ސަލްމާއާއި ގުރްއާނުގައިވާ ކަނބަލުންގެ ވާހަކަތައް 19: މަރްޔަމްގެފާނު 2

"އޭގައި އެހެރަ އަޖައިބުވަނިވި ކުލަޔަކަށް ބަލައިލަ ބަލަ!" ސަލްމާ ބުންޏެވެ.

"ﷲ ގެ ހުސްޠާހިރުވަންތަ ކަމާ!" ޞަފިއްޔުއްދީން ވިދާޅުވިއެވެ.

"އަހަރެން އެއަށް ކިޔާނީ ނަޖްމާ. ތިޔަ ދެ ބޭފުޅުން މި ކަމާ މެދު ވިދާޅުވަނީ ކީކޭ ތޯ؟" ވަދީދާ ބުންޏެވެ.

"އަހަރެންގެ މައްސަލައެއް ނެތް. އޭ ލައިލް. ކަލޭގެ ޚިޔާލަކީ ކޮބާ؟" ޞަފިއްޔުއްދީން ވިދާޅުވިއެވެ.

"އޭތި އެ ބޯ ޖަހައިލީ އެއްބަސްވުމުގެ ގޮތުން ކަން ޔަގީން." ވަދީދާ ބުންޏެވެ.

*****

"ވަޑައިގަންނަވާ. ފުލުހުންގެ ވެރިޔާ! ކޮން ކަމަކު ތިޔަ ވަޑައިގަތީ؟" ގާޒީ ޞަފިއްޔުއްދީން ވިދާޅުވިއެވެ.

"އަޅުގަނޑު ބޭނުން ވަނީ ފަނޑިޔާރުގޭގެ އަމުރެއް. އެއީ ގެއެއް ފާސް ކޮށް އެގޭގެ ވެރިމީހާ ތަހުގީގަށް ބަންދު ކުރުމުގެ އަމުރެއް." ފުލުހުންގެ ވެރިޔާ މުފްތާޙު ވިދާޅުވިއެވެ.

"އެއީ ކީއްވެ ތޯ؟" ގާޒީ ސުވާލު ކުރެއްވިއެވެ.

"އެއީ އެގޭގެ ވެރިޔާގެ އަމަލުތައް ހުންނަ ގޮތުން އަޅުގަނޑުމެންނަށް ޝައްކު ކުރެވޭ ކަންތައްތަކެއް ހުރީމަ." މުފްތާޙު ވިދާޅުވިއެވެ.

"ﷲ ގެ ކޯފާއިން ރައްކާތެރިކޮށް ދެއްވުން އެދި އެއިލާހަށް ދަންނަވަން. ތިޔައީ ކޮން ފަދަ ބޮޑު ތުހުމަތެއް. ތިޔަ ކަމަށް އެއްވެސް ހެތްކެއް ހޯދިފައި ވޭ ތޯ؟" ގާޒީ އެއްސެވިއެވެ.

"އަވަށްޓެރީން ބުނަނީ ވަރަށް ގިނަ ބީރަށްޓެހި ފިރިހެނުން އެ ގެޔަށް ވަދެ ނުކުމެ ވާ ކަމަށް." މުފްތާޙު ވިދާޅުވިއެވެ.

"ތިޔައީ ބުރަދަނެއް ނެތް ހަމަ ހުސް ވާހަކަތަކެއް. ތިޔައީ މީހެއްގެ މައްޗަށް ތުހުމަތު ކުރުމަށް އެކަށީގެންވާ މިންވަރުގެ ދަލީލެއް ކަމަކަށް އަޅުގަނޑު ނުދެކެން." ގާޒީ ވިދާޅުވިއެވެ.

"ތަހުގީގު ކުރުމަކާ ނުލައި ހައްގާއި ބާޠިލު އަޅުގަނޑުމެންނަށް އެނގޭނީ ކިހިނެއް ތޯ؟" މުފްތާޙު އެއްސެވިއެވެ.

"ތިޔަ ކަން އަޅުގަނޑަށް ދޫ ކޮށްލައްވާ! ތިޔަ ކަމުގެ ހަގީގަތް އަޅުގަނޑު އަމިއްލައަށް ހޯދާނަން." ގާޒީ ވިދާޅުވިއެވެ.

*****

"އައްސަލާމް ޢަލައިކުމް. މި ގޭގެ އަހުލުވެރީންނަށް ސަލާމް ހުރި." ގާޒީ ޞަފިއްޔުއްދީން އެ ގޭގެ ދޮރުގައި ޓަކި ޖައްސަވަމުން ސަލާމް ގޮވައިލެއްވިއެވެ.

"ވަޢަލައިކުމުއްސަލާމް ވަރަޙްމަތު ﷲ ވަބަރަކާތުހޫ. އިއްޒަތްތެރި ސާހިބާ! އެތެރެއަށް ވަންނަވާ! ހަމަ އެއްމެ ދަގީގާއެއް. ބައްޕައަށް ބޭސް ބޯން ދީފައި އަޅުގަނޑު އެބަ އަންނަން." އެ ގެއިން ސަލާމް ބަލައިގަތް އަންހެން މީހާ ބުންޏެވެ.

"އުޒުރުވެރިވަން. ދަރިފުޅާ! ތިބާއަށް މަރުހަބާ ދެންނެވުމަށް ތެދުވުމަށް ނުކުޅެދިފައިވާތީ." އެނދުގައި އޮތް މުސްކުޅި މީހާ ބުންޏެވެ.

"ﷲ ތިބާއަށް ޝިފާ ދެއްވައި، ޢަފޫ ކުރައްވާށި! އޭ އަޚާ!" ގާޒީ ވިދާޅުވިއެވެ.

"ތިބާ ބޭނުން ވަނީ ޖޫޚު ފޮތީގެ އަބާއެއް ތޯ ނުވަތަ ފަށުވި ފޮތީގެ އަބާއެއް ތޯ؟" މުސްކުޅި މީހާ ސުވާލު ކުރިއެވެ.

"އަބާއެކޭ!" ހައިރާންކަމާ އެކު ސުވާލުގެ ރާގެއްގައި ގާޒީއަށް ވިދާޅުވެވުނެވެ.

"އަޅުގަނޑުގެ އަންހެން ދަރިފުޅަކީ އަބާ ތައްޔާރު ކުރުމުގައި އެންމެ ހުނަރުވެރި އެކަކު. އޭނާއަށް އެ ކަން ދަސް ކޮށް ދިނީ އަޅުގަނޑު. އެކަމަކު އޭނާ އެކަމަށް މިހާރު މާ މޮޅު." މުސްކުޅި މީހާ ބުންޏެވެ.

"ތިބާއަށް ޓަކައި ﷲ އޭނާ ރައްކާތެރި ކުރައްވާށި! އެކަމަކު ތިބާ އެ އެއްޗެހި ބާޒާރުގައި ނުވިއްކަނީ ކީއްވެ؟" ގާޒީ ހެޔޮ ދުޢާ ކުރައްވަމުން ސުވާލު ކުރެއްވިއެވެ.

"އަޅުގަނޑުގެ ނަމަކީ ޞަފިއްޔާ." އަންހެން ކުއްޖާ ބުންޏެވެ.

"ޞަފިއްޔާ! ބާޒާރުގައި ވިއްކީމާ ލިބޭ ފައިދާ ބޮޑުވެފައި ރަނގަޅެއް ނުވާނެތަ؟" ގާޒީ އެއްސެވިއެވެ.

"ސާހިބާ! އަޅުގަނޑު ގޮސް ބާޒާރުގައި އިންނަންޏާ އަޅުގަނޑުގެ ބައްޕައަށް ޚިދުމަތް ކުރާނީ ކާކުތޯ؟ އަޅުގަނޑުގެ ޙަޔާތުގައި އެންމެ މުހިއްމު ކަމަކީ ބައްޕަ ބަލައި، ބައްޕައަށް ޚިދުމަތް ކުރުން." ޞަފިއްޔާ އެހިއެވެ.

"އަޅުގަނޑުގެ މިސްކީނު ދަރިފުޅު، އަޅުގަނޑަށް ޓަކައި ގޭގައި މަޑުކޮށްގެން އިންނަނީ. ގެއިން ބޭރަށް އެއްވެސް ތާކަށް އޭނާ ނުދޭ. އޭނާ މަސައްކަތް ކުރަނީ ގޭގައި އިނދެގެން. އަދި އެ ތަކެތި ވިއްކަނީ ވެސް ގޭގައި އިނދެގެން." މުސްކުޅި މީހާ ބުންޏެވެ.

"އިރާދަ ކުރެއްވިއްޔާ ﷲ ގެ ޙަޟްރަތުގައި އޭނާގެ އަޖުރު މަތިވެރި ވާނެ. އަޅުގަނޑު ދެ އަަބާޔާ ގަންނާނަން." ގާޒީ ވިދާޅުވިއެވެ.

- ނުނިމޭ -

comment ކޮމެންޓް