ކުޅުދުއްފުށީ ފިހާރައަކުން ވައްކަން ކުރި ދެމީހަކު ހައްޔަރުކޮށްފި

ކުޅުދުއްފުށީ ފިހާރައަކުން "ވަގަށްނެގި" ކަމަށް ބެލެވޭ ތަކެތި--- ފޮޓޯ: ޕޮލިސްމީޑީއާ

ހދ. ކުޅުދުއްފުށީ ފިހާރައަކުން ވަގަށްނަގާފައިވާ ކަމަށް ބެލެވޭ ތަކެތި ހޯދައި ދެމީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ ތަކެތި އަތުލައިގަތީ ކުޅުދުއްފުށި ފިހާރައަކުން ވައްކަން ކޮށްފައިވާ ކަަމަށްބުނެ މެއި 23 ވަނަ ދުވަހުގެ ރޭ 8:30 ހާއިރު ކުޅުދުއްފުށި ޕޮލިސް ސްޓޭޝަނަށް ހުށަހަޅާފައިވާ މައްސަލައަކާއި ގުޅިގެން ހިންގި އޮޕަރޭޝަންގައި ކަމަށެވެ.

އެ މައްސަލައިގައި ހައްޔަރުކޮށްފައިވަނީ 29 އަހަރުގެ މީހަކާއި 32 އަހަރުގެ މީހެއް ކަމަށްވެސް ފުލުހުން ބުންޏެވެ.

އެ މައްސަލައިގައި ހައްޔަރުކޮށްފައިވާ ދެމީހުންގެ ތެރެއިން 29 އަހަރުގެ މީހާ ދިރިއުޅޭ ގެ ބަލައިފާސްކުރިއިރު، އެ ފިހާރައިން ވަގަށްނަަގާފައިވާ ކަމަށް ބެލެވޭ ދެ މޯބައިލް ފޯނާއި މޯބައިލް ފޯނުގެ ސިމްކާޑެއް ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އޭގެ އިތުރުން އެ ފިހާރައިން ވަގަށްނަގާފައިވާކަމަށް ބެލެވޭ 3790 ރުފިޔާ އެރަށުގެ ފުށްޓަރު ފަރާތު އަތިރިމަތިން ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަަމަށްވެސް ފުލުހުން ބުންޏެވެ.

އެ މައްސަލައިގައި ހައްޔަރުކޮށްފައިވާ ދެމީހުންގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ކުޅުދުއްފުށި މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން 29 އަހަރުގެ މީހާގެ ބަންދަށް 15 ދުވަސް ވަނީ ޖަހައިދީފަ އެވެ. އަދި 32 އަހަރުގެ މީހާ ހޯމް މިނިސްޓްރީއިން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް ހަތް ދުވަހުގެ މުއްދަތު ޖަހައިދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެ މައްސަލަ ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަނުން މިހާރު ތަހުގީގް ކުރަމުންދާ ކަމަށެވެ.

comment ކޮމެންޓް