ވެލި ބަރުކުރި ޗައިނާ ބޯޓްގައި ކަސްޓަމްސްގެ ހުއްދަވެސް ނެތް

ހިތަދޫ ކައިރީ އޮތް ބޯޓު-- ފޮޓޯ: ފުލުހުން

ވެލި ބަރުކޮށްގެން ލ. ހިތަދޫ ގައި ބަނދަރުކޮށްފައި އޮތް ބޭރުގެ ބޯޓަކީ ކަސްޓަމްސް އިން ނަގަންޖެހޭ ހުއްދަތައް ނުނަގާ ރާއްޖޭގައި ހަރަކާތްތެރިވަމުންދިޔަ ބޯޓެއް ކަމަށް ކަސްޓަމްސް އިން ބުނެފި އެވެ.

ކަސްޓަމްސް އިން ނެރުނު ބަޔާނެއްގައި ބުނީ ރާއްޖެއިން ބޭރުގެ އުޅަނދެއް މާލެ ސަރަހައްދުން ވެލިބަރުކޮށްގެން ހުވަދު އަތޮޅަށް ދަތުރުކުރަމުންދާކަމުގެ މައުލޫމާތު ލިބުމުން ކޯސްޓްގާޑާއި ފުލުހުންނާއި ގުޅިގެން އެ މައްސަލަ ބަލަމުންދާ ކަމަށެވެ.

އެ އުޅަނދު ރާއްޖެ އެތެރެކޮށްފައިވަނީ ސިނަމާލެ ބްރިޖުގެ މަސައްކަތްކުރި، ޗައިނާގެ ސީސީސީސީ ކުންފުނީގެ ނަމުގައި ކަމަށާއި އެ ބޯޓު ދަތުރުކުރަމުންދަނީ ކަމާބެހޭ ފަރާތްތަކުގެ ހުއްދަ ނެތިކަމަށް ކަސްޓަމްސްގެ ބަޔާނުގައި ބުންޏެވެ.

އެ ބަޔާނުގައި ބުނީ ރާއްޖެއިން ބޭރުން އަންނަ އުޅަނދު ފަހަރު ކަސްޓަމްސްގެ ހުއްދަނެތި ބަނދަރުކުރުމާއި ގޮސް އައިސްވުމާއި އެ އުޅަނދުފަހަރަށް ތަކެތި އަރުވާ ބޭލުމަކީ ކަސްޓަމްސްގެ ގާނޫނާއި ގަވައިދުގެ ދަށުން މަނާކަމެއް ކަމަށެވެ. އެ އުޅަނދު ދަތުރުކުރަމުން ގޮސްފައިވަނީ މި ހުއްދަތައްވެސް ނުހޯދައި ކަމަށާއި ރާއްޖެ އައިސް ގޮސްހަދާ އުޅަނދުތައް މިގޮތަށް ހަރަކާތްތެރިވާންޖެހޭނީ ކަސްޓަމްސް އިން ނަގަންޖެހޭ ހުއްދަތައް ނަގައިގެން ކަމަށް ކަސްޓަމްސް އިން ނެރުނު ބަޔާނުގައި ބުންޏެވެ.

"އަދި ރާއްޖޭގައި ހިންގާ އިގްތިސޯދީ ބޮޑެތި ޕްރޮޖެކްޓުތަކަށް ގެނެވޭ މިފަދަ ބޮޑެތި އުޅަނދު ފަހަރު ތަކަކީ ކަސްޓަމްސްގެ ހުއްދަނެތި އެހެން ޕްރޮޖެކްޓުތަކަށް ބޭނުން ކުރުން މަނާ ތަކެއްޗެވެ" އެ ބަޔާނުގައި ބުނެފައި ވެއެވެ.

ބަޔާނުގައި އަދި ބުނީ މިގޮތަށް އެތެރެކުރާ އުޅަނދުފަހަރުގެ ކަންތައްތައް ކަސްޓަމްސް އިން ބަލަމުން ގެންދަނީ އެ އުޅަނދަށް އައްޔަނު ކުރެވޭ، ކަސްޓަމްސްގައި ރެޖިސްޓްރީކޮށްފައިވާ ލޯކަލް އެޖެންޓުން މެދުވެރިކޮށް ކަމަށެވެ.

އެ މައްސަލަ ކަމާބެހޭ މުވައްސަސާތަކާ ގުޅިގެން ބަލަމުންދާ ކަމަށް ކަސްޓަމްސް އިން ބުންޏެވެ.

މި ބޯޓާ ގުޅޭގޮތުން ފުލުން ރޭ ބުނީ އިއްޔެ ހަވީރު 17:10 ހާއިރު ލ.ހިތަދޫ ކައިރިން ބޮޑު ބޯޓެއް ފެނިގެން ފުލުހުންނަށް ސިފައިން ދިން މައުލޫމާތަކާއި ގުޅިގެން ސިފައިންނާއެކު ފުލުހުން އެ ބޯޓަށް އަރާފައިވާ ކަމަށެވެ.

ބޯޓުގައި ރެޖިސްޓްރީ ނަންބަރެއް އަދި ދިދައެއްވެސް ނެތް ކަމަށާއި އެ ބޯޓަށް ބައިވަރު ވެލި ބަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ. ބޯޓުގައި ތިބި މީހުންނާއި ހަވާލާދީ ފުލުހުން ބުނީ ބޯޓުގައި ހުރި ވެއްޔަކީ، އެ ބޯޓުގައި ހުރި ބަރު އުޅަނދުތައް ބެލެންސް ކުރަން އަރުވާފައި ހުރި ވެލިކަމަށް އެ މީހުން ބުނި ކަމަށެވެ. ނަމަވެސް އެ ވެލި ނެގުމަށް ސަރުކާރުގެ ކަމާބެހޭ އެއްވެސް އިދާރާއަކުން ހުއްދަ ލިބުނުކަމުގެ ލިޔުމެއް ނެތް ކަމަށް ފުލުހުން ބުންޏެވެ.

ބޯޓުގެ މައްސަލަ ފުލުހުންބަލަމުންދާއިރު އެންވަޔަރަމެންޓް މިނިސްޓަރު ޑރ. ހުސެން ރަޝީދު ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީމާލެ ސަރަހައްދުން ވެލިހިފައިގެން ހުވަދޫ އަތޮޅަށް ދަތުރު ކުރަމުންދާކަމަށް ބުނާ އުޅަނދެއްގައި ހުރި ވެއްޔަކީ ގާނޫނާއި އެއްގޮތަށް ހުއްދަ ލިބިގެން ހޯދާފައިވާ ވެލިކަން ކަށަވަރުކުރުމަށްޓަކައި އެ މައްސަލަ ތަހުގީގުކޮށް ދިނުމަށް ފުލުހުންގެ ކިބައިން އެދިފައިވާ ކަމަށެވެ.

އެކަމާ ގުޅޭގޮތުން އެންބަޔަރަމެންޓް މިނިސްޓްރީ އިން ކުރި ޓްވީޓެއްގައި ބުނީ ލ.ހިތަދޫ ކައިރީ އަޅާފައިއޮތް ބޯޓުގެ އަމަލުތައް އެންވަރަމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ބަލަމުންދާ ކަމަށެވެ. ހިތަދޫ ކައިރިން ވެލި ނަގައިގެން ދުބާއީ އަށް ބޭރު ކުރުމަށް އީޕީއޭ އިން އެއްވެސް ހުއްދައެއް ދީފައިނުވާ ކަމަށްވެސް އެންވަޔަރަމެންޓުން ބުންޏެވެ.

އެންވަޔަރަމެންޓުން ބުނީ މި މައްސަލަ އިތުރަށް ބަލާ، ފިޔަވަޅު އަޅަންޖެހޭ ކަމެއް ފާހަގަވާނަމަ ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށެވެ.

https://sun.mv/119552

comment ކޮމެންޓް