ހަ ވަނަ ފަހަރަކަށް ޔޫރަޕުގެ ރަން ބޫޓް މެސީ ހޯދައިފި

ބާސެލޯނާގެ ކެޕްޓަން ލިއޮނެލް މެސީ ގޯލު ޖެހުމަށް ފަހު އުފާ ފާޅު ކުރަނީ --- ފޮޓޯ/ ސަޗާ ޕިސަނީ

އެންމެ ގިނަ ގޯލު ޖަހައިގެން ޔޫރަޕުގެ ގަދަ ފަސް ލީގުގެ މެދުގައި ހޮވާ ޔޫރޮޕިއަން ގޯލްޑެން ބޫޓް މިފަހަރު ވެސް ބާސެލޯނާގެ ކެޕްޓަން ލިއޮނެލް މެސީ ހޯދައިފި އެވެ.

ވޭތުވެ ދިޔަ ދެ ސީޒަނުގައި ވެސް މި މަގާމު ހޯދާފައިވާ މެސީ މިފަހަރުގެ ރަން ބޫޓް ހޯދީ ސްޕެނިޝް ލަ ލީގާގައި 36 ގޯލު ޖަހައިގެންނެވެ. އޭނާއާ އެންމެ ގާތުން ވާދަ ކުރި އެމްބާއްޕޭއަށް ފްރާންސް ލީގުގައި ޖެހުނީ 32 ގޯލެވެ.

ވޭތުވެ ދިޔަ ހަފްތާ ބާސެލޯނާ އިން ލީގުގައި ކުޅުނު ފަހު މެޗުގައި ވެސް މެސީ ވަނީ ދެ ގޯލު ޖަހައިފަ އެވެ. އެއަށް ފަހު ޕީއެސްޖީގެ އެމްބާއްޕޭއަށް ވަނީ މެސީއާ ހަމަހަމަ ކުރަން ފުރުސަތެއް ލިބިފަ އެވެ. ނަމަވެސް ޕީއެސްޖީ އިން ރޭ ކުޅުނު މެޗުގައި ވަނީ އެ ޓީމު 1-3ގެ ނަތީޖާއަކުން ބަލިވެފަ އެވެ. އެ މެޗުގައި ޖެހި ގޯލާ އެކު އެމްބާއްޕޭ ވަނީ ފްރާންސް ލީގުގެ ޓޮޕް ސްކޯރާގެ މަގާމު ލިބިފަ އެވެ.

މެސީއަށް ހަ ވަނަ ފަހަރަށް ޔޫރަޕުގެ ރަން ބޫޓު ލިބުނު އިރު އޭނައާ އެންމެ ވާދަވެރި ކްރިސްޓިއާނޯ ރޮނާލްޑޯއަށް އެ މަގާމު މިހާތަނަށް ލިބިފައި ވަނީ ހަތަރު ފަހަރެވެ. ރޮނާލްޑޯއަށް އެންމެ ފަހުން ޔޫރަޕުގެ ރަން ބޫޓު ލިބުނީ 2015-2014 ވަނަ ސީޒަނުގަ އެވެ.

އުމުރުން 31 އަހަރުގެ މެސީ ވަނީ މި ނިމުނު ސީޒަނުގައި ބާސެލޯނާއާ އެކު ތަފާތު މޮޅު ކުޅުމެއް ދައްކައިފަ އެވެ. ނަމަވެސް އޭނަގެ އެންމެ ބޮޑު އަމާޒު ކަމުގައިވާ ޗެމްޕިއަންސް ލީގުން ހިތްދަތި ގޮތަކަށް ބާސެލޯނާ ކެޓުމުގެ މާޔޫސްކަން އަދި ވެސް ނުފިލާ ކަމަށް އޭނާ ވަނީ ބުނެފަ އެވެ.

ބާސެލޯނާ އިން މިރޭ ކޮޕަ ޑެލް ރޭ ގެ ފައިނަލުގައި ވެލެންސިއާއާ ވާދަ ކުރާ އިރު މެސީ ޓީމުގައި ހިމެނުން ގާތެވެ. ސީޒަނަށް ފަހު މެސީ އެނބުރި އާޖެންޓީނާގެ ސްކޯޑާއި ގުޅުމަށް ވަނީ ހަމަޖެހިފަ އެވެ. އެއީ މިއަހަރު ބްރެޒިލްގައި އޮންނަ ކޮޕާ އެމެރިކާގައި ވާދަ ކުރުމަށް ފަރިތަކުރުން ތަކުގައި ބައިވެރި ވުމަށެވެ.

comment ކޮމެންޓް