ވަކި ޖިންސަކަށް ވީތީ ކުރިމަތިވާ އަނިޔާތައް ނިންމުމަށް ރާއްޖެ ދެމިއޮންނާނެ: ޝިދާތާ

މިނިސްޓަރު ޝިދާތާ ނޯވޭގައި--- ފޮޓޯ: ޖެންޑާ މިނިސްޓްރީ

ވަކި ޖިންސަކަށްވީތީ ކުރިމަތިވާ އަނިޔާ ނިމުމަކަށް ގެނައުމަށް ޓަކައި ގެންނަން ޖެހޭ ބަދަލުތައް ގެނައުމަށް ބޭނުންވާ ސިޔާސަތުތައް ނެގެހެއްޓުމުގައި ރާއްޖެއިން ދެމިއޮންނާނެ ކަމަށް ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފް ވިދާޅުވެއްޖެއެވެ.

ނޯވޭގެ ވެރިރަށް އޮސްލޯގައި ކުރިއަށް ދާ “އެންޑިންގ ސެކްޝުއަލް އެންޑް ޖެންޑަރ-ބޭސްޑް ވަޔަލެންސް އިން ހިއުމެނިޓޭރިއަން ކްރައިސިސް” ކޮންފަރެންސްގައި ޝިދާތާ ވިދާޅުވީ ޖިއޮގުރަފީ ގޮތުން ދިވެހިރާއްޖެ އުފެދިފައިވާ ގޮތުންނާއި އޮންނަ ސަރަޙައްދުގެ ގޮތުން ޤުދުރަތީ ކާރިސާތަކަށް ދިވެހިރާއްޖެ ވަރަށް ބޮޑަށް ހުށަހެޅިފައިވާ ކަމަށެވެ

އެ ގޮތުން 2004ވަނަ އަހަރު ސުނާމީގައި ދިވެހިރާއްޖެއަށް ބޮޑެތި ގެއްލުންތަކެއް ލިބުނުކަން ފާހަގަކުރައްވައި، އެ ކާރިސާގައި ގިނަ އަދަދެއްގެ އަންހެނުންނާއި ކުޑަކުދިންގެ ފުރާނަ ގެއްލިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އެފަދަ ކާރިސާތަކަށް ފަހު އިޖުތިމާޢީ ގިނަ މައްސަލަތަކެއް ފެންމަތިވާ ކަމަށާއި، އެ ގޮތުން އެ ފަދަ ފަރާތްތައް ޖިސްމާނީ އަދި ޖިންސީ އަނިޔާއަށް ހުށަހެޅޭ ކަން ޝިދާތާ ފާހަގަކުރެއްވިއެވެ.

ވަކި ޖިންސަކަށްވީތީ ކުރިމަތިވާ އަނިޔާ ނިމުމަކަށް ގެނައުމަށް ޓަކައި ސަގާފީ، އިޖުތިމާޢީ، ފިކުރީ ގޮތުން ވިސްނުމަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމަށް ބޭނުންވާ ސިޔާސަތުތައް ނެގެހެއްޓުމުގައި ދިވެހިރާއްޖޭން ދެމިއޮންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ޝިދާާތާ ބައިވެރިވެލެއްވި ކޮންފަރެންސްއަކީ އެކި ޤައުމުތަކުގެ ވަޒީރުންނާއި ސަފީރުންނާއި ޤައުމުތަކުގެ މަތީ ފެންވަރުގެ މަންދޫބުންގެ އިތުރުން ބައިނަލްއަޤުވާމީ އޭޖެންސީތަކާއި، މަދަނީ ޖަމަޢާތްތަކުގެ ވެރިން ބައިވެރިވާ ކޮންފަރެންސްއެކެވެ.

އެ ކޮންފަރެންސްގެ އަމާޒަކީ އަނިޔާގެ ޝިކާރައަކަށް ވެގެންދާ ފަރާތް ވަކި ޖިންސަކަށް ނިސްބަތްވީތީ އޭނާއަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގައި ގެންގުޅޭ ތަފާތުކުރުން ނައްތައިލުމާއެކު، ހަމަނުޖެހުމުގެ ޙާލަތްތަކުގައި ޖިންސީ ތަފާތު އެކި އަނިޔާތަކުގެ ޝިކާރައަކަށްވެގެން ދާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި އޮންނަ ފަރަގު ނައްތައިލުމާ ގުޅޭ ގޮތުން މަޝްވަރާކުރުމެވެ.

comment ކޮމެންޓް