ސްރީލަންކާގެ ހަރުކަށި ހާމުދުރު މިނިވަންކުރުމުން ރައީސް ސިރިސޭނާއަށް ބޮޑެތި ފާޑުކިޔުންތަކެއް

6 އަހަރުފަހުން މިނިވަންކުރި ހަރުކަށި ހާމުދުރު ގަލަގޮޑާ އައްޓެ ނަނަސާރާ

ކޮލަންބޯ (މޭ 26) : މިދިޔަ އެޕްރީލްމަހުގެ 21 ވަނަ ދުވަހު ސްރީލަންކާއަށް ދިން ޓެރަރިސްޓް ޙަމަލާތަކަށްފަހު ހަރުކަށި ބުޑިސްޓުންގެ ބަޔަކު އެގައުމުގެ މުސްލިމުންނާ ދެކޮޅަށް ހިންގި ލާއިންސާނީ އަމަލުތަކަށް ތާއީދު ކުރި ހަރުކަށި ހާމުދު ގަލަގޮދާއްތެ ނާނަސާރާ އަށް ރައީސް މައިތްރިޕަލަ ސިރިސޭނާ މަޢާފް ދެއްވުމުން ސިރިސޭނާއަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެއްޖެއެވެ.

ސްރީލަންކާގެ މުސްލިމުންނާއި އެގައުމުގެ މެދުމިނުގެ ބުޑީސްޓުންނާއި ނަސާރާއިންވެސްވަނީ ހަރުކަށި ހާމުދު ގަލަގޮދާއްތެ ނާނަސާރާ އަށް މަޢާފުދީ އޭނާ މިނިވަން ކުރުމަށް ސިރިސޭނާ އެންގެވި މައްސަލަ ކުށްވެރިކޮށް ސޯޝަލް މީޑިޔާގައި ވާހަކަ ދައްކަމުންނެވެ. ނާނަސާރާ އަކީ އަބަދުވެސް ސްރީލަންކާގެ މުސްލިމުންނަށް ބަދުބަސްބުނެ މުސްލިމުންނަށް އިންތިހާއަށް ފުރައްސާރަކުރާ ހަރުކަށި މީހެކެވެ. އަދި އޭނާއަކީ މުސްލިމުންނާއި އެހެން ދީންތަކުގެ މީހުންނަށް ހަމަލާދޭ ހަރުކަށި ބުޑިސްޓުންނަށް އަބަދުވެސް ތައުރީފް ކުރަ މީހެކެވެ. އެކި މައްސަލަތައް ސާބިތުވެގެން ނާނަސާރާ މީގެ ހައެއްކަ އަހަރު ކުރިން ޖަލަށްލާފައިވާއިރު އެކި ދުވަސްވަރު އެކިފަހަރުމަތިން އޭނާ އަޑީގައި ހުރެގެން މުސްލިމުންނާ ދެކޮޅަށް ހަރުކަށި އަމަލުތައް ހިންގާފައިވެއެވެ.

މިދިޔަ އެޕްރީލްމަހުގެ 21 ވަނަ ދުވަހު ސްރީލަންކާގެ ނަސާރާ ބައެއް ފައްޅިތަކަށާއި ލަގްޒަރީ ބައެއް ހޮޓާތަކަށް އަމާޒުކޮށް ދިން ޓެރަރިސްޓް ޙަމަލާތަކަށްފަހު މުސްލިމުންނާއި ބުޑިސްޓުން ސޯޝަލް މީޑިޔާގައި ކުރި ޒުވާބުތަކާ ގުޅިގެން ސްރީލަންކާގެ ބުޑިސްޓުންގެ ހަރުކަށި ބަޔަކު އެގައުމުގެ ބައިމަދު މުސްލިމުންނަށް އަމާޒުކޮށް މީގެ ދެހަފްތާކުރިން ދިން ހަމަލާތަކުގައި އެކަކު މަރުވެފައިވާއިރު އެތަށްސަތޭކަ މުސްލިމުންވަނީ ޒަޚަމްވެފައެވެ.

މީގެއިތުރުން ހަރުކަށި ބުޑިސްޓުންވަނީ މުސްލިމުންގެ ގެދޮރު ސުންނާފަތިކޮށް މިސްކިތްތައް ތަޅައި ފިހާރަތަކާއި ކާރުޚާނާތައް އަންދާލައި މުސްލިމުންގެ އެތަށް ސަތޭކަ ބައެއްގެ މުޅި ދިރިއުޅުން ހަލާކުކޮށް ވީރާނާކޮށް ބަރުބާދުކޮށްލާފައެވެ. ހަރުކަށި ހާމުދު ގަލަގޮދާއްތެ ނާނަސާރާ ވަނީ މި ނުރައްކާތެރި ޓެރަރިޒަމްގެ އަމަލުތައް ހިންގި ހަރުކަށި ފަރާތްތަކަށް ތާއީދުކޮށްފައެވެ. މީގެ 6 އަހަރުކުރިން ޖަލަށްލާފައިވާ ނާނަސާރާއަށް ރައީސް ސިރިސޭނާ މަޢާފް ދެއްވުމުން އޭނާ ވަނީ މިނިވަންވެފައެވެ. ސިރިސޭނާ ހަރުކަށި ހާމުދުރަށް މައާފް ދެއްވީ ސްރީލަންކާގެ ބައިގިނަ ބުޑިސްޓުންގެ ރުހުން ހޯއްދެވުމުގެ ބޭނުމުގައި ކަމަށްވަނީ ބެލެވިފައެވެ.

އަނެއްކޮޅުން ހަރުކަށި ބުޑިސްޓުން ސްރީލަންކާގެ މުސްލިމުންނާ ދެކޮޅަށް ހިންގި ޖަރީމާތަކާއި ލާއިންސާނީ އަމަލުތައް ހުއްޓުވުމުގައި ފުލުހުން ނާކާމިޔާބުވެފައިވާ ކަމަށް ވިދާޅުވެ ސްރީލަންކާގެ އިންސާނީ ހައްގުތަކާބެހޭ މުސްތަގިއްލު ކޮމިޝަންގެ ވެރިޔާ ޗަންދަނާ ވިކުރަމަރަތުނަ ވަނީ ފުލުހުންގެ އަމަލުތަކަށް ފާޑުވިދާޅުވެފައެވެ. ވިކުރަމަރަތުނަ ވަނީ ހަރުކަށި ބުޑިސްޓުން މުސްލިމުންނާއި އެމީހުންގެ ގެދޮރާއި ފިހާރަތަކާއި މުދަލަށް ހަމަލާތައްދީ ލާއިންސާނީ ޖަރީމާތައް ހިންގީ ފުލުހުންގެ ކުރިމަތީގައި ކަމަށާ ނަމަވެސް އެކަން ހުއްޓުވައި މުސްލިމުންނައް ރައްކާތެރިކަންދީ އެމީހުންގެ ގެދޮރާއި މުދާ ހިމާޔަތް ކުރުމުގައި ފުލުހުންނަށް ކުރެވުނު ކަމެއްނެތްކަމަށް ވިދާޅުވެފައެވެ.

އެޕްރީލް 21 ގައި ސްރީލަންކާއަށް ދިން ޓެރަރިސްޓް ޙަމަލާތަކުގެ ފަހަތުގައިވާ ކަމަށް ތުހުމަތު ކުރެވިފައިވަނީ އެގައުމުގެ ހައްދު ފަހަނަޅާފައިވާ މުސްލިމް ދެ ޖަމާއަތް ކަމަށްވާ ނެޝަނަލް ތައުޙީދު ޖަމާއަތާއި މިއްލަތު އިބްރާހީމް ޖަމާއަތުގެ މައްޗަށެވެ. ނަމަވެސް އެ ޙަމަލާތަކުގެ ޒިންމާ އުފުލާފައިވަނީ އައިއެސް ޖަމާއަތުންނެވެ. އެ ޙަމަލާތަކުގައި 258 މީހުން މަރުވެ 500 އަށްވުރެ ގިނަ މީހުން ޒަޚަމްވިއެވެ.

(ނޫސް އެޖެންސީތައް + މީޑިޔާ ރިޕޯޓްތައް)

comment ކޮމެންޓް