އާސެނަލާއި ޗެލްސީއަށް މިހާތަނަށް ވިއްކުނީ ޔޫރަޕާ ލީގު ފައިނަލުގެ މަދު ޓިކެޓު ކޮޅެއް

ޝަރަފުވެރި ޔޫރަޕާ ލީގުގެ ތަށި --- ފޮޓޯ/ބެންޖަމިން ނިއުމެން

މިފަހަރުގެ ޔޫރޮޕާ ލީގުގެ ފައިނަލަށް ބާކީ ހަފްތާއެއް އޮތް އިރު ވާދަ ކުރާ ދެ ޓީމަށް ވެސް މިހާތަނަށް ވިއްކުނީ ވަރަށް މަދު ޓިކެޓު ކޮޅެއް ކަމަށް މަޝްހޫރު ނޫހެއް ކަމަށްވާ ދަ ޓައިމްސް އިން ބުނެފި އެވެ.

އެ ނޫހުގައި ޝާއިރު ކޮށްފައިވާ ރިޕޯޓެއްގައި ބުނެފައި ވަނީ އަންނަ ހަފްތާގައި ކުޅުމަށް ހަމަޖެހިފައިވާ ޔޫރޮޕާ ލީގު ފައިނަލުގައި އެތައް ހާސް ހުސް ސީޓުތަކެއް ފެންނާނެ ކަމަށާއި މިއީ މުބާރާތް ހިންގާ ޔޫއެފާއިން ލަދު ގަންނަން ޖެހޭ ވަރުގެ ކަމެއް ކަަމަށެވެ. އަޒަރުބައިޖާނުގެ ބަކޫ އޮލިމްޕިކް ސްޓޭޑިއަމްގައި ކުޅުމަށް ހަމަޖެހިފައިވާ އެ މެޗުގައި ބައްދަލު ކުރާނީ އިނގިރޭސި ދެ ކުލަބު ކަމަށްވާ ޗެލްސީ އެފްސީއާއި އާސެނަލް އެވެ.

ދަ ޓައިމްސްގައި ބުނެފައި ވަނީ މިހާތަނަށް އެ ދެ ކުލަބު އެއް ކޮށްލައިގެން ވެސް ވިއްކިފައި ވަނީ އެންމެ 5،500 ޓިކެޓު ކަމަށެވެ. 68،700 މީހުންގެ ޖާގައިގެ އެ ސްޓޭޑިއަމުގެ ބޮޑު ބައެއް މުބާރާތުގެ ސްޕޮންސަރުންނަށް ދޭން ހަމަޖެހިފައިވާ އިރު ބާކީ އޮތް ބައި ދޭން ނިންމާފައިވަނީ ދެ ކުލަބުގެ ސަޕޯޓަރުންނަށެވެ. ނަމަވެސް ދެ ކުލަބަށް ވިއްކަން ހަވާލު ކުރި ޓިކެޓުތައް މަދު ކަމުން ޔޫއެފާއިން ވަނީ ދެ ކުލަބު އަތުން 6،000 ޓިކެޓު އަނބުރާ ނަގަން ނިންމާފަ އެވެ.

ރިޕޯޓުތައް ބުނާ ގޮތުން މިހާ މަދު އަދަދެއްގެ ޓިކެޓުތައް އެ ދެ ކުލަބަށް ވިއްކުނީ ފައިނަލް ކުޅޭ ބަކޫ ސްޓޭޑިއަމް އަކީ އިނގިރޭސި ވިލާތާއި މާ ދުރުގައި ވާ ތަނަކަށް ވެފައި އެތަނަށް ދިއުމަށް ކުރަން ޖެހޭ ހަރަދު ބޮޑުވީމަ އެވެ.

ޔޫރަޕުގެ އެންމެ ޝަރަފުވެރި ދެ މުބާރާތް ކަމަށްވާ ޗެމްޕިއަންސް ލީގާއި ޔޫރޮޕާ ލީގުގެ ފައިނަލް ކުޅެން ދުވަސް ކޮޅަކަށް ވެފައިވާ އިރު އެ ދެ ފައިނަލުގައި ވެސް ވާދަ ކުރާނީ މުޅިންވެސް އިނގިރޭސި ޓީމު ތަކެވެ. އެގޮތުން ވަންޑާ މެޓްރޯޕޮލިޓާނީ ސްޓޭޑިއަމުގައި އޮންނަ ޗެމްޕިއަންސް ލީގު ފައިނަލުގައި ބައްދަލު ކުރާނީ ލިވަޕޫލާއި ޓޮޓެންހަމް އެވެ.

comment ކޮމެންޓް