މަޖިލިސް ރައީސްގެ ރޭސް: ދެ ކޭމްޕްގެ ދެމެދު ކޯޅުން ބޮޑުވެއްޖެ

ރައީސް ސޯލިހާއި ކުރީގެ ރައީސް ނަޝީދު — ސަން ފޮޓޯ: ފަޔާޒް މޫސާ

މިިދިޔަ އެޕްރީލް މަހު، ބޭއްވި އާންމު އިންތިހާބުގައި މަޖިލީހުގެ ސުޕަ މެޖޯރިޓީ އެމްޑީޕީއިން ނެގުމަށް ފަހު އެ ޕާޓީގެ އަމާޒު މިހާރު ހުރީ މަޖިލީހުގެ ރައީސް ކަމާއި ނައިބު ރައީސްކަމުގެ މަގާމު ވެސް މިލްކު ކުރާށެވެ. ޖުމްލަ 65 މެންބަރުން ހިމެނޭ އެމްޑީޕީގެ ބިޔަ ޕާލިމަންޓްރީ ގްރޫޕްގެ ތެރޭގައި މަޖިލިސް ރައީސް ކަމުގެ ވާދަވެރިކަން މި އޮތީ ނުހަނު ބޮޑުވެފަ އެވެ.

އެ ޕާޓީގެ ފަސް މެންބަރަކު އެ މަގާމަށް ފައި ނަގާފައިވާއިރު ވާދަވެރިކަމެއް މި އޮތީ، ހަތަރު ވަނަ ދައުރަކަށް މަޖިލީހަށް އިންތިހާބުވި، އަހަމަދު އަސްލަމްއާއި ރައީސް ނަޝީދުގެ ސަރުކާރުގައި ހޯމް މިނިސްޓަރު ކަން ކުރެއްވި ހަސަން އަފީފާ ދެމެދުގަ އެވެ.

މަޖިލިސް ރައީސް ކަމަށް އެމްޑީޕީން ޝައުގުވެރިކަން ފާޅު ކުރި ފަސް މެމްބަރުން: ވާދަވެރިކަން ބޮޑީ އަސްލަމާއި އަފީފާ ދެމެދު ---

ސަބަބަކަށް ވަނީ، މަޖިލިސް ރައީސް ކަމަށް ޕާޓީގެ އެންމެ އިސްފަރާތް އަދި ރައީސް އިބްރާޙިމް މުހައްމަދު ސޯލިހާއި ކުރީގެ ރައީސް އަދި ޕާޓީގެ ރައީސް މުހައްމަދު ނަޝީދުއާ ދެބޭފުޅުން ތިއްބެވީ ދެ ކޮޅެއް ނަންގަވައިގެން ކަމަށް ވާތީ އެވެ. ރައީސް ސޯލިހް އަފީފަށް ތާއީދު ކުރައްވާއިރު، ރައީސް ނަޝީދު ތާއީދު ކުރައްވަނީ އެމަނިކުފާނާ ގާތް އަސްލަމަށެވެ.

ރައީސް ސޯލިހުގެ ތާއީދު އަފީފްއަށް ހާމަކުރެއްވުމާ އެކު ރައީސް ސޯލިހާއި ނަޝީދުގެ ކޭމްޕްގެ ދެމެދު މި ވަނީ ހޫނު ބަހުސާއި ހަމަލާތައް ފެށިފަ އެވެ. އެބަޔަކަށް ކިޔުނު ފާޑެއް ކިޔައި ކަލަ ގޮވަން މިވަނީ ފަށައިފަ އެވެ.

ރައީސް ސޯލިހުގެ ސަޕޯޓަރުންގެ ބަހުގެ ހަމަލާތައް އޮތީ ސީދާ އަސްލަމަށެވެ. ނަޝީދަށް މަރުދޭ ފޭނުން އަސްލަމަށް ހަބޭހަށް ތާއީދު ކުރައްވަމުން އަފީފްއަށް އަންނަނީ ފުލުފުލުގައި ހަމަލާތައް އަމާޒު ކުރަމުން އެވެ. ރޯދަ މަހާ އެކު މަޑު ނިންޖެއްގައި އޮތް ސިޔާސީ މައިދާން އަނެއްކާ ވެސް ކައްކުވާލާފައި މި އޮތީ މި ބަހުސްގެ ހޫނުކަމުން އެވެ.

ސޯޝަލް މީޑިއާގައި އަސްލަމަށް ތާއީދު ކުރާ އެމްޑީޕީގެ މެމްބަރުން އެންމެ ބޮޑަށް ފާހަގަ ކުރާ އެއް ކަމަކީ، އިދިކޮޅު ފަރާތްތަކުން އަފީފަށް ތާއީދު ކުރުމަށް ނިންމުމުން އަފީފްގެ ނަޒާހަތްތެރިކަމާ މެދު ސުވާލު އުފައްދައިފަ އެވެ. އެ މީހުން ބުނާ ގޮތުން އިދިކޮޅުން ތާއީދު ކުރާ މީހަކަށް އިތުބާރު ކުރަން އެމްޑީޕީއަށް އުނދަގުލީ އެވެ.

އަފީފް މަޖިލިސް ރައީސް ކަމަށް ގެންނަން ޖުމްހޫރީ ޕާޓީއިން ވެސް އޮތީ ފެހި ސިގްނަލް ދީފަ އެވެ. އެ ޕާޓީގެ ކައުންސިލް މެންބަރު އަދި ތިމަރަފުށީ ދާއިރާގެ އިންތިހާބީ މެންބަރު އަބްދުﷲ ރިޔާޒު ވިދާޅުވަނީ، ރައީސް ސޯލިހު ބޭނުންވާ ބޭފުޅަކު މަޖިލިސް ރައީސްގެ ގޮޑީގައި ބައިންދަން ކުރެވުނު މަސައްކަތެއް ކުރާނެ އެވެ.

އިދިކޮޅުގެ މިހާ ބޮޑު ތާއީދެއް އަފީފަށް ދީފައި ވާތީ އަފީފްއަށް ފާޑު ކިޔާ އެކްޓިވިސްޓުންގެ ތުހުމަތަކީ އަފީފް އާއި އިދިކޮޅާ "ޑީލް" ހެއްދެވީ އެވެ.

އަފީފް ރައީސް ސޯލިހާއި ރައީސް ނަޝީދާްއެކު --

އަފީފް އަށް މަޖިލިސް ރައީސް ކަން ލިބިއްޖެ ނަމަ އިދިކޮޅު ފަރާތްތަކަށް ބައެއް ކޮމެޓީތަކުގެ މުގައްރިރުކަން ދޭނެ ކަމަށް ބުނެ ވައުދު ވުމަކީ ވެސް ރައީސް ނަޝީދުގެ ފޭނުންނަށް މި ވަނީ މައްސަލައަކަށްވެފަ އެވެ. އެ މީހުން ބުނަނީ، ސުޕަ މެޖޯރިޓީ އެމްޑީޕީއަށް އޮތް އިރު މުހިންމު ކޮމިޓީތަކުގެ މުގައްރިރުކަން ދޭން ޖެހޭ އެއްވެސް ސަބަބެއް ނޯންނާނެ ކަމަށެވެ.

އެމްޑީޕީގެ ބައެއް އެކްޓިވިސްޓުންގެ ރުޅިގަނޑު ފަޅައިގެން ގޮސް، ބައެއް މީހުން ވަނީ އަފީފަށް ވަރަށް ހުތުރުކޮށް ވެސް ފާޑު ކިޔައިފަ އެވެ. މީގެ ކުރިން ފުލުހުން އަފީފާ ގުޅޭ ގޮތުން ތަހުގީގު ކުރި މައްސަލަތަކުގެ ސްކްރީންޝޮޓްތަކުން މުޅި ސޯޝަލް މީޑިއާ ވަނީ ފުރާލައިފަ އެވެ.

މި ބަހުސެއް ހޫނުވެ ބައެއް މީހުން މިހާރު ވަނީ އެމްޑީޕީގެ ވެރިކަން ވެއްޓުނު، ފެބުރުއަރީ ހަތެއް ގެނައުމުގެ މުގުލުގައި އަފީފް ހުންނެވި ކަމަށް ވެސް ތުހުމަތުކޮށްފަ އެވެ. އޭރު އަފީފް އަކީ ހޯމް މިނިސްޓަރެވެ. ބައެއް މީހުންގެ ވާހަކަ އަކީ، އެ ދުވަސް މެދުވެރިވީ އަފީފްގެ ނާގާބިލްކަމުން، ލީޑަޝިޕެއް ނެތީމަ އެވެ.

އަސްލަމަށް ތާއީދު ކުރާ ފަރާތްތަކުން އަފީފަށް ބަގާވާތުގެ ތުހުމަތުތަކެއް ކުރަމުން ދާއިރު، އަފީފަށް ތާއީދު ކުރައްވާ ފަރާތްތަކުން އަސްލަމަށް އަމާޒު ކުރަނީ ކޮރަޕްޝަންގެ ތުހުމަތުތަކެވެ.

ރައީސް ނަޝީދާއި އަސްލަމް: ރައީސް ނަޝީދު ތާއީދު ކުރައްވަނީ އަސްލަމަށް ---

ބައެއް މީހުން ވަނީ ނިއުޕޯޓު ހުސްކުރުމަށް އެންގި މައްސަލައިގައި އަސްލަމްގެ އާއިލީ މަސްލަހަތު ހިމެނޭތީ އޭނާ އެކަމަށް ނުފޫޒު ފޯރުވަމުންދާ ކަމަށް ތުހުމަތުކޮށްފަ އެވެ. ކުލި ނުދައްކާތީ ޕްލޭނިން މިނިސްޓްރީން ނިއުޕޯޓު ހުސްކުުރުމަށް އަންގައި މުއްދަތު ހަމަވި އިރުވެސް އަދިވެސް އެތަން ހުސް ނުކުރެ އެވެ. ނަމަސް އެމައްސަލައާ ގުޅިގެން އަސްލަމް މީގެ ކުރިން ވަނީ އެ ތުހުމަތުތައް ދޮގު ކުރައްވާފަ އެވެ.

އަސްލަމަށް ތާއީދު ކުރައްވާ ފަރާތްތައް އެ ވާހަކަތަކަށް ރައްދު ދެނީ، އަސްލަމް އަކީ "ހާޑްކޯ" އެމްޑީޕީ ގެ ތެދުވެރި މެމްބަރެއް ކަމަށް ބުނަމުން އެވެ. އަދި އަފީފަކީ އިދިކޮޅު ފަރާތްތަކާ ސިއްރު ގުޅުންތައް އޮންނަ މީހެއް ކަމަށް ބުނާ ތުހުމަތުގެ އަޑުތައް އެ މީހުން ވަނީ ގަދަކޮށްލައިފަ އެވެ.

ނަމަވެސް އަފީފަށް ތާއީދު ކުރާ ފަރާތްތައް އެވާހަކަ ދައްކަނީ ދިމާ އިދިކޮޅަށެވެ. އެފަރާތްތަކުން ބުނާ ގޮތުގައި 2008 ވަނަ އަހަރު ޕާޓީ ތެރޭގައި ބޭއްވި ޕްރައިމަރީއަށް ފަހު އަސްލަމް ޖުމްހޫރީ ޕާޓީއަށް ސޮއި ކޮށްފައިވާ ކަމަށެވެ.

"ޕާޓީ އަށް ހަގީގީ ގައްދާރަކީ އަސްލަމް، އަފީފް މަދު މެންބަރުން ކޮޅަކާ އެކުވެސް އެމްޑީޕީގައި ހުރި،" މީހަކު ޓްވީޓް ކުރި އެވެ.

ކޮންމެ އަކަސް، އެމްޑީޕީން މަޖިލިސް ރައީސް ކަމަށް ބޭފުޅެއްގެ ނަން ފޮނުވާނީ، ހޯމަ ދުވަހު އެ ޕާޓީގެ ޕާލިމަންޓަރީ ގުރޫޕުގެ މެމްބަރުންގެ މެދުގައި ނަގާ ސިއްރު ވޯޓަކުންނެވެ. ދެ ރައީސުންގެ ކޭމްޕްގެ މެދުގައި ޖަޒުބާތުތަކާއި އުދާސްތައް ބޮޑުވެގެން ގޮސް، އެހެން ބަހުސެއް ވެސް ވަނީ ފެށިފަ އެވެ.

އެއްބަޔަކު ދެކޭ ގޮތުގައި، ރައީސް ނަޝީދު ވަކި މީހަކަށް ތާއީދުކުރައްވާފައި ވަނިކޮށް ރައީސް ސޯލިހުގެ ތާއީދު އެހެން ބޭފުޅަކަށް ދެއްވުމަކީ ރައީސް ހައްދަވާ ގޯހެކެވެ. މި ހިޔާލުގެ މީހުން ބުނާ ގޮތުގައި އެމްޑީޕީއަށް މަޖިލީހުގެ ސުޕަ މެޖޯރިޓީ ނެގުނީ، ރައީސް ސޯލިހުގެ ވިސްނުމާ ހިލާފަށް ނަޝީދު ގިނިކަންޔާ އެމްޑީޕީ ގޮވައިގެން ނިކުމެ ކުރެއްވި މަސައްކަތުން އެވެ.

މިކަހަލަ އެތައް ހޫނު ބަހުސެއް ދެ ކޭމްޕްގެ މެދުގައި ހިނގަމުން އަންނަ އިރު އަދިވެސް މި ބަހުސް އޮތީ ހޫނުވާންށެވެ. ސަބަބަކަށް ވަނީ ރައީސް ނަޝީދު އަސްލަމްއަށް ހެސް ކިޔާފައި ކެމްޕޭން ކުރަން ފައްޓަވާފައިވުމެވެ. އަނެއްކޮޅު ރައީސް ސޯލިހު ވެސް ގެންދަވަނީ މެންބަރުންނަށް ލޮބީ ކުރައްވަމުން އެވެ.

comment ކޮމެންޓް