އީރާން އެމެރިކާއަށް: މަނަވަރު ފައްތާލެވޭނެ ސިއްރު ހަތިޔާރު އެބަހުރި

އެމެރިކާގެ މަނަވަރެއް

އެމެރިކާގެ މަނަވަރުތައް ފައްތާލެވޭ ފަދަ ސިއްރު ހަތިޔާރު އެބަހުރި ކަމަށް އިރާންގެ މިލިޓަރީ އޮފިޝަލެއް ވިދާޅުވެއްޖެއެވެ.

އިރާންގެ މިލިޓަރީ ކޮމާންޑްގެ އެޑްވައިޒަރެއް ކަމަށްވާ ޖެނެރަލް މުރުތަޒާ ގުރުބާނީ ވިދާޅުވީ އެމެރިކާއިން ކުޑަކުޑަ ޅަ އެއްޗެއް ހެދިޔަސް އެމެރިކާގެ މަނަވަރުތަކާއި ސިފައިންނާއި ކްރޫއިން ކަނޑުުގެ އެންމެ އަޑިއަށް ފައްތާލާނެ ކަމަށެވެ.

އޭނާ ވިދާޅުވީ އެކަމުގައި ބޭނުންކުރާނީ ދެ ވައްތަރެއްގެ މިސައިލް ކަމަށެވެ. ނަމަވެސް އެއީ ކޮން ދެވައްތަރެއްގެ މިސައިލްކަމެއް އޭނާ ވިދާޅެއް ނުވެއެވެ.

އިރާންއިން ވަނީ އެގައުމުން އަލަށް ފައްކާ ކޮށްފައިވާ ތަފާތު ވައްތަރުގެ ކަނޑުގެ އުޅަނދުތަކާއި އަދި ސަބްމެރިންތައް ވަރަސް ފަހުން ދައްކާލައިފައެވެ. އޭގެ ތެރޭގައި 1350 ކިލޯމީޓަރަށް ހަމަލާ ދެވޭ ވަރުގެ ކްރޫސް މިސައިލްއެއް ހިމެެނެއެވެ.

އެމެރިކާއާ އިރާންގެ ގުޅުން އެންމެ ފަހުން ގޯސްވީ އެމެރިކާއިން އިރާނާއެކު އެކުލަވާލި ނިއުކުލިއާ އެއްބަސްވުން އުވާލުމުންނެެވެ. އޭގެ ފަހުން އެެމެރިކާއިން ވަނީ ދެ މަނަވަރާއި އަދި މިސައިލް ޑިފެންސް ސިސްޓަމްތައްވެސް އިރާން ކައިރިއަށް ފޮނުވައިފައެވެ. އަދި ކުރިއަށް އޮތް ތަނުގައި އެއްލައްކަ ސިފައިން ފޮނުވުމަށްވެސް ވަނީ މަޝްވަރާކޮށްފައެވެ.

އިރާނާއި އެމެރިކާގެ ހަނގުރާމައިގެ އަޑު ގަދަވެފައިވާއިރު، އެމެރިކާގެ ރިޓަޔާޑް އޮފިޝަލުން ދަނީ ހަނގުރާމައިގެ ބަދަލުގައި ވާހަކަތައް ބާއްވައި ސުލްހައަށް އިސްކަން ދިނުމަށް ދަނި ގޮވާލަމުންނެވެ..

comment ކޮމެންޓް