އިންތިހާބުގެ ނަތީޖާއިން ބީޖޭޕީއަށް އޮތް އިތުބާރު ހާމަވެެއްޖެ: ރައީސް ސޯލިހް

އިބޫ އާއި މޯދީ ބައްދަލު ކުރެއްވުން -- ފޮޓޯ: ޓްވީޓާ

އިންޑިއާގެ އާންމު އިންތިހާބުގައި ބީޖޭޕީއަށް ލިބުނި ކާމިޔާބުން އެގައުމުގެ ރައްޔިތުން އެ ޕާޓީއަށް އިތުބާރުއޮތްކަން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

އިންޑިއާގައި ބޭއްވި އިންތިހާބުގެ ވަގުތީ ނަތީޖާއިން ބޮޑުވަޒީރު ނަރެންދުރަ މޯދީ އިސްކޮށް ހުންނަވާ ނެޝަނަލް ޑިމޮކްރެޓިކް އެލަޔަންސް (އެންޑީއޭ)އިން ވަނީ ކުރި ހޯދައިފަ އެވެ.

އިންޑިއާގައި ވޯޓުލުމުގެ ހައްގު ލިބިގެންވާ 900 މިލިއަން މީހުންގެ ތެރެއިން ގާތްގަނޑަކަށް 600 މިލިއަން ބައިވެރިވި ވޯޓު ގުނަން ފެށީ މިއަދު ހެނދުނެވެ. އަދި މިހާތަނަށް ގުނާފައިވާ ވޯޓުތަކުން ދައްކާ ގޮތުގައި ގާނޫނު ހަދާ މަޖިލީހުގެ 543 ގޮނޑީގެ ތެރެއިން 303 ގޮނޑީގައި ކުރީގައި އުޅެނީ ބީޖޭޕީގެ ކެންޑިޑޭޓުންނެވެ. އަދި އިދިކޮޅު ކޮންގްރެސްއިން ކުރީގައި އުޅެނީ 110 ގޮނޑީގަ އެވެ.

އިންތިހާބުގައި ބީޖޭޕީއަށް ލިބުނު ކާމިޔާބީއާ މަރުހަބާ ދަންނަވައި ރައީސް ސޯލިހް ކުރެއްވި ޓުވީޓުގައި ވިދާޅުވީ ރާއްޖެއާ އިންޑިއާގެ ގުޅުން އިތުރަށް ބަދަހިވާތަން ދެކެން ބޭނުންވެލައްވާ ކަަމަށެވެ.

ކުރީގެ ސަރުކާރުގައި ރާއްޖެއާއި އިންޑިއާއާ ދެމެދު ގުޅުން ގޯސްވެފައި އޮތް ނަމަވެސް ރައީސް ސޯލިހްގެ ވެރިކަން ފެށުމާއެކު އެ ގުޅުންތައް އަނެއްކާ ޥެސް ވަނީ ބަދަހިވެފަ އެވެ. އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަނީ ރާއިސް ސޯލިހްގެ ހުވާކުރުމުގެ ރަސްމިއްޔާތުގައިވެސް ބައިވެރިވެލައްވައިފަ އެވެ. އޭގެ އިތުރުން ރާއްޖޭގެ ހާރިޖާ ސިޔާސަތުވެސް ދަނީ "އިންޑީއާ ފަސްޓް ޕޮލިސީ" އަށް އިސްކަންދީ ހަދަމުންނެވެ.

comment ކޮމެންޓް