މިއަހަރުގެ ބްރައިޓް ޗެލެންޖް ކަޕް އަންނަ މަހު ހަތަރެއްގައި ފަށަނީ

ވޭތުވެ ދިޔަ އަހަރު ތޮއްޑޫގައި ބޭއްވި ބްރައިޓް ޗެލެންޖް ކަޕުގެ މެޗެއް ފެށުމައްޓަކައި ރާއްޖޭގެ ފުޓުބޯޅަ ރަމްޒުދާރު އައްސަދު އަބްދުލް ޣަނީ ޓީމު ތަކުގެ ކުޅުންތެރިންނާ ބައްދަލު ކުރަނީ --- ފޮޓޯ/ ބްރައިޓް ކުލަބް

އއ. ތޮއްޑޫގެ ބްރައިޓް ކުލަބުން އިންތިޒާމު ކޮށްގެން ބާއްވާ ބްރައިޓް ޗެލެންޖް ކަޕް، މިއަހަރުވެސް މުޅި ރާއްޖެއަށް ހުޅުވާލައިގެން އަންނަ މަހު ހަތަރެއްގައި ފަށަން ތައްޔާރު ވެއްޖެ އެވެ.

މި މުބާރާތަކީ ރާއްޖޭގައި މިގޮތަށް ބޭއްވޭ އެންމެ ދުވަސްވީ އެއް މުބާރާތެވެ. އެގޮތުން މިއަހަރުގެ މުބާރާތަކީ މި މުބާރާތް ބާއްވާ 26 ވަނަ ފަހަރު ކަމަށް މުބާރާތް ބާއްވާ ބްރައިޓް ކުލަބުން ބުނެ އެވެ. މިފަހަރުގެ މުބާރާތުގައި ޖުމްލަ 12 ޓީމަކުން ވަނީ ބައިވެރި ވެފަ އެވެ.

މި އަހަރުގެ ބްރައިޓް ޗެލެންޖް ކަޕުގެ ގްރޫޕުތައް ބެހިފައިވާ ގޮތް.

ހަތަރު ގުރޫޕަކަށް ބަހާލައިގެން މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވާ އިރު މިއަހަރުގެ މުބާރާތުގައި ރަށުން ބޭރު ޓީމެއް ވެސް ވަނީ ބައިވެރި ވެފަ އެވެ. ކޮންމެ ގުރޫޕެއްގައި ތިން ޓީމު ވާދަ ކުރާ އިރު މުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުރު ކުރާނީ ކޮންމެ ގުރޫޕަކުން ވެސް އެންމެ މަތިން ޕޮއިންޓް ހޯދައި ދެ ޓީމެވެ.

މިއަހަރުގެ މުބާރާތުން އެއްވަނައަށް ދާ ޓީމަކަށް 45،000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށައަޅާފައިވާ އިރު ރަނަރަޕް ޓީމަަށް ވަނީ 15،000 ރުފިޔާ ދޭން ނިންމާފަ އެވެ. އަދި މުބާރާތުގެ މޮޅު ކުޅުންތެރިއަކަށް ހޮވޭ ކުޅުންތެރިއަކަށް 25،00 ރުފިޔާގެ ފައިސާގެ އިނާމެއް ދޭން ވަނީ ނިންމާފަ އެވެ.

ބްރައިޓް ޗެލެންޖް ކަޕަކީ ރާއްޖޭގެ ފުރަތަމަ ޑިވިޝަނަށް ކުޅޭ ކުޅުންތެރިންވެސް ޓީމުތަކަށް ގޮސް ވަރަށް ފޯރިއާ އެކު ކުރިއަށް ގެންދާ މުބާރާތެކެވެ. އެގޮތުން މިއަހަރުވެސް ޓީމު ތަކުން ރާއްޖޭގެ ނަން މަޝްހޫރު ކުޅުންތެރިން ތަކެއް ފެނިގެންދާނެ ކަމަށް ބްރައިޓް ކުލަބުން ބުނެއެވެ.

މި މުބާރާތް އަންނަ މަހުގެ ހަތަރު ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ އިރު ފައިނަލް ކުޅޭނީ އެ މަހުގެ ނުވަ ވަނަ ދުވަހު އެވެ. މުބާރާތް ކުރިއަށް ދާނީ ތޮއްޑޫ އުތުރު އަވަށު ދަގަބާ އެރީނާ ދަނޑުގަ އެވެ.

ބްރައިޓް ޗެލެންޖް ކަޕަކީ ތޮއްޑޫގެ ޒުވާނުންނަށް ހާއްސަ ކޮށްގެން ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ މުބާރާތެކެވެ. މި މުބާރާތުގެ މަގުސަދަކީ ޒުވާނުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން އާލާކުރުމާ އެކު ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް ބާރުއެޅުމެވެ.

މި މުބާރާތުގެ މީޑިއާ ޕާޓްނަރަކީ ސަން އޮންލައިން އެވެ.

comment ކޮމެންޓް