ރޯދައިގެ ވަސިއްޔަތް: ފިތުނަތަކުން ސަލާމަތްވަމާ

މެއި 25، 2019: މި ރޯދަ މަހު އިސްލާމީ މަރުކަޒުގައި ތަރާވީސް ނަމާދުކުރަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ފަހުޒަމާނުގެ ވާހަކަތައް އަޅުގަނޑުމެން ވަރަށް ގިނައިން އަޑުއަހަމެވެ. ނަމަވެސް ފަހު ޒަމާނާމެދު ވިސްނައިލަނީ ކިތައްމީހުން ބާއެވެ!

އަޅުގަނޑުމެން ދިރިއުޅެމުން މިދާ ޒަމާނަކީ ފަހުޒަމާންކަން ހަނދާންހުރީ ކިތައްމީހުން ބާއެވެ!

މާތް ނަބިއްޔާ މުޙަމައްދު صلى الله عليه وسلم ރަސޫލުކަމާއިގެން ފޮނުވުން އެއީވެސް ފަހުޒަމާނުގެ އަލާމާތެކެވެ.

ރަސޫލު ﷲ صلى الله عليه وسلمގެ އަސްހާބު ބޭކަލުންކުރެ ތަމީމުއްދާރީ ރަޟިޔަﷲ ޢަންހު، މަސީހުއްދައްޖާލާ ބައްދަލުވެފައިވާކަމުގައި ސަހީހު މުސްލިމުގައި ރިވާވެގެންވެއެވެ. އެކަލޭގެފާނު ކުރެއްވި ކަނޑުދަތުރެއްގައި ދޯނި ބެހިގެންގޮސް، ދެވުނު ރަށަކުން ދައްޖާލާ ދިމާވިއެވެ. އޭނާ ދުނިޔޭގެ ގައުމުތަކުގެ ވާހަކަތައް އަހައި އޮޅުންފިލުވިއެވެ. އަދި އުއްމިޔަ ނަބިއްޔާ މުހައްމަދު صلى الله عليه وسلمގެ ވާހަކަ އަހައި އޮޅުންފިލުވިކަމަށާއި، އަދި ދައްޖާލު ވީއްލުމުގެ ވަގުތު ކައިރިވެއްޖެ ކަމުގައާއި، މައްކާއާއި މަދީނާ ނޫން އެހެން ހުރިހާ ތަނަކަށް އޭނާ އަރާނޭކަމުގައި ޚަބަރު ކުރިއެވެ. މި ވާހަކަތަކާއެކު ތަމީމުއްދާރި ރަޟިޔަ ﷲ އަންހު، ކީރިތި ރަސޫލާ صلى الله عليه وسلمގެ އަރިހަށް ވަޑައިގަތުމުން، އެކަލޭގެފާނު އެވާހަކައަށް އިގުރާރުވެލައްވައި، މަދީނާގެ މިސްކިތަށް ނިކުމެވަޑައިގެން މީސްތަކުން އެއްކުރެއްވިއެވެ. އަދި ތަމީމުއްދާރީގެ ވާހަކަ އެބޭކަލުންނަށް ކިޔައިދެއްވައި، އިތުރު އެކަލޭގެފާނު ތާއަބަދު ޚަބަރު ދެއްވާ ދައްޖާލަކީ އެއީ ކަމުގައިވެސް ހަދީޘްކުރެއްވިއެވެ.

ފަހުޒަމާނުގައި ކުރިމަތިވާނޭ ފިތުނަތައް ކީރިތި ރަސޫލާ صلى الله عليه وسلم ވަނީ އުންމަތަށް ބަޔާންކޮށްދެއްވާފައެވެ. އޭގެ ތެރެއިން އެއްކަމަކީ ފަހުޒަމާނުގައި އަމާނާތްތެރިކަން އުފުއްލަވާނޭ ވާހަކައެވެ. އަދި މީސްތަކުންގެ ތެރެއިން ދޮގުވެރިޔާއަކީ ތެދުވެރިއެއްކަމުގައި ގަބޫލުކުރެވި، މަކަރުވެރި ޚާއިނުންނަކީ އަމާނާތްތެރިން ކަމުގައި ގަބޫލުކުރެވޭނޭ ޒަމާނެއް ދުނިޔެ ގިޔާމަތްވުމުގެ ކުރިން އަންނާނޭކަމުގައިވެސް ވަނީ ހަދީޘްކުރައްވާފައެވެ.

ގިޔާމަތް ކައިރިވެއްޖެ ކަމުގެ އަލާމާތްތަކުގެ ތެރޭގައި އަމާނާތްތެރިކަން ގެއްލިގެންދިޔުން ހިމެނެއެވެ. އަބޫ ހުރައިރާ رضي الله عنهގެ އަރިހުން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. އެއްދުވަހަކު، ތިމަންމެން ކީރިތި ރަސޫލާ صلى الله عليه وسلم އާއެކު މަޖިލިސް ކުރެއްވުމުގައި ތިއްބައި، ރަށްފުށު މީހަކު އައިސް އެކަލޭގެފާނާ ސުވާލު ކުރެއްވިއެވެ. "ގިޔާމަތް ވާނީ ކޮންއިރަކުން ހެއްޔެވެ؟" ކީރިތި ރަސޫލާ صلى الله عليه وسلم އެކަލޭގެފާނުގެ ސަހާބީންނާ ވާހަކަ ދެއްކެވުމުގައި އެއިންނެވި ގޮތަށް އިންނެވިއެވެ. ބައެއް ބޭކަލުން ކިޔައިއުޅުނެވެ. އޭނާ އެކުރި ސުވާލުގެ އަޑުއިވިވަޑައިގަނެ އެކަމާމެދު ހިތްޕުޅާނުވެގެން ޖަވާބު ނުދެއްވީއެވެ. އަނެއްބަޔަކު ބުންޏެވެ. އެކުރި ސުވާލު އެކަލޭގެފާނަށް އަޑުއިވިވަޑައި ނުގަތީކަންނޭގެއެވެ. ދެން ކީރިތި ރަސޫލާ صلى الله عليه وسلم ދައްކަވަމުން ގެންދެވި. "أَيْنَ أُرَاهُ السَّائِلُ عَنْ السَّاعَةِ؟" "ގިޔާމަތްވާނޭ ވަގުތާ ބެހޭގޮތުން ސުވާލުކުރި މީހަކީ ކޮބައިހެއްޔެވެ؟" އެމީހާ ދެންނެވިއެވެ. "އަޅުގަނޑު މިހުރީއެވެ. އޭ ﷲ ގެ ރަސޫލާއެވެ!" އެހިނދު ހަދީޘްކުރެއްވިއެވެ. "فَإِذَا ضُيِّعَتْ الْأَمَانَةُ فَانْتَظِرْ السَّاعَةَ" "އަމާނާތް ގެއްލިއްޖެނަމަ ގިޔާމަތުގެ އިންތިޒާރު ކުރާށެވެ!" އޭނާ ދެންނެވިއެވެ. "އަމާނާތް ގެއްލޭނީ ކިހިނަކުން ތޯއެވެ؟" ހަދީޘްކުރެއްވިއެވެ. "إِذَا وُسِّدَ الْأَمْرُ إِلَى غَيْرِ أَهْلِهِ فَانْتَظِرْ السَّاعَةَ" "ކަންކަން އޭގެ އަހުލުވެރި ނޫން ބަޔަކާ ހަވާލު ކުރެވިއްޖެނަމަ ތިބާ ގިޔާމަތަށް އިންތިޒާރު ކުރާށެވެ!" (މިޙަދީޘް ރިވާކުރެއްވީ އަލްއިމާމުލް ބުޚާރީއެވެ.)

ފަހު ޒަމާނުގައި މީސްތަކުންގެ ކިބައިގައި އަމާނާތްތެރިކަން ނުހުންނާނޭ ކަން ބަޔާންކުރައްވައި ސަހީހު މުސްލިމުގައި ރިވާވެގެންވެއެވެ. ހުޒައިފާ رضي الله عنه ގެ އަރިހުން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. "ކީރިތި ރަސޫލާ صلى الله عليه وسلم ތިމަންމެނަށް ދެކަމެއްގެ ވާހަކަ ބަޔާންކޮށްދެއްވިއެވެ. އޭގެ ތެރެއިން އެއްކަމެއް ތިމަންނާ ދެކެފީމެވެ. އަދި ތިމަން މިވަނީ، އޭގެ އަނެއް ކަންތައް ދުށުމުގެ އިންތިޒާރުގައެވެ. އެކަލޭގެފާނު ތިމަންމެންނަށް ހަދީޘް ކުރެއްވިއެވެ. ހަމަކަށަވަރުން، އަމާނާތްތެރިކަން އީމާންކަމުގެ އަހުލުވެރިންގެ ހިތްތަކުގެ އެންމެ ފުނަށް ބާވައިލެއްވިއެވެ. (އެބަހީ: އަމާނާތްތެރިކަމަކީ، މީސްތަކުންގެ ހިތްތަކުގެ އެންމެ ފުނުން ގަބޫލުކުރެވޭ، އެ މައްޗަށް އެކަލާނގެ މީސްތަކުން ޚަލްގުކުރެއްވި ފިތުރަތުގެ ތެރެއިންވާ ކަމެއްކަމުގައި ލައްވައިފައި ވެއެވެ.) ދެން އެއަށްފަހު ޤުރްއާން ބާވައިލެއްވިއެވެ. ފެހެ، އެބައިމީހުން ޤުރްއާނުން އެކަން (އެބަހީ: އަމާނާތްތެރިކަން) ދެނެގަތެވެ. އަދި އެބައިމީހުން ސުންނަތުންވެސް، އެކަން ދެނެގަތެވެ. (އެބަހީ: ފިތުރަތުގެ މި މަތިވެރި ފިލާވަޅު ކީރިތި ޤުރްއާނުންނާއި، މާތް ރަސޫލާ صلى الله عليه وسلم ގެ ސުންނަތުން އެބައިމީހުން އުނގެނުނެވެ.)

ދެން އެއަށްފަހު، ދުނިޔެއިން އަމާނާތް އަރުވައިގަތުމުގެ ވާހަކަ ބަޔާންކޮށް ދެއްވިއެވެ. ފަހެ، އެކަލޭގެފާނު ހަދީޘްކުރެއްވިއެވެ. "މީހާ ނިދިޖެހި ކުޑަ ހިނދުކޮޅަކަށް ނިދައިލާހުއްޓެވެ. ފަހެ، އެހިނދު އޭނާގެ ހިތުން އަމާނާތް އަރުވައިގެންފާ ހުއްޓެވެ. ފަހެ، އެހިނދު އެއްޗެއްގައި ހޭކިފައިހުންނަ ކުލައެއް ފިލުވައިލުމުންވެސް، މުޅިން ނުފިލައި ހުންނަ ލައްކޮޅެއް ފަދައިން، އޭނާގެ ހިތުގައި އަމާނާތްތެރިކަމުގެ ވަރަށް ކުޑަކުޑަ މިންވަރެއް މެނުވީ ނުވާހުއްޓެވެ. އެއަށްފަހު އަނެއްކާވެސް އޭނާއަށް ކުޑަކޮށް ނިދިޖެހިދެއެވެ. ފަހެ، އެހިނދު އޭނާގެ ކިބައިން އަމާނާތްތެރިކަމުގެ ބާކީހުރި އެއްޗެއް އަރުއްވައިގެންފާ ހުއްޓެވެ. އެހިނދު، އޭނާގެ ހިތުގައި އޭގެ އަސަރު ހުންނަ ހުށީ، ފޮޅެއް ނެގުމުން، އެ ހުންނަ ފަދައިންނެވެ. (އެބަހީ: މަސައްކަތްކޮށްގެން ނުވަތަ އަލިފާން ކަންޏެއް ޖެހިގެން ނަގާ، ފެންފޮޅު ކަނޑައިގެން ނުގޮސް ހުރެ ހިނދުމުން އެއްވެސް ކަމެއް ނުވާ ފަދައިން އެތަން ސަލާމަތުން ހުރެއެވެ. އެހައި ކުޑަ ގޮތަކަށް ނޫނީ އަމާނާތްތެރިކަން އެމީހެއްގެ ކިބައިގައި ނުވާހުއްޓެވެ.) އެއީ، ތިބާގެ ފައިގައި އަލިފާން ކަންޏެއް ޖެހުމުން އެހުންނަ ފަދައިންނެވެ. ފަހެ، އެ ތަން އުފުލިފައިވާތީ، ތިބާ ދެކޭނޫއެވެ. އެކަމަކު އޭގެ ތެރޭގައި އެއްޗެއްނުވެއެވެ."

(މިހެން ހަދީޘް ކުރެއްވުމަށްފަހު، އެކަން ބޮޑަށް އޮޅުން ފިލުއްވައިދެއްވުމުގެ ގޮތުން) އެކަލޭގެފާނު ކުޑަ އޮއްގައުކޮޅެއް ނަންގަވައި، އެކަލޭގެފާނުގެ ފައިންޕުޅުގައި ހާއްކަވައިލެއްވިއެވެ. (ދެން ހަދީޘް ކުރެއްވިއެވެ.) "ފަހެ، އެއަށްފަހު، މީސްތަކުންގެ ކިބައިން އެކަން (އެބަހީ: އަމާނާތްތެރިކަން) ނެތިގެން ހިނގައިދާ ހުއްޓެވެ. ފަހެ، އޭގެ ތެރެއިން މީހަކު އަމާނާތް އަދާކުރާކަމުގައެއް ނުވާހުއްޓެވެ. އެންމެފަހުން، މީސްތަކުން ބުނާން ފަށާނެއެވެ. އެވެނި ބައެއްގެ ތެރޭގައި އަމާނާތްތެރިއަކު އެބަހުއްޓެވެ. އެންމެ ފަހުން މީހުންނާ މެދުގައި އެއުރެން ބުނާހުއްޓެވެ. އެވެނި މީހާއީ މީސްތަކުންކުރެ ހާދަހާ ހަރުދަނާކަން ހުރި، ހާދަހާ ހޭލުންތެރިކަން ބޮޑު، ހާދަހާ ރަނގަޅު މީހެކެވެ. (އެހެން ބުނާއިރު) އެ މީހާގެ ހިތުތެރޭގައި އީމާންކަމުގެ ރެވި އޮށްޓަރެއްގެ މިންވަރުވެސް ނުވާހުއްޓެވެ."

(ހުޛައިފާ ވިދާޅުވިއެވެ.) ހަމަކަށަވަރުން، ތިމަންކަލޭގެފާނު އެފަދަ ދުވަސްވަރެއް ދެކެލއްވީމެވެ. އެދުވަސްވަރު، ތިމަންނާ އެއްވެސް މީހަކާއެކު ވިޔަފާރީގެ މުޢާމަލާތެއް ކުރެއްވުމުގައި އެއީ ކޮންކޮން ބަޔަކުތޯ ބައްލަވާކަށް ބޭނުމެއްނުވެއެވެ. އެހެނީ، އެއީ މުސްލިމަކު ކަމުގައި ވަނީނަމަ، އޭނާގެ ދީންވެރިކަން ތިމަންގެ ޙައްޤު ތިމަންނާއަށް ފުރިހަމައަށް އަދާކުރުމަށް އޭނާއަށް މަޖުބޫރުކުރާނެކަން ތިމަންނާއަށް ކަށަވަރުވެއެވެ. އަދި އެއީ ޔަހޫދީއެއް ނުވަތަ ނަޞްރާނީއެއް ނަމަވެސް، (އެބައިމީހުންގެ ކިބައިގައި އަމާނާތް އަދާކުރުމަށް ބާރުއަޅާ އީމާންތެރިކަން ނެތްކަމުގައިވިއަސް) އެބައިމީޙުންގެ ކަންކަމާ ޙަވާލުވެހުރި މީހަކު، ތިމަންގެ ޙައްޤު އަދާކުރުވާނެކަމުގެ ޔަޤީންކަން އޮވެއެވެ. (އެބަހީ: އެދުވަސްވަރު މީސްތަކުންގެ މެދުގައި ދީންވެރިކަމާއި އަމާނާތްތެރިކަމުގެ މަތިވެރި ސިފަ އަށަގެންފައިވާތީ، އެއްވެސް ކަމަކާމެދު ކަންބޮޑުވެ، ޖެހިލުންވާކަށް ނުޖެއެވެ.) ނަމަވެސް މިއަދު ކަންތައްތައް މުޅީން ބަދަލުވެފައިވާތީ، ތިޔަބައިމީހުންކުރެ (އެ މީހެއްގެ އީމާންތެރިކަމާއި އަމާނާތްތެރިކަން) ކަށަވަރުވެ ޔަގީންވާ އެވެނި މިވެނި މީހުންނާ އެކުގައި މެނުވީ، ތިމަންކަލޭގެފާނު އެއްވެސް މުއާމަލާތެއް ނުކުރައްވާހުށީމެވެ."

މިފަދަ އެތައް ސައްހަ ހަދީޘްފުޅުތަކެއްގައި ފަހުޒަމާނުގެ ވާހަކަތައް ވަނީ ބަޔާންކުރައްވާފައެވެ. އޭގެ ތެރެއިން އެއް ހަދީޘަކީ ފަހުޒަމާނުގައި ދީން ވިއްކައިލުމުގެ ވާހަކައެވެ.

عَنْ أَبِى هُرَيْرَةَ أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ "بَادِرُوا بِالأَعْمَالِ فِتَنًا كَقِطَعِ اللَّيْلِ الْمُظْلِمِ يُصْبِحُ الرَّجُلُ مُؤْمِنًا وَيُمْسِى كَافِرًا أَوْ يُمْسِى مُؤْمِنًا وَيُصْبِحُ كَافِرًا يَبِيعُ دِينَهُ بِعَرَضٍ مِنَ الدُّنْيَا "

މާނައީ: "ކަނު އަނދިރި ރެއެއްގެ އަނދިރިގަނޑު ފަދަ ފިތުނަތަކެއް ކުރިމަތިވުމުގެ ކުރިން ހެޔޮ އަމަލުކުރުމަށް އަވަސްވެގަންނާށެވެ! އެހައިރުން، ހެނދުނު މުއުމިނެއްގެ ގޮތުގައި ހުންނަ މީހާ ހަވީރު ހުންނާނީ ކާފިރެއްގެ ގޮތުގައެވެ. ނުވަތަ ހަވީރު މުއުމިނެއްގެ ގޮތުގައި ހުންނަމީހާ ހެނދުނު ހުންނާނީ ކާފިރެއްގެ ގޮތުގައެވެ. އަދި ދުނިޔޭގެ މުދާކޮޅަކަށް އޭނާގެ ދީން ވިއްކާލާނެއެވެ."

މިއަދު މީޑިއާގައި އިސްލާމްދީނާ ޚިލާފު އެތައް ޕްރޮގުރާމްތަކެއް ދަނީ ފަތުރަމުންނެވެ. ހަމައެއާއެކު އިސްލާމްދީނުގެ ހަގީގަތް އޮޅުވާލުމަށް ގެނެސްދެވޭ އެތައް ޕްރޮގުރާމްތަކެއްވެސް ކުރިއަށް ދެއެވެ. ދީނުގެ ހުކުމްތައް އޮޅި މީސްތަކުންނަށް އެތައް ތުރާތަކެއްދަނީ ކުރިމަތިވަމުންނެވެ.

މިފަދަ ދަނޑިވަޅުތަކުގައި އަޅުގަނޑުމެން އަމަލު ކުރަންވީ ގޮތް މަތީގައި އެވާ ހަދީޘްގައި ކީރިތި ރަސޫލާ صلى الله عليه وسلم އެ ވަނީ އުންމަތަށް ބަޔާންކޮށްދެއްވާފައެވެ. އެއީ ފިތުނަތަކުގައި ޖެހި ތިމާގެ އީމާންކަން ބީވެގެން ނުގޮސް އީމާންކަންމަތީގައި ދެމިހުރެވޭނެ ހަމައެކަނި މަގަވެ. ހެޔޮ އަމަލު ކުރުމަށް އަވަސްވެގަތުމެވެ. ގިޔާމަތް ކައިރިވާ ހިނދު، ކުރެވޭ އެންމެ ސަޖިދައެއްވެސް ދުނިޔެއާއި ދުނިޔޭގައި ވާހައި އެއްޗަކަށްވުރެ ހެޔޮވެގެންވާ ކަމުގައިވެސް ރިވާވެގެންވެއެވެ.

ފިތުނަތަކުން ސަލާމަތްވުން އެދި ގިނަގުނަ ހެޔޮ އަމަލު ކުރުމަށް އަވަސްވެގަތުމަށް ވަސިއްޔަތް ކުރަމެވެ.

comment ކޮމެންޓް