އައްޑޫއާއި ފުވައްމުލަކަށް ފްލައިމީ އިން ކުރާ ދަތުރުތައް ހުއްޓާލަނީ

ފްލައިމީގެ ބޯޓެއް --- ފޮޓޯ: ވިލާއެއާ /ޓްވިޓަ

ވިލާ އެއާގެ ފްލައިމީ އިން އައްޑޫ ސިޓީއާއި ފުވައްމުލަކު ސިޓީ އަށް ކުރަމުންދާ ދަތުރުތައް ވަގުތީގޮތުން ހުއްޓާލަން ނިންމައިފިއެވެ.

ފްލައިމީ އިން ނެރުނު ބަޔާނެއްގައި ބުނީ އެ ދެމަންޒިލަށް ކުރަމުން ދިޔަ ދަތުރުތައް ޖޫން 10 އިން ފެށިގެން ވަގުތީގޮތުން ހުއްޓާލަން ނިންމާފައިވާ ކަމަށެވެ.

އެ އެއާލައިނުގެ ދަތުރުތައް އައްޑޫ އަށާއި ފުވައްމުލަކަށް ފަށާފައިވަނީ ތިން އަހަރުގެ މެދުކެނޑުމަކަށްފަހު މިދިޔަ އަހަރުގެ ނޮވެމްބަރު 15 ގައެވެ. ނަމަވެސް ޕައިލޮޓުންގެ ދަތިކަން ކުރިމަތިވެ ފްލައިޓުތައް އޮޕަރޭޓު ކުރުމުގައި ދަތިތައް ދިމާވުމުން ދަތުރުތައް މެދުކަނޑާލަން ނިންމީ ކަމަށް ފްލައިމީ އިން ބުންޏެވެ.

ޕައިލޮޓުންގެ ދަތިކަން ހައްލު ކުރުމަށް ފްލައިމީ އިން މިހާރުވެސް ޕައިލޮޓުން ތަމްރީނު ކުރަމުންދާ ކަމަށާއި ކުރިއަށް އޮތް ދެތިން މަސްތެރޭ ޕައިލޮޓުން ވަޒީފާ އަށް ނިކުތުމުން އައްޑޫ އަދި ފުވައްމުލަކުގެ ދަތުރުތައް އަލުން ފަށާނެ ކަމަށް ފްލައިމީ އިން ބުންޏެވެ. ފްލައިމީ އިން ބުނީ އެ އެއާލައިނުގެ ފްލީޓަށް އޭޓީއާރު 600-72 މަރުކާގެ އާ ފްލައިޓެއް ގެންނަން ނިންމާފައިވާ ކަމަށެވެ. އޮކްޓޯމަރު މަހު ގެންނަ މި ފްލައިޓާއެކު ފްލައިމީގެ ދަތުރުތައް އިތުރު މަންޒިލްތަކަށް ފަށާނެ ކަމަށްވެސް ފްލައިމީ އިން ބުންޏެވެ.

ފްލައިމީ އިން އައްޑޫ އަށާއި ފުވައްމުލަކަށް ކުރާ ދަތިރުތަކަށް ފަސެންޖަރުންގެ ބޮޑު ތަރުހީބެއް ލިބެއެވެ.

އައްޑޫ، ފުވައްމުލަކު ދަތުރުތައް ހުއްޓާލުމުން ފްލައިމީގެ ދަތުރުތައް އޮންނާނީ މާމިނގިއްޔަށާއި ދަރަވަންދޫ އަށް އެކަންޏެވެ.

comment ކޮމެންޓް