ހިތަދޫ ކައިރިން ވެލިނެގި މައްސަލަ ފުލުހުން ބަލަނީ

ހިތަދޫ ކައިރީ އޮތް ބޯޓު-- ފޮޓޯ: ފުލުހުން

ލ. ހިތަދޫ ކައިރިން ވެލި ނެގި ބޯޓުގެ މައްސަލަ ފުލުހުން ބަލަންފަށައިފިއެވެ.

ފުލުހުން ބުނީ މިއަދު 17:10 ހާއިރު ލ.ހިތަދޫ ކައިރިން ބޮޑު ބޯޓެއް ފެނިގެން ފުލުހުންނަށް ސިފައިން ދިން މައުލޫމާތަކާއި ގުޅިގެން ސިފައިންނާއެކު ފުލުހުން އެ ބޯޓަށް އަރާފައިވާ ކަމަށެވެ.

ބޯޓުގައި ރެޖިސްޓްރީ ނަންބަރެއް އަދި ދިދައެއްވެސް ނެތް ކަމަށާއި އެ ބޯޓަށް ބައިވަރު ވެލި ބަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ. ބޯޓުގައި ތިބި މީހުންނާއި ހަވާލާދީ ފުލުހުން ބުނީ ބޯޓުގައި ހުރި ވެއްޔަކީ، އެ ބޯޓުގައި ހުރި ބަރު އުޅަނދުތައް ބެލެންސް ކުރަން އަރުވާފައި ހުރި ވެއްޔެވެ. ނަމަވެސް އެ ވެލި ނެގުމަށް ސަރުކާރުގެ ކަމާބެހޭ އެއްވެސް އިދާރާއަކުން ހުއްދަ ލިބުނުކަމުގެ ލިޔުމެއް ބޯޓުގައި ނެތްކަމަށް ފުލުހުން ބުންޏެވެ.

އެ ބޯޓަކީ ބްރިޖު އެޅުމުގެ މަސައްކަތްކުރި ސީސީސީސީ ސެކަންޑް ހާބާ އިންޖިނިއަރިންގެ ނަމުގައި ރާއްޖެ އެތެރެކޮށްފައިވާ ބޯޓެއް ކަމަށާއި، ބޯޓު ދަތުރުކުރަމުންދިޔައީ ހުވަދު އަތޮޅުގައި ތަރައްގީ ކުރާ ރިސޯޓަކަށް ކަމަށް ފުލުހުން ބުންޏެވެ. ނަމަވެސް ވިއްސާރަވެ ކަނޑު ގަދަވުމުގެ ސަބަބުން ބޯޓު ލ. އަތޮޅުގައި މަދުކުރީ ކަމަށް ފުލުހުން ބުންޏެވެ.

ބޯޓުގެ މައްސަލަ ފުލުހުންބަލަމުންދާއިރު އެންވަޔަރަމެންޓް މިނިސްޓަރު ޑރ. ހުސެން ރަޝީދު މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީމާލެ ސަރަހައްދުން ވެލިހިފައިގެން ހުވަދޫ އަތޮޅަށް ދަތުރު ކުރަމުންދާކަމަށް ބުނާ އުޅަނދެއްގައި ހުރި ވެއްޔަކީ ގާނޫނާއި އެއްގޮތަށް ހުއްދަ ލިބިގެން ހޯދާފައިވާ ވެލިކަން ކަށަވަރުކުރުމަށްޓަކައި އެ މައްސަލަ ތަހުގީގުކޮށް ދިނުމަށް ފުލުހުންގެ ކިބައިން އެދިފައިވާ ކަމަށެވެ.

އެކަމާ ގުޅޭގޮތުން އެންބަޔަރަމެންޓް މިނިސްޓްރީ އިން ކުރި ޓްވީޓެއްގައި ބުނީ ލ.ހިތަދޫ ކައިރީ އަޅާފައިއޮތް ބޯޓުގެ އަމަލުތައް އެންވަރަމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ބަލަމުންދާ ކަމަށެވެ. ހިތަދޫ ކައިރިން ވެލި ނަގައިގެން ދުބާއީ އަށް ބޭރު ކުރުމަށް އީޕީއޭ އިން އެއްވެސް ހުއްދައެއް ދީފައިނުވާ ކަމަށްވެސް އެންވަޔަރަމެންޓުން ބުންޏެވެ.

އެންވަޔަރަމެންޓުން ބުނީ މި މައްސަލަ އިތުރަށް ބަލާ، ފިޔަވަޅު އަޅަންޖެހޭ ކަމެއް ފާހަގަވާނަމަ ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށެވެ.

comment ކޮމެންޓް