ހުޅުމާލޭގައި ކުޑަ ދެ ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ފެންމަތި ވެއްޖެ

ހުޅުމާލެ ސެންޓްރަލް ޕާކް: ހުޅުމާލޭގައި ދެ ފިރިހެން ކުއްޖަކާ ގަދަކަމުން ބެހެން އުޅުނު މައްސަލައެއް ވަނީ ފެންމަތިވެފައި. -- ސަން ފައިލް ފޮޓޯ

ހަ އަހަރުގެ ކުއްޖަކާއި އަށް އަހަރުގެ ދެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމަށް ބުނާ މައްސަލައެއް ފެންމަތި ވެއްޖެ އެވެ.

"ސަން" އެނގިފައިވާ ގޮތުގައި މި ހާދިސާ ހިނގީ ހުޅުމާލޭގަ އެވެ. އަދި މި ދެކުދިންނަށް ރޭ ހުޅުމާލޭ ހޮސްޕިޓަލަށް ގެންގޮސް ވަނީ ފަރުވާ ދީފަ އެވެ. ކުޑަ ކުދިން ހިމެނޭ މައްސަލައަކަށް ވާތީވެ، މިކަމަކާ ގުޅިގެން އެ ހޮސްޕިޓަލުގެ ރަސްމީ ބަހެއް ވަނީ ނުލިބިފަ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު "ސަން" އަށް ވިދާޅުވީ، ކުޑަ ދެ ފިރިހެން ކުއްޖަކާ މެދު، ފިރިހެނަކު ގަދަ ކަމުން ބަދުއަހްލާގީ އަމަލު ހިންގި މައްސަލައެއް ހުށަހަޅާފައިވާ ކަމަށެވެ.

މި މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ ރޭ ދަންވަރު 1:00 އެހާކަށް ހާއިރު އެވެ. މި މައްސަލައާ ގުޅިގެން އަދި އެއްވެސް މީހަކު ހައްޔަރެއް ނުކުރެ އެވެ.

ކުޑަ ކުދިން ހިމެނޭ މައްސަަލަކަށް ވާތީވެ، މިކަމާ ގުޅޭ ގޮތުން އިތުރު ތަފްސީލެއް ފުލުހުން ނުދެ އެވެ.

މިކަމާ ގުޅިގެން ޖެންޑާ މިނިސްޓްރީގެ މީޑިއާ އޮފިޝަލް ވެސް "ސަން" އަށް ވިދާޅުވީ، މާލޭ ސަރަހައްދުން ކުޑަ ދެ ކުއްޖަކަށް ޖިންސީ ގޯނާ ކޮށްގެން، ފުލުހުންނަށް ހުށަހެޅި މައްސަލައެއްގައި ފުލުހުންނާއެކު މިނިސްޓްރީ އިން ވެސް މަސައްކަތް ކުރަމުންދާ ކަމަށެވެ.

"މައްސަލައިގައި ހިމެނޭ ކުދިންގެ ރައްކާތެރިކަމާ ގުޅޭ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް އާއިލާއާ ގުޅިގެން ވަނީ އެޅިފައި،" އޭނާ ވިދާޅުވި އެވެ.

ފަހަކަށް އައިސް ކުޑަ ކުދިންނަށް ޖިންސީ ގޯނާ ކުރާ މައްސަލަތައް ދަނީ އިތުރުވަމުންނެވެ. އެގޮތުން މިދިޔަ ހަފްތާ ތެރޭގައި ވެސް ދެކުނުގެ ރަށެށްގައި ދެބެއިން ވެގެން ނުވަ އަހަރުގެ ކުޑަ އަންހެން ކުއްޖަކާ ބެހުނު މައްސަލައެއް ފެންމަތިވި އެވެ. އެ މައްސަލައިގައި 71 އަހަރުގެ މީހަކު ވަނީ ހައްޔަރު ކޮށްފަ އެވެ.

މީގެ އިތުރުން މީގެ ދެ ހަފްތާއެއްހާ ދުވަސް ކުރިން މެދު ރާއްޖެ ތެރޭ އަތޮޅެއްގައި 15 އަހަރުގެ އަންހެން ކުއްޖަކު ވިހެއި ދަރިފުޅު ވަނީ މަރުވެފަ އެވެ. އެނގިފައިވާ ގޮތުގައި އަންހެން ކުއްޖާ ވިއްސީ އޭނާގެ މަންމައާ ލޯބިވެރިޔާ އެވެ.

ފަނަރަ އަހަރުގެ ކުޑަ ކުއްޖާގެ މައްސަލަައިގައި ފުލުހުން ވަނީ ވިހެއި ދަރިފުޅުގެ ޕޯސްޓްމޯޓަމް ހެދުމަށް ނިންމާފައެވެ.

comment ކޮމެންޓް