ދިއްފުށީ މާރާމާރީއާ ގުޅިގެން މީހަކު ހައްޔަރުކޮށް ބަންދު ޖަހައިފި

ކ. ދިއްފުށީގައި މިދިޔަ ދެ ރޭ މަތިން ހިންގި ހަމަނުޖެހުންތަކަކާ ގުޅިގެން މީހަކު ހައްޔަރުކޮށް އޭނާގެ ބަންދުގެ މުއްދަތު ޖަހައިފި އެވެ.

މިދިޔަ ބުދަ ދުވަހުގެ ރެއާއި ބުރާސްފަތި ދުވަހުގެ ރޭ ދިއްފުށީގައި ހަމަނުޖެހުންތަކެއް ހިނގައި ބައެއް މީހުންނަށް އަނިޔާވީ އެ ރަށުގައި ވައްކަންތައް ގިނަވެ، އެ ކަންކަން ފުލުހުންނަށް ނުހުއްޓުވޭ ކަމަށް ބުނެ އެ ރަށުގެ ބަޔަކު ނުކުމެ ވަގުން ކަމަށް ތުހުމަތުވާ މީހުންނާ ކުރިމަތިލުމުން އެވެ. އެ ކުރިމަތިލުންތަކުގައި ބުދަ ދުވަހުގެ ރޭ ތިން މީހަކަށް އަނިޔާވި އެވެ. އަދި ޑިންގީ އެއްވެސް ވަނީ އަންދާލައިފަ އެވެ.

ރޭ ހިނގި މާރާމާރީގެ ތެރެއިން އަނިޔާވި މީހާ ވަނީ އިތުރު ފަރުވާއަށް މާލެ ވެސް ގެނެސްފަ އެވެ.

ފުލުހުން މިއަދު ބުނީ އެ މަރާމާރީތަކުގެ މައްސަލަ ފުލުހުން މިހާރު ބަލަން ފަށާފައިވާ ކަމަށެވެ. އަދި އެ މާރާމާރީތަކާ ގުޅިގެން ކޯޓް އަމުރެއްގެ ދަށުން، ދިއްފުށިން 32 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަދި އެ މީހާގެ ބަންދުގެ މުއްދަތު ޖަހަން ކޯޓަށް ހާޒިރު ކުރުމުން އޭނާގެ ބަންދަށް 10 ދުވަސް ޖަހައިދީފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ރޭ އެ ރަށުގެ ބަޔަކު ނިކުމެ ވައްކަން ކުރި ކަމަށް ތުހުމަތު ކުރެވޭ މީހުންނައި ކުރިމަތިލައި، ގިނަ އަދަދެއްގެ ފައިސާއާ އެކު މީގެ ކުރިން ފިހާރައަކުން ވަގަށް ނަގާފައިވާ ތިޖޫރިއެއް ވެސް ވަނީ ހޯދައިފަ އެވެ. ހަމަނުޖެހުން ހިނގީ އެކަމުގެ ތެރޭގަ އެވެ. ގާތްގަނޑަކަށް ދެ ލައްކަ ރުފިޔާއާ އެކު ވަގަށް ނެގި، އެ ތިޖޫރި ފެނުނު އިރު އެއްވެސް ފައީސާއެއް ނެތެވެ.

comment ކޮމެންޓް