ޕާޓީތަކަށް ފައިސާ ދޫކުރާ އުޞޫލު ބަދަލު ކުރަން ގޮވާލަން

އޭޕްރިލް 6، 2019: ރައްޔިތުން މަޖިލިސް އިންތިހާބުގައި ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީއަށް ލިބުނު ކާމިޔާބާ ގުޅިގެން ލޮނުޒިޔާރަތް ކޮޅުގައި ބޭއްވި އުފާއުފާޅުކުރުމުގެ ހާއްސަ ހަރަކާތުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒް މޫސާ

ޕާޓީތަކަށް ފައިސާ ދޫކުރަން މިހާރު ހަމަޖެހިފައި އޮތް އުޞޫލަކީ ރަނގަޅު އުޞޫލެއް ނޫނެވެ. އެ އުޞޫލު ބަދަލުކުރަން ކަމާ ބެހޭ ހުރިހާ ފަރާތަކަށް އަޅުގަނޑުމެން ގޮވާލަމެވެ. ޚާއްޞަކޮށް އިލެކްޝަންސް ކޮމިޝަނަށެވެ. ރައްޔިތުންގެ މަޖިލީހަށެވެ. ރައްޔިތުން ޓެކްސްގެ ގޮތުގައި ދައްކާ ފައިސާ ބޭކާރު ގޮތުގައި ހޭދަކުރާ ތަން ބަލަން ތިބުމަކީ އަޅުގަނޑުމެންނަށް ކެތްކުރެވޭ ވަރުގެ ކަމެއް ނޫނެވެ. އިލެކްޝަންސް ކޮމިޝަނުން ބުނާ ގޮތުގައި މި އަހަރު ވެސް ޕާޓީތަކަށް ބެހުމަށް ސައްބީސް މިލިއަން ރުފިޔާ ހަމަޖެހިފައިވެ އެވެ. ޕާޓީތަކަށް ފައިސާ ބައި އެޅެން ޖެހޭ އަދަދަކަށް ވަނީ ތިން ހާސް މީހުންނާއި އެކު ޕާޓީއެއް ރަޖިސްޓުރީ ކުރުމުންނެވެ. ފައިސާ ދޫ ކުރަނީ ޕާޓީގައި ރަޖިސްޓުރީ ކޮށްފައި ތިބި މެމްބަރުން ގެ މައްޗަށް ބެލެވިގެން ނެވެ. ބޮލަކަށް ވަކި އަދަދެއް ކަނޑައަޅައިގެން ނެވެ.

ރާއްޖޭގައި އަލަށް ޕާޓީ ނިޒާމު ތަޢާރަފް ވެގެން އައި އިރު ގިނަ ޕާޓީތައް އުފެއްދުމަށް ހިތްވަރު ދިނުމުގެ ނިޔަތުގައި ސަރުކާރުން ޕާޓީތަކަށް މާލީ އެހީ ފޯރުކުރުވުމުގެ ނިޒާމެއް ގައިމު ކުރީ ކަމުގައި ވެދާނެ އެވެ. އެ އިރު ވެސް އުފެދުނު ބައެއް ކުދި ޕާޓީތަކުން ސަރުކާރުން ޕާޓީތަކަށް ފައިސާ ބަހާ ދުވަސް ކައިރިވުމުން ލޮރީ ބުރެއް ނުވަތަ ޕިކަޕަކަށް މީހުންކޮޅެއް އަރުވައިގެން މާލެ ވަށައި ދުއްވަފާނެ އެވެ. ޕާޓީން ހަރަކާތެއް ބޭއްވި ކަން ދެއްކުމުގެ ނިޔަތު ގަ އެވެ. މިިހާރު ޒަމާން ވަނީ ބަދަލު ވެފަ އެވެ. ޕާޓީ ތައް އުފެއްދުމުގެ ފަހަތުގައި ތިބެނީ މުއްސަދިން ނެވެ. ނުވަތަ ކޮންމެވެސް މަގަކުން މާލީ ތަނަވަސް ކަމަކަށް އަތްފޯރާ ފަށުގައި ތިބޭ މީހުންނެވެ. ބައެއް ޕާޓީތަކަކީ ވަރަށް މުއްސަދި ޕާޓީ ތަކެކެވެ. ބައެއް ޕާޓީތަކުގެ ޚަރަދު ކުރުމުގެ ބާރު އިންތިހާ ދަރަޖަ އަށް ވަރުގަދަ އެވެ.

އެންމެ ފަހުން ބޭއްވުނު އިންތިޚާބުގެ ކާރޫބާރޫގެ ތެރޭގައި އެއް ޕާޓީ އެއްގެ ވެރިއަކު ވިދާޅުވި ގޮތުގައި އޭނާގެ ޕާޓީގެ މަސައްކަތަށް ޚަރަދު ކުރުމަށް ހެޔޮއެދޭ ވިޔަފާރިވެރިން އޭނާ އަށް މިލިއަން ރުފިޔާ އިން އެހީ ފޯރު ކޮށް ދެ އެވެ. އެއީ އާދައިގެ މީހަކު ކުރި ކަމަކަށް ވީ ނަމަ އެމީހަކު ނުފޫޒު ފޯރުވުމުގެ ކޮންމެވެސް ގޮޅިއަކަށް ފެތޭނެ އެވެ. އެންމެ ފަހުން ނިމިގެން ދާނީ ކޮންމެވެސް ކުލައެއްގެ ރިޝްވަތެއްގެ ގޮތުގަ އެވެ.

ފާއިތުވި ދުވަސްތަކުގައި ބައެއް ބޮޑެތި ޕާޓީން ކުދި ޕާޓީގެ ބޭނުން ކޮށްފައި ވަނީ އެ ޕާޓީ އަށް ރައްޔިތުންގެ ގިނަ ބައެއްގެ އެއްބާރު ލުމާއި އެއްބައިވަންތަ ކަމާއި ތަރުޙީބު އޮތްކަން ދެއްކުމަށެވެ. ބައެއް ޕާޓިތަކުގެ އެންމެ އިސްވެރިން ސަރުކާރުގެ ވަޒީފާގައި ބޭރު ޤައުމުގައި މަސައްކަތް ކުރުމަށް ވެސް ފޮނުވާފައިވެ އެވެ. މި ކަމުގައި އަޅުގަނޑުމެންގެ މައްސަލަ އެއް އޮތީ އަކީ ނޫނެވެ. އަޅުގަނޑުމެންގެ ހިތްހަމަ ނުޖެހުމަކީ ޓެކްސްގެ ގޮތުގައި އަޅުގަނޑުމެން ދައްކާ ފައިސާ ޕާޓީ ހިންގުމަށް ބޭނުން ކުރުމެވެ. ބޭރު ޤައުމެއްގައި ހުރެގެން އަމިއްލަ ކުންފުންޏެއް ހިންގާ ގޮތަށް ސިޔާސީ ޕާޓީ އެއް ހިންގުމެވެ.

ސިޔާސީ ޕާޓީއެއް ރަޖިސްޓުރީ ކުރުމުން އެ ޕާޓި އަކަށް އަޅުގަނޑުމެން ޓެކްސް އަށް ދައްކާ ފައިސާ އިން ޚަރަދު ކުރަންވީ ކީއްވެތޯ އެވެ؟ އެ ޕާޓީން ރައްޔިތުންނަށް ކޮށްދެނީ ކޮން ކަމެއްތޯ އެވެ؟ ރައްޔިތުންނަށް އެ ޕާޓީގެ ސަބަބުން ކުރަނީ ކޮން ފައިދާއެއްތޯ އެވެ؟ ރައްޔިތުންނަށް ގެނެސް ދެނީ ކޮންކަހަލަ ހެވެއްތޯ އެވެ؟ އިންތިޚާބަކާ ހަމައަށް ދިއުމުން ރައްޔިތުންގެ މަޖިލީހުގެ އެންމެ ގޮނޑިއެއް ވެސް ކާމިޔާބު ނުކުރެވެ އެވެ. އޭގެ މާނައަކީ ޑެމޮކްރަސީގެ އުޞޫލުން ބަލާ ނަމަ ރައްޔިތުން އެ ޕާޓީގެ ސިޔާސަތަށް ނޫނެކޭ ބުނުމެވެ. ސިޔާސީ މައިދާނުގައި ފައިތިލަ ސާބިތު ކުރެވޭ ހާ ޤާބިލުކަން އެ ޕާޓީތަކަށް އަދި ނުލިބެނީ އެވެ. ރައްޔިތުންނަށް ވިއްކޭނެ ވަރުގެ އެއްޗެއް އެ ޕާޓީގައި އަދި ނެތީ އެވެ. އެ ޕާޓީގެ ވަޢުދުނާމާގައި ބުނާ އެއްޗެއް ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކަށް އަދި ކަމުނުދަނީ އެވެ. މިއީ ބައެއް މީހުންނަށް ބަލައިގަންނަން އުނދަގޫ ވާހަކަ އަކަށް ވެދާނެ އެވެ. އެކަމަކު ފެންނަން އޮތް ޙަޤީޤަތެވެ. ޖަލްސާ ތަކަށް ޙާޒިރުވާ މީހުންގެ އަދަދަށް ބަލާފައި، ވޯޓާ ހަމައަށް ދިއުމުން ޖަލްސާގެ ޙާޒިރީން އެ ފެނުނު ނަތީޖާ ވޯޓުން ނުދައްކާ ކަން އަޅުގަނޑުމެންނަށް ވަނީ ވަރަށް ފަހުން ވެސް ފެނިފަ އެވެ. ޖަލްސާ އަށް ހާޒިރުވި މީހުން ގިނަކަމުން ޝުކުރުގެ ސަޖިދަ އަށް ދިޔަ ތަން ވެސް އަޅުގަނޑުމެން ނަށް ވަނީ ފެނިފަ އެވެ. ނަތީޖާ އިޢްލާނު ކުރުމުން ދުއްވައި ގަންނަން ޖެހުނީ ތަޢުބާ ވާށެވެ.

ސަރުކާރުގެ ބަޖެޓުން ސިޔާސީ ޕާޓީތަކަށް އެހީވެ ދެވޭ ނިޒާމެއް، ދުނިޔޭގެ އެހެން ޤައުމުތަކުގައި އޮވޭތޯ އަޅުގަނޑުމެން ބަލަން ވީ އެވެ. ރަޖިސްޓުރީ ކުރެވިފައި އޮންނަ ހުރިހާ ޕާޓީތަކަށް އެހީ ދެވޭ އުޞޫލެއް އޮވޭތޯ އެވެ. އެކި ކުލަ ކުލައިގެ ސަންދަ އަށް ޚަރަދު ކުރުމަށް އަޅުގަނޑުމެން ނަށް ފައިސާ ބޭނުން ވެ އެވެ. ރާއްޖޭގެ ސިއްޙީ ދާއިރާ އާއި ތަޢުލީމީ ދާއިރާ އަށް ކުރަން ޖެހޭ ޚަރަދު އެހާ ބޮޑެވެ. އައި. ޖީ. އެމް.އެޗް.ގެ އޮޕަރޭޝަން ތިއޭޓަރެއްގެ އެއަރކަންޑިޝަނު ކުރާ މެޝިނުން ފެން ފައިބާތީވެ، ފައިސާގެ ދަތިކަމުން އެކަން ހައްލު ނުވެގެން އުޅޭތާ ވެސް އެތައް ދުވަހެއް ވެއްޖެ ކަމަށް ނޫސްތަކުން މަޢުލޫމާތު ދެ އެެވެ. މިހާރު އަޅުގަނޑުމެން ވަނީ އަލަށް، ވަރަށް ބޮޑެތި ޚަރަދުތަކެއް ކުރަން ފަށައިފަ އެވެ. ސްކޫލު ކުދިންނަށް ހެނދުނުގެ ނާސްތާ ދިނުމެވެ. އަދި އަޅުގަނޑުމެންގެ ރާއްޖޭގެ ކަންތައްތައް ކަމުނުގޮސްގެން ރާއްޖެ އިން ބޭރުގައި ދިރިއުޅޭ މީހުންނަށް ވެސް ކޮންމެވެސް ސަންދަ އެއްގެ ދަށުން އެ މީހުން ދިރިއުޅޭ ތަނަކުން ސިއްޙީ ޚިދުމަތް ދިނުމަށް ހަމަޖައްސުމެވެ. މި ހުރިހާ ކަމަކަށް ވެސް ޚަރަދު ކުރުމަށް ސަރުކާރަށް ފައިސާ ބޭނުން ވެ އެވެ. ސިޔާސީ ޕާޓީތަކަށް ބަހަން ހަމަޖައްސާ ފައި އޮތް ސައްބީސް މިލިއަން ރުފިޔާ އަކީ ހާދަ ބައިވަރު ފައިސާ އެވެ.

ސިޔާސީ ޕާޓީ އުފައްދާ މީހުން ބޭނުން ވަނީ މަޝްހޫރު ވާށެވެ. މަޤްބޫލުކަން ހޯދާށެވެ. ރައްޔިތުންގެ ތާއީދު ހޯދާށެވެ. އެ މީހުންނަކީ ސިޔާސީ ލީޑަރުން ކަަމަށް ދެއްކޭށެވެ. އަދި ކޮންމެވެސް ދުވަހަކުން ޤައުމުގެ ވެރިކަން ލިބޭތޯ ބެލުމެވެ. އެ ދުވަހަކުން އެމީހުންގެ އެޖެންޑާ އާއި އެއްގޮތަށް ޤައުމު ހިންގުމަށެވެ. ކޯފާ ނުވާށެވެ. މިއީ ޙަޤީޤަތެވެ. މިހުރިހާ ކަމަކީ ވެސް ރަނގަޅު ކަންކަމަށް ވެދާނެ އެވެ. އަޅުގަނޑުމެންގެ މައްސަލަ އަކީ ރައްޔިތުންގެ މަޖިލީހުގެ ގޮނޑިއެއް ކާމިޔާބު ނުވެ، ޓެކްސް އަށް އަޅުގަނޑުމެން ދައްކާ ފައިސާ އިން، ޕާޓީ ހިންގައި ގެން މިކަންތައް ކުރަން އުޅުމެވެ. އަޅުގަނޑުމެންގެ ޚަރަދުގަ އެވެ. އެ ބޭފުޅުންގެ އަމިއްލަ ކުރިއެރުން ހޯއްދަވަން، އަމިއްލަ ލަނޑުދަނޑި އަކަށް ވާޞިލު ވުމަށް އަޅުގަނޑުމެން ޓެކްސް އަށް ދައްކާ ފައިސާ އިން ޚަރަދު ކުރަން ޖެހޭނޭ އެއްވެސް ސަބަބެއް އަޅުގަނޑަށް ނުވިސްނެ އެވެ.

ސަރުކާރުން ސިޔާސީ ޕާޓީތަކަށް މާލީ އެހީ ދޭ ނަމަ އެ އެހީ ލިބެންވީ ރައްޔިތުންގެ މަޖިލީހުގައި ގޮނޑި ކާމިޔާބު ކުރި ނިސްބަތުން ނެވެ. އެ ޕާޓީ އަކަށް ވޯޓު ދިން މީހުންގެ އަދަދަށް ބަލައިފަ އެވެ. މިސާލަކަށް ދަންނަވާ ނަމަ ޕާޓީ އަށް ކާމިޔާބު ކުރެވުނު ހުރިހާ ގޮނޑި އަށް ވޯޓު ލީ މީހުންގެ އަދަދަށް ބަލާ ފައެވެ. އަދި އެ އަދަދާ އި ވޯޓު ލެވޭ އާބާދީ ގެ ނިިސްބަތަށް ވެސް ބަލާ ލެވިދާނެ އެވެ. މިސާލަކަށް ދަންނަވާ ނަމަ، ގޮނޑިތައް ކާމިޔާބު ކުރުމުގައި ވޯޓު ލެވޭ އާބާދީގެ އިން ސައްތަ ލިބޭ ފަރާތްތަކަށް ފައިސާގެ އެހީ ލިބޭ ކަަހަލަ ނިޒާމެއް ވެސް ގައިމު ކުރެވިދާނެ އެވެ. ރަޖިސްޓުރީ ކުރެވޭ ކޮންމެ ޕާޓީ އަކަށް ފައިސާގެ އެހީ ދެވޭ ނަމަ ދޭންވާނީ މިފަދަ ކަންތަކަށް އޮންނަ މައިގަނޑު އުޞޫލުގެ ތެރެއިން ނެވެ. ކުލަބު، ޖަމުޢިއްޔާތަކަށް ވެސް ފައިސާ ދޫކުރެވޭ އުޞޫލުން ނެވެ. ރައްޔިތުންގެ މަޖިލީހުގެ ގޮނޑިއެއް ކާމިޔާބު ނުކުރެވޭ ނަމަ މީގައި އަޅުގަނޑަށް ތަފާތެއް ނުފެނެ އެވެ. ފައިސާގެ އިނާޔަތް ނޫން އެހެން ހުރިހާ ކަމެއްގައި ސިޔާސީ ޕާޓީތަކަށް އިސްކަން ދޭން ވާނެ އެވެ. މިސާލަކަށް ދަންނަވާ ނަމަ ރައްޔިތުންގެ މަޖިލީސް ހުޅުވާ ޖަލްސާ ތަކުގައްޔާއި ރިޔާސީ ބަޔާން އިއްވާ ޖަލްސާތަކުގައި އެ ޕާޓީތަކުގެ އިސް ބޭފުޅުން ތިއްބެވުމަށް އިސް ސަފަކުން ޖާގަ ލިބެން ވާނެ އެވެ. މިނިވަން ދުވަހާއި ޖުމްހޫރީ ދުވަސް ފަދަ ދުވަސް ދުވަހު ގައި އޮންނަ ރަސްމިޔާތުތަކުގައި ވެސް އެ ބޭފުޅުންނަށް އިސް ސަފަކުން ޖާގަ ލިބެން ވާނެ އެވެ.

މިހާރު މިއޮތް ވެރިކަމަށް، މި މައްސަލަ ހައްލު ކުރަން ވަރަށް އުނދަގޫ ވާނެކަން އަޅުގަނޑުމެންނަށް ވެސް އެގެ އެވެ. އެހެންނަމަ ވެސް ކަން އޮތްގޮތް ދެއްކުމަކީ އަޅުގަނޑުމެންގެ ވެސް ވާޖިބެކެވެ.

comment ކޮމެންޓް