ރާއްޖެއަށް އެންމެ ގިނައިން ކާގޯ އުފުލީ ސްރީލަންކަން އިން

ވީއައިއޭގައި މަތިންދާބޯޓުތައް ޕާކު ކޮށްފައި -- ފޮޓޯ: އެމްއޭސީއެލް

މިދިޔަ އަހަރު ރާއްޖެއަށް އެންމެ ގިނައިން ކާގޯ އުފުލީ ސްރީލަންކަން އެއާލައިނުން ކަމަށް ނޭޝަނަލް ބިޔުރޯ އޮފް ސްޓެޓިސްޓިކްގެ ތަފާސްހިސާބުތައް ދައްކައިފި އެވެ.

އެ އިދާރާއިން އާންމުކޮށްފައިވާ 2019 ވަނަ އަހަރުގެ ތަފާސްހިސާބުފޮތުގައި އާންމުކޮށްފައިވާ މައުލޫމާތަށް ބަލާއިރު ނިމިގެންދިޔަ 2018 ވަނަ އަހަރު ސްރީލަންކަން އިން ރާއްޖެ އުފުލި ކާގޯގެ އަދަދު 11،964،781 ކިލޯ އަށް އަރައެވެ. ދެވަނަ އަށް އެންމެ ގިނަ އަދަދަކަށް ކާގޯ އެތެރެކުރީ އެމިރޭޓްސް މެދުވެރިކޮށެވެ. އެ އެއާލައިނުން ރާއްޖެއަށް 10،487،697 ކިލޯގެ ކާގޯ އުފުލިއެވެ. ތިން ވަނަ އަށް އެންމެ ގިނައިން ރާއްޖެއަށް ކާގޯ އެތެރެކުރީ ސިންގަޕޯ އެއާލައިނުންނެވެ. އެ އެއާލައިނުން 4,218,532 ކިލޯގެ ކާގޯ މިދިޔަ އަހަރު ރާއްޖެ އަށް އެތެރެކުރިއެވެ.

މިދިޔަ އަހަރު ރާއްޖެއަށް އެންމެ ގިނައިން ފަސިންޖަރުން އުފުލާފައިވަނީ އެމިރޭޓްސް އިންނެވެ. ދުބާއީގެ އެމިރޭޓްސް އިން ރާއްޖެއަށް 352,786 ފަސިންޖަރުން އައިސްފައިވާއިރު އެ އެއާލައިނުން ރާއްޖެއިން ފުރި ފަސިންޖަރުންގެ އަދަދަކީ 365,788 އެވެ. މިދިޔަ އަހަތު އެމިރޭޓްސް އިން ރާއްޖެއަށް 3,236 ފްލައިޓު ބޭއްވިއެވެ. މިއީ ރާއްޖެއަށް އެންމެ ގިނަ ފްލައިޓު ބޭއްވި އެއާލައިނުވެސްމެއެވެ.

ދެވަނަ އަށް އެންމެ ގިނަ ފަސިންޖަރުން ރާއްޖެ އައިސްފައިވަނީ ސްރީލަންކަން އިންނެވެ. އެެއެއާލައިނުން 281,810 ފަސިންޖަރުން ރާއްޖެ އައި އިރު، ރާއްޖެއިން ފުރި ފަސިންޖަރުންގެ އަދަދަކީ 239,526 އެވެ. ސްރީލަންކަން އިން މިިދިޔަ އަހަރު 2,288 ފްލައިޓު ރާއްޖެއަށް ބޭއްވިއެވެ.

ދެން އެންމެ ގިނަ އަދަދަކަށް ފަސިންޖަރުން ރާއްޖެ އައިސްފައިވަނީ ގަތަރު އެއާވޭސް އިންނެވެ. އެއީ 140,210 ފަސިންޖަރުންނެވެ. އެ އެއާލައިނުން ރާއްޖެއިން ފުރި ފަސިންޖަރުންގެ އަދަދަކީ 147,156 އެވެ. ގަތަރު އެއާވޭސް އިން މިދިޔަ އަހަރު 1,574 ފްލައިޓު ރާއްޖެއަށް ބޭއްވިއެވެ.

ރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަން އިން މިދިޔަ އަހަރު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް 395,457 ފަސިންޖަރުން އުފުލިއެވެ. އެ އެއާލައިނުން 404,403 ފަސިންޖަރުން ވީއައިއޭ އިން ފުރި އިރު، ޖުމްލަ 22,574 ފްލައިޓު ބޭއްވިއެވެ.

މޯލްޑިވިއަން އިން މިދިޔަ އަހަރު 248,013 ކިލޯގެ ކާގޯ ރާއްޖެއަށް އެތެރެކުއިއިރު، 543,679 ކިލޯގެ ކާގޯ ވަނީ ރާއްޖެއިން ބޭރަށް އެކްސްޕޯޓުކޮށްފައެވެ.

މމިދިޔަ އަހަރު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ޖުމްލަ 159,242 އެއާކްރާފްޓް މޫވްމަންޓް ރިކޯޑު ކުރެވިފައިވާއިރު އޭގެ ތެރޭގައި ހިމެނެނީ އިންޓަނެޝަނަލް 23,820 މޫވްމަންޓާއި 135,422 ޑޮމެސްޓިލް ފްލައިޓެވެ. އިންޓަނޭޝަނަލް ޝެޑިއުލްޑް 22,280 ދަތުރު ވީއައިއޭ އަށް ކޮށްފައިވާއިރު 130,755 ފަސިންޖަރުން ވަނީ ރާއްޖޭގައި ޓްރާންސިޓް ކޮށްފައެވެ.

comment ކޮމެންޓް