ގަވައިދާ ހިލާފަށް އުޅޭ ބިދޭސީއަކާއި ދިވެއްސަކާ މާރަމާރީ ހިންގައިފި

މާރުކޭޓެއްގައި ބިދޭސީންތަކެއް ހަރަކާތްތެރި ވަނީ: ހުޅުމާލޭ މާރުކޭޓްގައި ބިދޭސީއަކާ ދިވެއްސަކު ވަނީ މާރަމާރީ ހިންގާފައި --- ސަން ފައިލް ފޮޓޯ/ އަޙުމަދު އަވްޝަން އިލްޔާސް

ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީއަކާއި ދިވެއްސަކު، ހުޅުމާލޭ ލޯކަލް މާރުކޭޓް ތެރޭގައި ތަޅައި މާރަމާރީ ހިންގައިފި އެވެ.

މި މާރަމާރީގެ މައްސަލަ ފުލުހުންނަށް ރިޕޯޓު ކޮށްފައިވަނީ މިދިޔަ އަންގާރަ ދުވަހުގެ ރޭ ދަންވަރު 12:17 އެހާކަށް ހާއިރު އެވެ.

ފުލުހުން މިއަދު ބުނީ، އެ މާރަމާރީގައި ދިވެހި މީހާ އަށް ކުދި އަނިޔާތައް ލިބިފައިވާ ކަމަށެވެ.

"މި ބިދޭސީ މީހާއަކީ، ހުޅުމާލޭ ލޯކަލް މާރުކޭޓްގައި ގަވާއިދާ ހިލާފަށް އުޅޭ މީހެއްކަން ފާހަގަ ކުރެވޭ،" ފުލުހުން ބުންޏެވެ.

އެ މައްސަލަ ހުށަހެޅި ފަރާތުން ދައުވާ ކުރަން ބޭނުން ނުވާތީ 36 އަހަރުގެ އެ ބިދޭސީ މީހާ ދޫކޮށްލި ކަމަށެވެ. ނަމަވެސް އެ ބިދޭސީ މީހާ އަކީ އިމިގްރޭޝަންގެ ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީއެއް ކަމުން އިއްޔެ އޭނާ ހައްޔަރުކޮށް މުއްދަތު ޖަހާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީއަކު މާރަމާރީ ހިންގައިގެން ހައްޔަރުކޮށްފައިވާއިރު، އިއްޔެ ފުލުހުންނާއި އެމްއެންޑީއެފް އިން ހިންގި އޮޕަރޭޝަނެއްގައި ސ. ފޭދޫން މުދާ ބަރުކޮށްގެން ދަތުރުކުރި ދޯންޏެއްގައި ހުއްޓުވާ ބަލައި ފާސްކުރި އިރު، ގަވާއިދާ ހިލާފަށް އުޅޭ ދެ ބިދޭސީއަކު ވަނީ ހައްޔަރު ކޮށްފައެވެ. އެ ދޯނީގައި އެއްވެސް ދިވެއްސަކު ނެތެވެ.

https://sun.mv/119457

ރާއްޖޭ ގަވައިދާ ހިލާފަށް ބިދޭސިން އުޅޭ މައްސަލަ އަކީ އާންމު އަބަދުވެސް ކުރަމުންދާ ޝަކުވާ އެކެވެ. އިމިގްރޭޝަން އިން މީގެ ކުރިން ބުނެފައިވާ ގޮތުގައި ވޯކް ވިސާގައި 144،607 މީހުން ރާއްޖެ އެތެރެވެފައި ވާއިރު، އޭގެ ތެރެއިން 63،000 މީހުން އުޅެނީ ގަވައިދާ ޚިލާފަށް ކަމަށެވެ.

comment ކޮމެންޓް