ސީލައިފް ގްލޯބަލް ޕްރައިވެޓް ލިމިޓެޑުން ހުޅުމާލޭގައި އަޅަން ނިންމި އެޕާޓްމެންޓުތައް ގަތުމަށް ޑައުންޕޭމަންޓް ފައިސާ ދެއްކި ދެ މީހަކަށް އަނބުރާ ފައިސާ ދިނުމަށް ސިވިލް ކޯޓުން ހުކުމްކޮށްފިއެވެ.
ހުޅުމާލޭގައި 3000 އެޕާޓްމެންޓް އެޅަން އިއުލާނުކޮށް، ސީލައިފުން ވަނީ އެކުންފުނިން ހުޅުމާލޭގައި އަޅަން ނިންމި އެޕާޓްމެންޓުތަކުގެ ޑައުން ޕޭމެންޓުގެ ގޮތުގައި 50،000 ރުފިޔާ ގިނަ ބައެއްގެ އަތުން ނަގާފައެވެ. ނަމަވެސް އެކުންފުނިން އެޕާޓްމެންޓުތަކުގެ މަސައްކަތް ކުރިއަށް ގެންގޮސްފައި ނުވާތީ ފައިސާ ދެއްކި ގިނަ އަދަދެއްގެ ބަޔަކު ވަނީ އެ ފައިސާ ހޯދުމަށް ދައުވާކޮށްފައެވެ.
އެ ކުންފުންޏާ ދެކޮޅަށް ދައުވާ ކުރި މީހުންގެ ތެރެއިން ދެމީހަކަށް އަނބުރާ ފައިސާ ދިނުމަށް ސިވިލް ކޯޓުން ހުކުމް ކުރީ މިދިޔަ މަހުގެ 11 ވަނަ ދުވަހުއެވެ. ވަކިވަކިން އިއްވި އެ ދެ ހުކުމުގައި ވަނީ ބުކިން ފީ ގެ ގޮތުގައި އެ ދެ މީހުން ދެއްކި 50،000 ރުފިޔާ އެއް މަސް ދުވަސް ތެރޭ ދައްކައި ހަލާސް ކުރުމަށް އަންގައިފައެވެ. އެ ފައިސާ އެ ދެމީހުންނަށް ދޭން ޖެހޭކަން ސާބިތުވީ އެ ކުންފުނީގެ އިއުތިރާފުންނެވެ.
ސީލައިފްގެ މައްސަލަ އަކީ ރާއްޖޭގެ ތާރީހުގައި ވެސް އެންމެ ގިނަ ބަޔަކު، އެއްފަހަރާ، ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް ކޯޓަށް ހުށަހަޅާފައިވާ މައްސަލަ އެވެ. ސީލައިފްއިފާ ދެކޮޅަށް 203 މީހަކު ސިވިލް ކޯޓަށް މައްސަލަ ހުށަހަޅައިފައިވެއެވެ.
ސީލައިފްއިން ގިނަ ބަޔަކަށް ފައިސާ ނުދިން މައްސަލަ ފުލުހުން ވެސް ވަނީ ތަހުގީގު ކުރަން ފަށައިފައެވެ. އަދި ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މޫސާ (އައްމަޓީ) ހޯދަން އިންޓަޕޯލް ރެޑް ނޯޓިސް ވެސް މިހާރު ވަނީ ނެރެފަ އެވެ.