އުރީދޫ ބަދިގެ: ވަޅޯމަސް ސްޕެގެޓީ ވަރެއް ނެތް

ވަޅޯ މަހަކީ ދިވެހި ކޮންމެ ކެއުމަކާއި އެކުގައިވެސް ވަރަށް މީރު ބާވަތެކެވެ. ގަރުދިޔަ އިން ފެށިގެން، ރިހަ، ބޯކިބާ، ނޫޑުލްސް،މަސްހުނި، މަސްކުރޮޅި، މަސްރޮށި ފަދަ އެތަށް ބާވަތްތަކުގެ ހެދިކާތަކުގެ ރަހަ ހެޔޮވަރުކޮށްދޭ ވަޅޯމަސް ފަހަކަށް އައިސް މިވަނީ ޒަމާނީ އެތަށް ޑިޝްއަކުންވެސް ޖާގަަ ހޯދާފައެވެ. މިގޮތުން ޕިއްޒާއަކަސް، ސަބްމެރިން އަކަސް އަދި ޕާސްޓާ ނުވަތަ ސްޕެގެޓީގަޑެއް ނަމަވެސް ވަޅޯމަހާއި ނުލާ މިއަދު ފުރިހަމަ ނުވާ ކަހަލަ އެވެ.

މިއަދު އުރީދޫ ބަދިގޭގައި ތޫތަ ތައްޔާރުކޮށްދެނީ ވަޅޯމަސް ސްޕެގެޓީ އެކެވެ. ތޫތަ ބުނާގޮތުން އެކިމީހުން ތަފާތު ގޮތްގޮތަށް މި ޑިޝް ތައްޔާރުކުރި ނަމަވެސް މިއީ ތޫތަގެ ރެސިޕީއެވެ.

ބޭނުންވާނެ ތަކެތި

  • 200 ގްރާމް ސްޕެގެޓީ
  • 2 ލޮނުމެދު (ކުދިކުދި ކޮށް ކޮށާފައި)
  • 50 އެމްއެލް އޮލިވް އޮއިލް
  • މުގުރި މިރުސް (ރާޅުކޮށް)
  • ލޮނު
  • އަސޭމިރުސް
  • 100 ގްރާމް ވަޅޯމަސް ތުނިކޮށް ކޮށާފައި
  • 50 ގްރާމް ބްލެކް އޮލިވްސް
  • 50 ގްރާމް ސަން ޑްރައިޑް ޓޮމާޓޯސް
  • 10 ގްރާމް ކޮރިއަންޑާ ފަތް (ކުދިކޮށް ކޮށާފައި)
  • 20 ގްރާމް ޕާމޭޒަން ޗީޒް (ގާނާފައި)
  • ތައްޔާރުކުރާނެ ގޮތް

އެންމެ ފުރަތަމަ ކުޑަ ލޮނުކޮޅަކާއި އެކީ ސްޕެގެޓީ މަޑުކޮށްލާށެވެ. މަޑު ކުރާނީ ވަރަށް ކުޑަކޮށް ހަފާލެވޭ މިންވަރަކަށެވެ. އެއަށްފަހު ތެއްޔަކަށް އޮލިވް އޮއިލްކޮޅު އަޅާ ހޫނުވުމުން ލޮނުމެދު، މިރުސް، ޓޯމާޓޯ ކޮރިއާންޑާ އަދި އޮލިވްސްގެ އިތުރުން ވަޅޯމަސް އަޅާލާށެވެ. އެއަށްފަހު ދެ މިނެޓެއްހާ އިރު ކައްކާލުމަށްފަހު ސްޕެގެޓީކޮޅު އަޅާލާށެވެ. އިތުރަށް އޮލިވް އޮއިލް އަޅާލަން ބޭނުންވާނަމަ އަޅާލުންވެސް ރަނގަޅުވާނެ އެވެ. އަނެއްކާވެސް ދެ މިނިޓެއްހާ އިރު ކައްކާލާށެވެ. އެއަށްފަހު ޗީޒް އަޅާލާށެވެ. ސާވްކުރަމުން ތަށްޓަށް އަޅާލަންވެސް ބައެއް ބެހެއްޓިދާނެ އެވެ.

ޓައިޓްލް ސްޕޮންސާ: އުރީދޫ މޯލްޑިވްސް
ވީޑިއޯ އަދި އެޑިޓިންގް: ހުސައިން ޝަޔާހު، މުހައްމަދު ޝަފީއު، މުސްތަފާ މުހައްމަދު

comment ކޮމެންޓް