ހަދަމުންދިޔަ މިސްކިތަކުން ބިއްލޫރި ޝީޓެއް ވެއްޓި ދެ މީހަކަށް އަނިޔާ ވެއްޖެ

މާވެޔޮ މިސްކިތް ތަޅާލުމުގެ ކުރިން: އެ މިހާރު އަލުން އިމާރާތް ކުރަމުންދާ އެ މިސްކިިތުން ބިއްލޫރި ޝީޓެއް ވެއްޓި ދެ ބިދޭސީއަކަށް ވަނީ އަނިޔާ ވެފައި -- ފައިލް ފޮޓޯ/ވީނިއުސް

މާލޭގައި އިމާރާތް ކުރަމުން އަންނަ މާވެޔޮ މިސްކިތުން ބިއްލޫރި ޝީޓެއް ވެއްޓި ދެ ބިދޭސީއަކަށް އަނިޔާ ވެއްޖެ އެވެ.

އެ ހާދިސާގެ ރިޕޯޓު ފުލުހުންނަށް ލިބުނީ މިއަދު ހެނދުނު 10 ޖަހާ އެހާކަންހާއިރު ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ، އެ ހާދިސާގައި އަނިޔާވެފައި ވަނީ އެ މިސްކިތް އިމާރާތް ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ދެ ބިދޭސީންނަށް ކަމަށެވެ. އެ ދެ މީހުން މިހާރު ވަނީ އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސްފަ އެވެ.

އައިޖީއެމްއެޗާ ހަވާލާދީ ފުލުހުން ބުނީ، އެ ދެމީހުންނަށް މާބޮޑު އަނިޔާއެއް ނުވާ ކަމަށެވެ. ނަމަވެސް އެކަކުގެ އިނގިޔެއް ކަފައިގެން ގޮސް، އަނެއް މިހާގެ އުނަގަނޑަށް ތަދުވާ ކަމަށް ފުލުހުން ބުންޏެވެ.

ބިއްލޫރި ޝީޓު ވެއްޓުނީ، ބިއްލޫރި ޝީޓު މައްޗަށް ނެނގުމުގެ ތެރޭގައި ކަމަށް ފުލުހުން ބުންޏެވެ. އަދި އަނިޔާވި ދެ ބިދޭސީން ވެސް ތިބީ ސޭފްޓީ ހެލްމެޓް އަޅައިގެން ކަމަށް ފުލުހުން ބުންޏެވެ. ފުލުހުން ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރި ވަމުނެވެ.

ހަދަމުން ދިޔަ އިމާރާތުން ބިއްލޫރި ޝީޓެއް ވެއްޓި ދެ ބިދޭސީއަކަށް އަނިޔާވެފައިވާ އިރު، މީގެ މަހެއްހާ ދުވަސް ކުރިން ވެސް މާލޭގައި ހަދަމުން ދިޔަ މިސްކިތެއްގެ މަތިން ވެއްޓި ފަރުވާދެމުން ދަނިކޮށް މީހަކު ވަނީ މަރުވެފަ އެވެ.

comment ކޮމެންޓް