ކުރާނެ މަސައްކަތެއް ނެތި ހާލުގައި ޖެހިފައިވާ 17 އަހަރުގެ ބިދޭސީއަކަށް ބަޔަކު އެހީވެއްޖެ

މާލެ ތެރޭގައި ހާލުގައި ޖެހިގެން އުޅޭ އުމުރުން 17 އަހަރުގެ ބަންގްލަދޭޝް ރައްޔިތެއް --- ފޮޓޯ/މީސްމީޑިއާ

މާލެ ތެރޭގައި ހާލުގައި ޖެހިފައިވާ ކަމަށް ބެލެވޭ އުމުރުން 17 އަހަރުގެ ބަންގްލަދޭޝްގެ ޒުވާނަކަށް ރާއްޖޭގެ ގްރޫޕަކުން އެހީތެރިވެ ދީފި އެވެ.

ދާދި ފަހަކުން އެ ބިދޭސީ މީހާގެ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާއްމު ވެފައިވާ އިރު އެ ވީޑިއޯގައި އޭނައަށް ދިމާވެފައިވާ ހާލަތު ވަރަށް ރަނގަޅަށް ކިޔައިދެވެ. ކުރާނެ މަސައްކަތެއް ނެތި އެގޮތް މިގޮތަށް މާލެ ތެރޭގައި އުޅެމުންދިޔަ އެ ޒުވާނާ ބުނީ އޭނާ ރާއްޖެ ގެނައީ ގެސްޓް ހައުސްއެއްގައި މަސައްކަތް ކުރުމަށް ބުނެ ކަމަށެވެ.

ނަމަވެސް އޭނާ ރާއްޖެ ގެނައުމަށް ފަހު އޭނާ ގެނައި ކުންފުނިން ފޯނު ނުނަގާ ކަމަށާއި ގުޅޭނެ އިތުރު ނަންބަރެއް ވެސް ނޭނގޭ ކަމަށް އޭނާ ބުންޏެވެ.

"އަހަރެން ގެނައި ބަންގްލަދޭޝް މީހާ. އެމީހުން ނޭނގެ. ފޯނު ސްވިޗް އޮފް ހުރިހާ އެއްޗެއް އޮފް،"

އެ ޒުވާނާ ބުނީ އޭނާ މިހާރު ދިރިއުޅެނީ މާވެޔޮ މަގުގައި ކަމަށާއި ނަމަވެސް ކުރާނެ މަސައްކަތެއް ނެތް ކަމަަށެވެ. އަދި ކޮންމެ މަސައްކަތެއް ވިޔަސް ކުރަން ތައްޔާރު ކަމަށް އޭނާ ބުނެފައިވެއެވެ.

"މަންމަ، ބައްޕަ ހުންނަނީ ބަންގަލަދޭޝް ގައި. އަހަރެން ފޯނު ނެތީ. ގެސްޓް ހައުސްއަށް ލާރި ދޭން ބޭނުންވަނީމަ ފޯނު ވިއްކާލަނީ،"

އަތުގައި ފައިސާ ނެތުމުން އެނބުރި ގައުމަށް ދެވޭނެ ގޮތެއް ނެތް ކަމަށް ވެސް އޭނާ ބުންޏެވެ.

އެ ހާލުގައި އުޅެމުން ދިޔަ މި ޒުވާނާއަށް މިރޭ ވަނީ ރާއްޖޭގެ ޒުވާން ގުރޫޕަކުން އެހީތެރިވެ ދީފަ އެވެ. އޭނާއަށް ފައިސާގެ އެހީތެރިކަމެއްގެ އިތުރުން ފޯނެއް ވެސް އެމީހުން ވަނީ ހަދިޔާ ކޮށްފަ އެވެ. ނަމަވެސް އޭނާ އެ ފައިސާ އަތުގައި ބަހައްޓާކަށް ބޭނުމެއް ނުވެއެވެ. ސަބަބަކީ އަތުގައި ހުއްޓައި ބަޔަކު ފޭރިގެންފާނެ ކަމުގެ ބިރު އޮތުމުން ކަމަށް އޭނާ ބުންޏެވެ.

"މި ފައިސާ އަހަރެންގެ މަންމައާ ހަވާލު ކޮށްދީ،" އެ ޒުވާނާ ބުންޏެވެ.

މީގެ އިތުރުން މި ޒުވާނާ ބަންގްލަދޭޝްއަށް އަނބުރާ ފޮނުވާލެވޭނެ ގޮތެއް ހޯދުމަށް ވެސް މިރޭ އެ ޒުވާނާއަށް އެހީވި މީހުން ވަނީ މަސައްކަތް ފަށައިފަ އެވެ.

މި ބަންގްލަދޭޝް ޒުވާނާއަށް ކިޔާ ނަމެއް އަދި އަތުގައި ޕާސްޕޯޓް އޮތް ކަމެއް ނެތް ކަމެއް ވެސް ޔަގީނެއް ނުވެ އެވެ. އުމުރުން 18 އަހަރު ނުވާ އެއްވެސް ބިދޭސީއަކު ރާއްޖެ އައިސް މަސައްކަތް ކުރުމަކީ ގާނޫނީ ގޮތުން މަނާކަމެކެވެ.

މިކަމާ ގުޅޭގޮތުން އިމިގްރޭޝަންގެ އޮފިޝަލަކު "ސަން" އަށް ވިދާޅުވީ ގަވާއިދާ ޚިލާފަށް ރާއްޖެއަށް ބިދޭސީއަކަށް އެތެރެ ނުވެވޭނެ ކަމަށެވެ. ސަބަބަކީ ރާއްޖެ އެތެރެވާ ބިދޭސީންނަށް ވެސް އެތެރެވެވެނީ އިމިގްރޭޝަނުން ޗެކްކުރުމަށްފަހު ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

"ރާއްޖެ ގެންނަ ބައެއް ބިދޭސީންނަށް ބަލާއިރު އަޅުގަނޑުމެންނަށް ބަލާބެލުމަށް ހިވޭ 18 އަހަރު ނުވާ ކަމަށް. ނަމަވެސް ބަނގުލަދޭޝްގެ ކަމާބެހޭ އިދާރާ އިން ދީފައިވާ ޕާސްޕޯޓެއް އޮވޭ 18 އަހަރު ވެއްޖެ ކަމަށް. އެހެންވީމަ ދެން ނޯވޭ އިތުރަށް އަޅުގަނޑުމެންނަށް އެކަމުގައި ކުރެވޭނެ ކަމެއް،" އިމިގްރޭޝަންގެ އޮފިޝަލް ވިދާޅުވިއެވެ.

comment ކޮމެންޓް