ފޮނިތޮށި އެމްވީގެ "ޖާދޫ" އަކީ މިއީ!

ކައްކާ ހިތްވާ އަދި ކެއްކުމަށް ރެސިޕީއެއް ހޯދާ ކޮންމެ މީހަކަށް ވެސް އެންމެ ފުރަތަމަ ސޯޝަލް މީޑިއާއިން ލޮލުގައި އަޅައިގަންނާނެ އެއް ފުޑް ބްލޮގާ އަކީ ޔަގީނުންވެސް fonithoshimv އެވެ. އުރީދޫ ބަދިގޭގެ ހަތަރުވަނަ މެހެމާން އަކީ މި ޕޭޖް ހިންގަމުން އަންނަ އާމިނަތު ރުހްސާ އަހްމަދު (ތޫތަ) އެވެ.

ތޫތަގެ ކަލްނަރީ ހަޔާތް ފެށުނީ ވަރަށް ވެސް ތަފާތު ތަޖްރިބާ އަކުންނެވެ. ސްކޫލް ނިންމާލުމަށް ފަހު ތޫތަ މިސްރާބު ޖެހީ ރަޝިޔާއަށެވެ. ބޭނުމަކަށް ވެފައި އޮތީ ޑޮކްޓަރަކަށް ވުމެވެ. ރާއްޖެއާ މުޅީން ތަފާތު ދުރު ގައުމެއްގައި ދިރިއުޅޭން ޖެހުނުއިރު ތާތުއަށް ޖެހުނީ އެތަނުގައި އުޅުނު ދިވެހި ކުދިންނަށް ކައްކާށެވެ. އެއް އިރެއްގައި އެންމެ ފޫހި ކަންތައް، ކެއްކުމަކީ އޭނާ އެންމެ ކުރާ ހިއްވާ ކަންތަކަށް ބަދަލުވީ އެ ދުވަސްވަރު އެވެ. އެންމެ ފަހުން، ތޫތަ މި ދާއިރާގެ ތަޖުރިބާކާރަކަށްވެ، މިހާރުވަނީ އެމްއެންޔޫ އިން ކަލްނަރީ ކޯހާއި ޕެޓިސަރީ ކޯސް ފުރިހަމަކޮށްފަ އެވެ.

ތޫތަގެ ފީޑަށް ދޫކޮށްލާ ކެއުންތަކުގެ ފޮޓޯތަކުން އޭނާ ކެއްކުމަށް ހިފާފައި އޮންނަ ފޯރި އާއި ޝައުގު ނިކަން ރަނގަޅަށް ބުނެދެ އެވެ. ތޫތަ މިހާރު ހާއްސަވެފައި މި ވަނީ، ތަފާތު ރެސިޕީތައް ޓްރައިކޮށް އޭނާގެ ފޭނުންނަށް ގެނެސްދޭ ފުޑް ބްލޮގަރެއްގެ ގޮތުގަ އެވެ.

"އުރީދޫ ބަދިގެ"އަށް ތޫތަ ވަދެ ކެއްކުމުގައި ހޭދަވި ވަގުތުތަކުގައި ފާހަގަވި އެއްކަމަކީ އޭނާއަކީ ކޮންމެ ވަގުތަކުވެސް ވަރަށް 'ކޫލް' ނުވަތަ އަބަދުވެސް ވަރަށް ހަމަޖެހިލައިން ހުންނަ މަޖާ މިޒާޖެއްގެ މީހެއްކަމެވެ. ކެއްކުމުގެ ހުރިހާ ކަމެއްވެސް ވަރަށް ތަރުތީބުން ފަރުވާތެރި ކަމާއިއެކު ކުރާއިރު ތޫތައަށް ކެއްކުން މިއީ، އޭނާގެ ހާޔަތަށް ގެނެސްދޭ ހިތްހަމަޖެހުމެކެވެ.

ދޭތެރެދޭތެރިން ތޫތަ ތައްޔާރުކުރާ ބައެއްތަކެތި އޭނާގެ ފޮލޯވަރުންނަށް ރަހަ ދެއްކުމުގެ ބޭނުމުގައި ވިއްކަ އެވެ. މިފަަދަ ފުރުސަތަކަށް ޖެހޭނީ އޭނާގެ ސޯޝަލް މީޑިއާ އެކައުންޓްތައް ފޮލޯ ކޮށްލާށެވެ.

ކުރިއަށްއޮތް ތިން ދުވަހެއްތެރޭ ފޮނިތޮށިއެމްވީ އަށް އެއް އަހަރު ފުރޭއިރު، ތޫތައާއި މި ނަމާއި އަދި އޭނާގެ ކެއްކުމާއި ގުޅޭ އެތައް ވާހަކައެއް އޭނާވަނީ ސަން އަށް ކިޔައިދީފަ އެވެ.

ކުރިއަށްއޮތް ހަ ދުވަހުވެސް އަހަރެމެންނަށް ރެސިޕީތައް ތައްޔާރުކޮށްލަދޭނީ ތޫތަ އެވެ. އޭނާގެ ކެއްކުމުގެ ޖާދޫ ނުހަނު ޝައުގުވެރި އެވެ.

މި އެޕިސޯޑްތަކުގެ ވީޑިއޯ ނަގައިދިނީ ހުސެއިން ޝަޔާހު އަދި މުހައްމަދު ޝަފީއު އެވެ. އެޑިޓިންގައި ސަންގެ ކްރިއޭޓިވް ޑިރެކްޓަރު މުސްތަފާ މުހައްމަދު ރަޝީދު (މުސްތޮ) ވެސް ބައިވެރިވި އެވެ.

comment ކޮމެންޓް