ސިވިލް ކޯޓަށް ދެ ގާޒީން ހޯދަން އިއުލާނުކޮށްފި

ސިވިލް ކޯޓު ހިންގާ ޖަސްޓިސް ބިލްޑިން --- ސަން ފައިލް ފޮޓޯ/ އިހްތިޝާމް މުހައްމަދު

ސިވިލް ކޯޓަށް ދެ ގާޒީން ހޯދަން އިއުލާނުކޮށްފި އެވެ.

ސިވިލް ކޯޓުގެ ދެ ގާޒީއަކު ދާދި ފަހުން ވަނީ އިސްތިއުފާ ދެއްވާފަ އެވެ. އެއީ ގާޒީ މުހައްމަދު ހަލީމާއި ގާޒީ އަބްދުﷲ ޖަމީލު މޫސާއެވެ.

ޖޭއެސްސީއިން އިއްޔެ ކުރި އިއުލާނުގައި ބުނެފައިވަނީ ސިވިލް ގާޒީ ކަމަށް އެދި ހުށަހަޅަން ބޭނުންވާ ފަރާތްތަކުން ޖޫން 13 ވަނަ ދުވަހުގެ 13:00 ގެ ކުރިން އެ ކޮމިޝަނަށް ހުށަހަޅަން ޖެހޭނެ ކަމަށެވެ.

ގާޒީ ކަމަށް އެދި ހުށަހަޅާ ފަރާތަކީ އުމުރުން 25 އަހަރަށްވުރެ މަތީ މީހަކަށް ވާން ޖެހެ އެވެ. އަދި އިސްލާމީ ޝަރީޢާ ނުވަތަ ޤާނޫނު ނުވަތަ ޤާނޫނާއި އިސްލާމީ ޝަރީޢާގެ ރޮނގުން ފުރަތަމަ ޑިގްރީ ހާސިލުކޮށްފައިވާ މީހަކަށް ވާން ޖެހެ އެވެ.

ފަނޑިޔާރުކަމުގައި ނުވަތަ ޤާނޫނީ ވަކީލުކަން ކުރުމުގައި ނުވަތަ މިދެކަމުގައި މަދުވެގެން ދެ އަހަރު ދުވަހުގެ ތަޖްރިބާ ލިބިފައިވާ މީހަކަށްވެސް ވާން ޖެހެ އެވެ.

ސިވިލް ކޯޓުގެ ގާޒީއަކަށް މުސާރައާއި އެލަވަންސްތައް ހިމަނައިގެން 46،650 ރުފިޔާ ލިބޭނެ އެވެ. އޭގެ އިތުރުން ފޯނު އެލަވަންސް އަދި ރައްޔިތުންގެ މަޖިލީހުންް ކަނޑައަޅާފައިވާ ގޮތުގެމަތިން މެޑިކަލް އިންޝުއަރެންސް ލިބޭނެ އެވެ.

comment ކޮމެންޓް