވެސް އަދި ދާނެ ވަކި ކުލަބެއް ނުނިންމާ ކަމަށް އަޔެކްސްގެ ޒުވާން ކެޕްޓަން މެތިއަސް ޑެ ލީޙް ބުނެފި އެވެ.

މިވަގުތު ޔޫރަޕުގެ އެންމެ ގިނަ ކުލަބުތަކަކުން ބޭނުންވެފައިވާ އުމުރުން އެންމެ 19 އަހަރުގެ ޑިފެންޑަރު އޭނަގެ މިހާރުގެ ކުލަބު، އަޔެކްސްއިން އަންނަ ސީޒަނުގައި ނުފެންނާނެ ކަމަށް އެ ޓީމުގެ ކޯޗު އެރިކް ޓެން ހެންގް ވަނީ މިދިޔަ މަހު ބުނެފަ އެވެ. ކޯޗު އެހެން ބުނުމާ އެކު ޔޫރަޕުގެ ގަދަ ބާރުތަކުން ޑެ ލީޙް ހޯދަން މަސައްކަތް ފަށާފައިވާ އިރު އެންމެ ގިނަ އަދަދަކަށް ފައިސާ ހުށައަޅާފައި ވަނީ ބާސެލޯނާ އާއި މެންޗެސްޓާ ޔުނައިޓެޑުންނެވެ.

މި ދެކުލަބަށް ވެސް މިހާރު ޖެހިފައިވާ އެންމެ ބޮޑު އެއް މައްސަލަ އަކީ ޓީމުގައި ފޯވާޑުންނާ އެއް ފެންވަރެއްގެ ޑިފެންޑަރުން ނެތުމުގެ މައްސަލަ އެވެ. ޑެ ލީޙް އަކީ އުމުރުން ކިތަންމެ ޒުވާން ކުޅުންތެރިއެއް ނަމަވެސް ހުނަރުގެ ގޮތުންނާއި އިސްނެގުންތެރި ކަމުގައި ލާމަސީލު ކުޅުންތެރިއެއް ކަމަށް އޭނާ ވަނީ މި ނިމުނު ސީޒަނުގައި ސާބިތު ކޮށްދީފަ އެވެ.

ޑެ ލީޙްގެ ކެޕްޓަން ކަމުގެ ދަށުގައި އަޔެކްސް އިން ވަނީ މި ނިމުނު ސީޒަނުގައި ޔޫރަޕުގެ އެންމެ ޝަރަފުވެރި މުބާރާތް ކަމަށްވާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލަށް ދަތުރު ކުރުމުގެ އިތުރުން ޑަޗް ލީގާއި ލީގު ކަޕުވެސް ކާމިޔާބު ކޮށްފަ އެވެ.

"ޕްރިމިއާ ލީގަކީ ދުނިޔޭގެ އެންމެ ބޮޑު އެއް ލީގު. ސްޕެއިންގެ ލީގަކީ ވެސް އެހާމެ ބޮޑު ލީގެއް،" ޑެ ލީޙް ނޫސްވެރިންނާ ވާހަކަ ދައްކަމުން ބުންޏެވެ.

"މި ދެ ލީގުގެ އިތުރުން ވެސް ބޮޑެތި އެހެން ލީގުތައް ވެސް އެބަހުރި. އަހަރެން އަދި ނުނިންމަން އަންނަ ސީޒަނުގައި ކުޅޭނެ ޓީމެއް. ކުރިއަށް އޮތް ދެ މެޗު ކުޅުމަށްފަހު އެކަމާ އުޅޭނީ."

ޑެ ލީޙް ދަނީ ނެދަލެންޑުގެ ގައުމީ ޓީމުގެ ފަރިތަކުރުންތަކުގައި ބައިވެރި ވަމުންނެވެ. ކުރިއަށް އޮތް އިންޓަނޭޝަނަލް ބްރޭކުގައި ޔޫއެފާ ނޭޝަން ކަޕުގައި އިނގިރޭސި ވިލާތާއި ބައްދަލު ކުރަން ޖެހޭ އިރު އެ ޓީމު މިވަގުތު އޮތީ ރަނގަޅު ހާލަތެއްގައި ކަމަށް ޓީމުގެ ކޯޗު ރޮނާލްޑް ކޮއެމަން ވަނީ ބުނެފަ އެވެ.

comment ކޮމެންޓް