މަޖިލިސް ރައީސްގެ ވޯޓަށް ސަރުކާރުން މެމްބަރުންނަށް ބިރުދައްކާ ކަމުގެ ތުހުމަތު

ގަލޮޅު އުތުރާއި ދެކުނަށް ހޮވުނު އެމްޑީޕީގެ ދެ މެމްބަރުން އީވާ އަބްދުﷲ (ވ) އަދި މީކާއިލް އަހްމަދު ނަސީމް (ކ) ---

ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމަށް އިންތިހާބުކުރާނެ މީހަކާ ގުޅޭ ވޯޓާ ގުޅިގެން ސަރުކާރުން އެމްޑީޕީގެ ޓިކެޓުގައި މަޖިލީހަށް އިންތިހާބުވި މެމްބަރުންނަށް ބިރު ދަައްކަމުންދާ ކަމަށް އެ މެމްބަރުން ތުހުމަތުކުރަން ފަށައިފިއެވެ.

އަންގާރަ ދުވަހު ހުވާ ކުރާ ރައްޔިތުންގެ މަޖިލިހުގެ ރައީސްކަމަށް އެމްޑީޕީން ހުށަހަޅާނެ ބޭފުޅަކު ކަނޑައަޅާނީ މާދަމާ ރޭ ބާއްވާ އެ ޕާޓީގެ ޕާލިމަންޓަރީ ގްރޫޕުގެ ޖަލްސާއެއްގައި، ވޯޓެއް މެދުވެރިކޮށެވެ.

ޕާޓީގެ އެންމެ އިސް ފަރާތް އަދި ރައީސް އިބްރާޙިމް މުހައްމަދު ސޯލިހާއި ޕާޓީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ހުންނެވީ ތަފާތު ދެކޮޅު ނަންގަވައިގެންނެވެ.

މަޖިލީހަށް އިންތިހާބުވި އެމްޑީޕީގެ 65 މެމްބަރުންގެ ތާއީދު ވިލުފުށި ދާއިރާގެ އިންތިހާބީ މެމްބަރު ހަސަން އަފީފަށް ހޯއްދެވުމަށް ރައީސް ސޯލިހު މަސައްކަތް ކުރައްވަމުން ގެންދަވާއިރު، ރައީސް ނަޝީދު ދަނީ ހިތަދޫ އުތުރު ދާއިރާ މެމްބަރު އަހްމަދު އަސްލަމަށް އެ މެމްބަރުންގެ ތާއީދު ހޯއްދެވުމުގެ މަސައްކަތް ކުރައްވަމުންނެވެ.

https://sun.mv/119544

މަޖިލިސް ރައީސްކަމުގެ ރޭސް އެމްޑީޕީ ތެރޭގައި ވާދަވެރިކަން ބޮޑުވެ، ރައީސް ސޯލިހުގެ ކެބިނެޓް މިނިސްޓަރުން މެމްބަރުންނަށް ގުޅުއްވާ ވަކި ގޮތަކަށް ވޯޓު ދޭން ބުނާ ކަމުގެ އަޑުތައް ވަނީ ގަދަވެފައެވެ.

ގަލޮޅު ދެކުނު ދާއިރާއަށް ތިންވަނަ ދައުރަކަށް ހޮވިވަޑައިގެންނެވި އީވާ އަބްދުﷲ މިއަދު ވިދާޅުވީ ތަރައްގީގެ މަޝްރޫއުތައް ހިންގާނީ ވަޒީރު ނުވަތަ ސަރުކާރު ބުނާ ގޮތަށް ޕާލިމަންޓަރީ ގުރުޕޫ ތެރޭގައި ވޯޓު ދީގެން ކަމަށް މެމްބަރުންނަށް އަންގަމުން ގެންދާ ކަމަށެވެ. އެގޮތަށް ބުނުމަކީ "ހަޑި" ކަމެއްގެ ގޮތުގައި އީވާ ސިފަ ކުރެއްވިއެވެ.

"ވެރިކަން ބަދަލު ކުރީ މި އަޑު ނާހަން. މިގޮތް ކަމު ނުދިޔައިމަ. މަޖިލިސް މެމްބަރުން ސިހޭކަށް ނުޖެހޭ،" އިވާ ވިދާޅުވިއެވެ.

ގަލޮޅު ދެކުނު ދާއިރާގެ އިންތިހާބީ މެމްބަރު މީކާއިލް އަހްމަދު ނަސީމް ވިދާޅުވީ، ނިމިދިޔަ ސަރުކާރުގައި "ބިރެއް ނުގަނެއޭ" ބުނަން ޖެހެނީ ރައިޓް ގިޔަރުގައި ތިބި އެސްއޯ ފުލުހުންނާ ދިމާލަށް ކަމަށެވެ. ނަމަވެސް މިއަދު އެ ބަސް ތަކުރާރުކުރަން ޖެހިފައިވަނީ މަޖިލީހުގެ ރައީސްގެ ވޯޓަށް ނުފޫޒު ފޯރުވާ ވަޒީރުންނަށް ކަމަށް އޭނާ ވިދާޅުވިއެވެ.

https://sun.mv/119363

"މިއަދު ބިރުގަނެއޭ ބުންނަ މިހެނީ މިއީ ތިން ބާރު ވަކިވެފައިވާ އޮންނަ ނިޒާމަކަށް ނޭނގޭ ހާލު، މަޖިލިސް ވޯޓަށް ނުފޫޒު ފޯރުވަން އުޅޭ ގޫޅާ ވަޒީރު ބޭފުޅުންނަށް،" މީކާއިލް ވިދާޅުވިއެވެ.

މަޖިލިސް ރައީސް ކަމަށް އެމްޑީޕީގެ ފަސް މެމްބަރަކު ވަނީ ޝައުގުވެރިކަން ފާޅުކޮށްފަ އެވެ. އަފީފާއި އަސްލަމްގެ އިތުރުން މެދުހެންވެރު ދާއިރާ މެމްބަރު އަލީ އާޒިމާއި މަރަދޫ ދާއިރާ މެމްބަރު އިބްރާހިމް ޝަރީފު އަދި އައްޑޫ މީދޫ ދައިރާ މެމްބަރު ރޮޒޭނާ އާދަމެވެ. މަޖިލީހުގެ ރައީސްކަމުގެ ރޭހުގައި ވާދަ ވެރިކަން ބޮޑީ، އަފީފާއި އަސްލަމްއާ ދެމެދުގަ އެވެ.

ސަން އަށް އެނގިފައިވާ ގޮތުގައި އަފީފަށް ތާއީދު ހޯއްދެވުމަށް ރައީސް ސޯލިހު ދަނީ މެންބަރުންނާ ގުޅުއްވައި އަދި މެމްބަރުންނާ ބައްދަލު ކުރައްވަމުންނެވެ. އަދި އަސްލަމަށް ތާއީދުު ހޯއްދެވުމަށް ރައީސް ނަޝީދު ގެންދަވަނީ "ތަރާވީސް ހައްދަވައިގެން" ޔާގޫތުގޭގައި މެންބަރުންނާ ބައްދަލު ކުރައްވަމުންނެވެ.

ރައީސް ނަޝީދު މެންބަރު އަސްލަމު މަޖިލީހުގެ ރައީސް ކަމަށް ގެނައުމަށް ވަކާލާތު ކުރައްވަން ފެއްޓެވީ ރައީސް ސޯލިހާ މަޝްވަރާ ކުރެއްވުމަކާ ނުލައި ކަމަށް ބެލެވެ އެވެ. އަދި އެޖެންޑާ 19ގެ ފަހަތުގައި ފޮރުވިފައިވާ ރޭވުންތަކެއް ނަޝީދު ގެންގުޅުއްވާ ކަމަށް ވެސް ކުރިން ވަނީ އަޑުފެތުރިފަ އެވެ.

https://sun.mv/119603

އަފީފު މިއަދު "ސަން" އަށް ވިދާޅުވި ގޮތުގައި އޭނާއަށް 40އަށް ވުރެ ގިނަ މެމްބަރުންގެ ވޯޓު ލިބި ވޯޓު ކާމިޔާބު ކުރެއްވޭނެ ކަމުގެ ވަރަށް ބޮޑު ޔަގީން ކަމެއް އެބައޮތް ކަމަށެވެ. އަސްލަމްވެސް ވިދާޅުވަނީ އޭނާ އަށް ވޯޓާ މެދު ވަރަށް ބޮޑު ޔަގީން ކަމެއް އެބަ އޮތް ކަމަށެވެ.

އަންގާރަ ދުވަހު 19 ވަނަ ރައްޔިތުންގެ މަޖިލިސް ހުޅުވުގެ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވާ އިރު، މަޖިލީހުގެ ރައީސް ކަމަށް 87 މެމްބަރުންގެ މެދުގައި ނެގޭ ސިއްރު ވޯޓު އޮންނާނީ އެރޭއެވެ.

comment ކޮމެންޓް