ކުލަބަށް ހާއްސަ އެޕްލިކޭޝަނެއް އުފައްދައި ގްރީންސްޓްރީޓް ތާރީހުގެ ތެރެއަށް

ކުލަބް ގްރީން ސްޓްރީޓުން ރޭ ތައާރަފު ކުރި މޯބައިލް އެޕްލިކޭޝަން ދައްކާލުމުގެ ތެރެއިން --- ފޮޓޯ/ ގްރީން ސްޓްރީޓްސް

ރާއްޖޭގެ ކުލަބަކުން ފުރަތަމަ ފަހަރަށް އެކުލަބަކަށް ހާއްސަ މޯބައިލް އެޕްލިކޭޝަނެއް ތައާރަފު ކުރުމުގެ ޝަރަފު ކުރިއަރަމުން އަންނަ ކުލަބް ގްރީން ސްޓްރީޓް އިން ހޯދައިފި އެވެ.

ގްރީން ސްޓްރީޓުން ރޭ އިފްތިތާހު ކުރި މި އެޕްލިކޭޝަނުގެ ސަބަބުން ކުލަބުގެ އެޑްމިނިސްޓްރޭޓިވް ކަންތައްތަކުގެ އިތުރުން ކުރިއަށް އޮތްތަނުގައި ކުލަބުގެ ސަޕޯޓަރުންނާއި ކުލަބާއި ގުޅުވައިދޭ ޕްލެޓްފޯމަކަށް މި އެޕްލިކޭޝަން ވެގެން ދާނެ ކަމަށް އެ ކުލަބުން ބުނެއެވެ.

ޓެކްނޮލޮޖީގެ ރޮނގުން ދުނިޔެ ދުވަހަކަށް ވުރެން ދުވަހެއް ކުރިއަރަމުން އަންނަ އިރު ކުޅިވަރުތަކަށްވެސް އެކަމުގެ ބޮޑެތި ފައިދާތައް އަންނަނީ ލިބެމުންނެވެ. އެގޮތުން އިދާރީ މަސައްކަތްތަކާއި ފައިނޭންސްގެ މަސައްކަތްތައް ވެސް ޑިޖިޓަލައިޒް ކޮށްގެން ބޭނުންތާކު ހުރެ މަސައްކަތް ކޮށްލެވޭނެ ފަދަ ނިޒާމުތައް ވަނީ ތައާރަފު ކޮށްފަ އެވެ.

ކުލަބް ގްރީންސްޓްރީޓް އިން ރާއްޖެއަށް ތައާރަފު ކުރި މި އެޕްލިކޭޝަނުގައި ހިމެނޭ ފީޗާސް ތަކުގެ ތެރޭގައި، ކުލަބުގެ ރެވިނިއު، އިންވެންޓްރީ، ދުވަހުން ދުވަހަށް ހިނގާ ހަރަދުތައް، އެކައުންޓްސްގެ ތަފްސީލް، ކުލަބުގެ ހަރަކާތްތަކުގެ ޝެޑިއުލް މެންބަރުންގެ ދަފުތަރެވެ. މީގެ އިތުރުން، ބައްދަލުވުންތަކާއި ބައްދަލުވުންތަކު އެޖެންޑާ އާއި ޔައުމިއްޔާ ވެސް ބެލެނޭ ފީޗާސްތައް އެޕްލިކޭޝަންގައި ހިމަނާފައި ވެއެވެ.

މީގެ އިތުރުން ގްރީންއިން ބުނީ ރާއްޖޭގެ އެހެން ކުލަބުތަކަށް ވެސް މި އެޕްލިކޭޝަން ވިއްކުމުގެ ވިސްނުން އެބަ ގެންގުޅޭ ކަމަށާއި އެގޮތުން އެންމެ ފުރަތަމަ އެކަން ކުރަން ގަސްތު ކުރަނީ ވޭތުވެ ދިޔަ އަހަރުގެ ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ހޯދި ޓީސީ ސްޕޯޓްސްއަށް ކަމަށެވެ.

މިކަމާ ބެހޭ ގޮތުން އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވެސް ވަނީ ގްރީންއަށް ވަރަށް ބޮޑަށް ތައުރީފް ކޮށްފަ އެވެ. އޭނާ ވިދާޅުވީ މިއީ ވަރަށް އުފާވެރި ހަބަރެއް ކަމަށާއި ރާއްޖޭގެ އެހެން ކުލަބުތަކުން ވެސް މި އެޕްލިކޭޝަން ބޭނުން ކުރަން ރަނގަޅު ކަމަށެވެ.

ގްރީން ސްޓްރީޓުން މިއަހަރުގެ ސީޒަނަށް ޓީމު ވަރުގަދަ ކުރުމުގެ ގޮތުން ރާއްޖޭގެ ފުޓުބޯޅައިގެ އެންމެ ނުފޫޒް ގަދަ ބައެއް ފަރާތްތައް ވެސް ވަނީ އެ ކުލަބަށް މި ސީޒަނުގައި ގެންގޮސްފަ އެވެ. އެގޮތުން އަލީ އަޝްފާގް އާއި މުހައްމަދު އުމޭރު އަދި މުހައްމަދު އާރިފް 'ބަކާ' ގެ އިތުރުން ހަސަން އަދުހަމް އާއި ރިލްވާން ވަހީދު 'ރިލޭ' ވެސް ވަނީ މި ސީޒަނުގައި ގްރީންއަށް ކުޅެން ނިންމާފަ އެވެ.

comment ކޮމެންޓް