އުފަންވީއިރުވެސް ސިއްހީ ގިނަ މައްސަލަތަކެއް، އެހީއެއް ވެދެއްވާ!

އާއިޝަތު ޖީލާން ހަސަން ޒަރީރު---

ދަރިންނަކީ މާތްﷲ ދެއްވާ އެންމެ ބޮޑު އެއް ނިއުމަތެވެ. ދަރިއަކު ލިބެން އުޅޭ ކަމުގެ ޚަބަރު ލިބުމާ އެކު ކެނޑިނޭޅި އިންތިޒާރުކުރެވޭނީ އެ މައުސޫމް ފުރާނަ ދުނިޔެއަށް އަންނާނެ ދުވަހަކަށެވެ. އަބަދު ވެސް ދުއާ ކުރެވޭނީ އެ ދަރިފުޅަށް ފުރިހަމަ ސިއްހަތެއް ލިބުމަށެވެ.

"ދަރިފުޅު އުފަންވީއްސުރެ އުޅެނީ ބަލިވެ. ދުނިޔެއަށް އުފަންވީ އިރު ވެސް ހުރީ ޓްރީޗާ ކޮލިން ސިންޑްރޯމް ކިޔާ ބައްޔެއް ޖެހިފައި. ބަނޑުބޮޑުއިރު ހެދި އެއްވެސް ސްކޭނަކުން ދަރިފުޅަށް މައްސަލައެއްޖެހިފައި ހުރި ކަމެއް ނުދައްކާ،" ކ. ތުލުސްދު އަށް އުފަން އައިމިނަތު ޖީޒާ އޭނާގެ ލޯބިވާ ދަރިފުޅުގެ ވާހަކަ "ސަން ކުލުނު" އާ ހިއްސާކުރަމުން ބުންޏެވެ.

ޖީޒާގެ ދަރިފުޅު އުމުރުން އެންމެ ތިން މަހުގެ އާއިޝަތު ޖީލާން ހަސަން ޒަރީރަށް ވަނީ ޓްރީޗާ ކޮލިން ސިންޑްރޯމް ޖެހިފަ އެވެ. މިއީ ވަރަށް މަދުން ނޫނީ ނުޖެހޭ ބައްޔެކެވެ. އަދި އެ ބަލިން ސަލާމަތްވުމަށް ގިނަ އޮޕަރޭޝަންތަކެއް ކުރަންޖެހެ އެވެ.

ޖީލާން އަކީ އުފަންވި އިރު ވެސް ސިއްހީ ގިނަ މައްސަލަތަކެއް ދިމާވެފައިވާ ހުރި ތުއްތު ފުރާނައެކެވެ. ޖީޒާ ބުނީ ދަރިފުޅުގެ ކަތުރު ކަށިގަނޑު ވެސް ރަނގަޅަށް ނުއުފެދޭ ކަމަށެވެ. އަދި ކަންފަތް ވެސް ފުރިހަމައަށް އުފެދިފައި ނުވާ ކަމަށެވެ. ތަލިވެސް ފުރިހަމައަށް ނުއުފެދެ އެވެ.

"ވަރަށް އުނދަގޫ ދަރިފުޅަށް ނޭވާލާން ވެސް. އަނގަޔަށް ހޮޅިއެއް ލައްވައިގެން ބޭބީ އަށް ފީޑް ވެސް ކުރަންޖެހެނީ. އަބަދުހެން ކަރުތެރޭ ހުންނަނީ ދަވަ ހެދިފައި. އެކަމުގެ ސަބަބުން ވަރަށް އުނދަގޫވޭ ދަރިފުޅަށް ނޭވާލާން،"

"ސަން ކުލުނު"އަށް މައުލޫމާތު ދެމުން ޖީޒާ ބުނީ ދަރިފުޅަށް ހަ މަސް ވަންދެން ފީޑް ކުރަންޖެހޭނީ ހޮޅި ބޭނުންކޮށްގެން ކަމަށެވެ. ޖީޒާ ބުނީ ތަލީގެ ސާޖަރީއެއް އެންމެ އަވަހަށް ވެސް ހެދޭނީ ހަ މަސް ވުމުން ކަމަށް ޑަކްޓަރުން ބުނެފައިވާ ކަމަށެވެ. ހަ މަހާއި 12 މަހާ ދެމެދު ހަދާ އެ ސާޖަރީ އަށް ފައިސާ ބޭނުންވެ އެވެ. އެ ހޮޅި ދެ ހަފްތާ ދެ ހަފްތާއިން ބަދަލުކުރަން ޖެހެ އެވެ.

"ހޮޅި ގަންނަން ޖެހެނީ އަމިއްލައަށް. ރަށަށް ހޮޅި ގެނެސްގެން ޑަކްޓަރުން ހޮޅި ލައްވައިދެނީ،"

ޖީލާންގެ އެހެނިހެން އޮޕަރޭޝަންތައް ކުރެވޭނީ 12 މަހާއި 18 މަހާ ދޭތެރޭގަ އެވެ.

ނޭވާލުމަށް ދަތިވުމުގެ ސަބަބުން ދޭތެރެ ދޭތެރެއިން އޮކްސިޖަން މެޝިންގެ އެހީ ހޯދަންޖެހޭ ކަމަށް އޭނާ ބުންޏެވެ.

"ދަރިފުޅު އެވޭނުގައި އުޅޭތަން ފެނުމުން ވަރަށް އަސަރުކުރޭ،"

"ބޭބީ އަބަދު ވެސް އޮންނަނީ ރޯގާޖެހިފައި. ވަރަށް ގިނައިން ދަވަ ވެސް އުފެދޭ،"

ބޮޑު ގުރުބާނީތަކެއް ވަމުން އަންނަ އެއާއިލާގެ ހިތްހަމަޖެހުމަކީ ތުއްތު ދަރިފުޅު ޖީލާން އެވެ. ދަރިފުޅުގެ ސިއްހަތު ރަނގަޅުކުރުމަށް ކުރަން އޮތް ހުރިހާ ކަމެއް ކުރަން އާއިލާއިން އަތުކުރި އޮޅާލާފައިވާއިރު އެ އާއިލާ އިން އެދެނީ ރައްޔިތުންގެ އެހީއަށެވެ.

އައިޝަތު ޖީލާން ހަސަން ޒަރީރަށް އެހީތެރިވުމަށް

ފޯނު ނަންބަރު: 7752072 (ހަސަން ޒަރީރު/ ޖީލާންގެ ބައްޕަ)

ބީއެމްއެލް އެކައުންޓް ނަންބަރު: 7701139523101 (ޖީލާންގެ ބައްޕަ ޒަރީރު އާ ގުޅިފައިވާ އެކައުންޓް ނަންބަރު)

ނޯޓް: ސަންގެ މި ސެގްމެންޓްގެ ދަށުން ގެނެސްދޭ ފަރާތްތަކަށް އެހީތެރިވުމުގެ ކަންކަން އެ އާއިލާއާ ގުޅިގެން ކުރިއަށް ގެންދިއުން އެދެމެވެ. ފައިސާގެ އެއްވެސް ކަމެއްގައި ސަން އިން ބައިވެރިއެއް ނުވާނެއެވެ. ސީދާ އާއިލާއަށް އެހީތެރިވެ ދެއްވާށެވެ.

އެހީތެރިކަމަށް އެދޭ ފަރާތްތަކުން ސަން ކުލުނުގައި ބައިވެރިވުމަށް ‎9992747 ނުވަތަ ‎9982747 އަށް ގުޅައިގެން ކުރިއަށް ގެންދެވުން އެދެމެވެ.

comment ކޮމެންޓް