ފޯޅަވަހީގެ މައްސަލާގައި ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ ވެސް ސަރުކާރަށް ފާޑުވިދާޅުވެއްޖެ

ދުންޔާ މައުމޫން -- ސަން ފޮޓޯ

އައްޑު އަތޮޅުގެ ދެކުނުން އޮންނަ ފޭހަންދީބު (ނުވަތަ ޗާގޯސް ޖަޒީރާތައް) މޮރިޝަސްގެ ސަރަހައްދެއްގެ ގޮތުގައި ކަނޑައެޅުމަށް އދ.ގެ އާންމު މަޖިލީހުން ނެގި ވޯޓުގައި ރާއްޖެއިން ވޯޓު ދިންގޮތާ މެދު ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ވެސް ފާޑުވިދާޅުވެއްޖެ އެވެ.

ޗާގޯސް ޖަޒީރާތައް މޮރިޝަސްގެ ސަރަހައްދެއްގެ ގޮތުގައި ކަނޑައެޅުމަށް އދ.ގެ އާންމު މަޖިލީހުން ވަނީ ފާސްވެސްކޮށްފަ އެވެ.

ނަމަވެސް ރާއްޖޭގެ ކޮންޓިނެންޓަލް ޝެލްފް ހިމާޔަތް ކުރުމަށް، ޗާގޯސް ޖަޒީރާ (ފޭހަންދީބު) މޮރިޝަސްއާ ހަވާލު ކުރުމާ ދެކޮޅަށް ރާއްޖެއިން އދ.ގެ އާއްމު މަޖިލީހުގައި ވަނީ ވޯޓުދީފަ އެވެ. އެ ގަރާރާ ދެކޮޅަށް ވޯޓު ދިނީ ރާއްޖޭގެ އިތުރުން އެމެރިކާ، އިސްރާއީލް، ޔޫކޭ، އޮސްޓްރޭލިއާ އަދި ހަންގޭރީއެވެ.

ޔޫރަޕް އިއްތިހާދުގެ ތެރޭގައި ހިމެނޭ ފްރާންސް އާއި ޖަރުމަނުން ވަކިކޮޅަކަށް ވޯޓެއް ނުދެ އެވެ.

އެ ނިންމުމާ ބެހޭ ގޮތުން ދުންޔާ ވަނީ ޓުވިޓާގައި ރާއްޖޭގެ ޚާރިޖީ ސިޔާސަތަށް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.

"ކޮންކަހަލަ ޚާރިޖީ ސިޔާސަތަކުންތޯ ގައުމެއް އިސްތިއުމާރުކޮށް އަމިއްލަ ގައުމު ކައިރީގައި އޮންނަ ގައުމަކާ މެދު އދ. ކަނޑައަޅާފައިވާ ގަރާރަކާ ދެކޮޅަށް ތާއިދުކުރާނީ؟" ދުންޔާގެ ޓުވީޓުގައިވެ އެވެ.

ދުންޔާގެ އިތުރުން އިދިކޮޅު ޕީޕީއެމްއިން ވެސް ވަނީ ސަރުކާރުގެ ނިންމުމަށް ވަރަށް ބޮޑަށް ފާޑުކިޔައިފަ އެވެ. ޕީޕީއެމް އިން ނެރުނު ބަޔާނުގައި ބުނީ، ފޮރިން މިނިސްޓްރީން އެގޮތަށް ބުނި ނަމަވެސް، އެއީ އެކަން އޮތް ގޮތް ނޫން ކަމަށާއި ސަރުކާރުން މި މައްސަލައިގެ ހަގީގަތް އޮޅުވާލައިފައިވާ ކަމަށެވެ.

ސަރުކާރުން ވަނީ ފޯޅަވެއްސާ މެދު ވޯޓު ދިން ގޮތް ދިފާއު ކުރައްވައިފަ އެވެ. ފޮރިން މިނިސްޓްރީން ބުނީ އެކަމުގައި ރާއްޖޭގެ މަސްލަހަތު ހިމެނޭ ކަމަށާއި، އެ ގަރާރު ފާސްކޮށްފި ނަމަ ރާއްޖެއިން ކަނޑައަޅާފައިވާ އިގުތިސާދީ ސަރަހައްދަށް އުނިކަމެއް އަތުވެދާނެ ކަމަށެވެ.

comment ކޮމެންޓް